އިންޓަރނެޓް ބޭންކިންގް މެދުވެރިކޮށް އައްޑޫގައި ފިތުރު ޒަކާތް ބަހައިފި

އައްޑޫސިޓީގެ ރައްޔިތުން ދެއްކި ފިތުރު ޒަކާތް ބީއެމްއެލް މެދުވެރިކޮށް ބަހައިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލްން ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތުގެ ތަފާސް ހިސާބުތަކާއި އެކު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 12،494 ފަރާތަކުން މި އަހަރު ފިތުރު ޒަކާތް ދައްކާފައިވާކަމަށެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު 349،079.37 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފަޤީރުންގެ ގޮތުގައި 1031 މީހަކު ވަނީ ރަޖސްޓަރީ ކޮށްފައެވެ. 

އެންމެ ގިނަ އަދަދެއްގެ މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ އައްޑޫސިޓީގެ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ރަށްކަމަށްވާ، ހިތަދޫއިންނެެވެ. ހިތަދޫގެ 541 މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާއިރު، ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައިވަނީ 6348 މީހުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި 182430.61 ރުފިޔާ ލބިފައިވާއިރު މީހަކަށް ޖެހޭނީ 337.21 ރުފިޔާއެވެ.

ހިތަދޫުއަށް ފަހު އެންމެ ބޮޑު އާބާދީއެއް އޮންނަ ފޭދޫއިން 2118 މީހަކު 63132.69 ރުފިޔާ ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައެވެ. ފޭދޫއިން 111 މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާއިރު ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ލިބޭނީ 568.76 ރުފިޔާއެވެ.

މަރަދޫއިން ފަޤީރުންގެ ގޮތުގައި 72 މީހަކު ރަޖިސްޓަރީ ކޮށްފައިވާއިރު އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭނީ 588.94 ރުފިޔާއެވެ. މަރަދޫއިން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 42403.68 ރުފިޔާ ލިބިފައިވާއިރު، ފިތުރު ޒަކާތް ދައްކާފައިވަނީ 1554 މީހެކެވެ.

މަރަދޫފޭދޫއިން ފިތުރު ޒަކާތުގެ ގޮތުގައި 21،494.39 ރުފިޔާ ލިބިފައިވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓާރ ކޮށްފައިވަނީ 62 މީހެކެވެ. އެހެންކަމުން ކޮންމެ މީހަކަށް ލިބޭނީ 341.18 ރުފިޔާއެވެ.އެ ރަށުން ފިތުރު ޒަކާތް ދައްކާފައިވަަނީ 840 މީހެކެވެ.

ހުޅުދޫއިން 560 މީހަކު ފިތުރު ޒަކާތް ދައްކާފައިވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ 136 މީހުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 14،835 ރުފިޔާ ލިބިފައިވާއިރު ފިތުރުޒަކާތުގެ ގޮތުގައި މީހަކަށް ލިބޭނީ 109.08 ރުފިޔާއެވެ. މީދޫގެ 1074 މީހުން ފިތުރު ޒަކާތުގެ ގޮތުގައި 24783 ރުފިޔާ ދައްކާފައިވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރު ކޮށްފައިވަނީ 109 މީހެކެވެ. އެހެންކަމުން ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ލިބޭނީ 227.37 ރުފިޔާއެވެ. އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި ފިތުރު ޒަކާތުގެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ބީއެމްއެލް އިން ވަނީ ފައިސާ ޖަމާކޮށްފައެވެ.



ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.