އާފަތިސް އީދު ބަދިގެ: މުޣުލައި ކުކުޅު

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާނެ ބާވަތްތައް:

½ ކިލޯ ކުކުޅު

1 ½ މޭޒުމަތީ ސަމުސާ އިނގުރު-ލޮނުމެދު (ޗަސްކޮށްފައި)

1 ސައިސަމުސާ މިރުސް ޕައުޑަރު

½ ސައިސަމުސާ ރީނދޫ

½ މޭޒުމަތީ ސަމުސާ ކޮތަނބިރި ޕައުޑަރު

1 ސައިސަމުސާ ދިރި، ރޯސްޓުކޮށް މުގުރާފައި

1 ސައިސަމުސާ ލޮނު

1 ½ މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ކުކުޅު މެރިނޭޓުކުރުމަށް ބޭނުންވާ ހުރިހާ ބާވަތްތައް ކުކުޅާ އެއްކުރުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ރަނގަޅަށް މަތި ބަންދުކުރުމަށްފަހު ބައިގަޑިއިރު ބަހައްޓާށެވެ.

ހަވާދަށް ބޭނުންވާނެ ބާވަތްތައް:

3 މޭޒުމަތީ ސަމުސާ ޔޯގަޓު

9 ނުވަތަ 10 ކެޝޫ ނަޓު

9 ނުވަތަ 10 އާމަންޑު ނަޓު

މޭޒުމަތީ ސަމނުސަލެއްގެ ކާށި ހުނި

ފެހި މިރުހެއް (ދިގު، ތޮޅި މިރުހެއްް)

2 މޭޒުމަތީ ސަމުސާ ފިޔާ (ތެލުލި ފިޔާ)

1 މޭޒުމަތީ ސަމުސާ ތާޒާ ކޮތަނބިރި ފަތް

5 ނުވަތަ 6 ކުދީނާ ފަތް

މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ނުވަތަ ތިން ސަމުސާ އަޅައިގެން ހަވާނދުގަނޑު ފުނޑާށެވެ. ޕޭސްޓުގަނޑަކަށް ވީމާ މިކްސަޗަރު ނިއްވާލާށެވެ.

ކައްކާނެ ގޮތް:

¼ ޖޯޑު ކައްކާ ތެޔޮ

8 ނުވަތަ 9 ފުއް އަސޭމިރުސް

3 ނުވަތަ 4 ކަރަންފޫ

1 މޭޒުމަތީ ސަމުސާ ދިރި

2 ނުވަތަ 3 ފެހި ކާފޫރުތޮޅި

1 ކަޅު ކާފޫރު ތޮޅި

2 ބޭ ލީފް

އުނދުން މައްޗަށް ފުން ތަވައެއް އުދައި މި ބާވަތްތައް މީރުކުރާށެވެ. މީރުކުރެވުމުން މެރިނޭޓުކުރި ކުކުޅު ތަވަޔަށް އަޅައިގެން ފުށުން ޖަހަމުން 2 ނުވަތަ 3 މިނެޓު ވަންދެން ރޯ ފިލުވާށެވެ. އެއަށްފަހު ތަވާގެ މަތި ޖަހައި ފަސް މިނެޓު ވަންދެން މަޑު ގިނީގައި ބަހައްޓާށެވެ.

ފަސް މިނެޓު ވުމުން ފުނޑާފފައި ހުރި ހަވާދު އަޅައިގެން ދޭފަތުން އެއްކުރަމުން އިތުރު ފަސް މިނެޓު ކައްކާށެވެ.

ދެން ބައި ޖޯޑު ޔޯގަޓު އެއްކުރާށެވެ. ދެން ގިނި ގަދަކޮށް އަނެއްކާވެސް ފަސް މިނެޓު ކައްކާށެވެ. ތެލާއި ހަވާދު ދެބައިވެ ވަކިވުމުން ފެން ޖޯޑެއް އަޅައި އެއްކުރުމަށްފަހު ގަރަމް މަސާލާ ސަމުސަލެއް އެއްކުރާށެވެ. ދެން ތެލުލި ފިޔާ ކުކުޅުގެ މައްޗަށް ބުރުވައިލުމަށްފަހު ތަވައިގެ މަތި ޖެހުމަށްފަހު 10 މިނެޓު ކައްކާށެވެ.

ދިހަ މިނެޓު ވުމުން މަތި ނެގުމަށްފަހު ބައި ޖޯޑު ޔޯގަޓު އެއްކުރާށެވެ. މަޑުގިނީގައި ބަހައްޓައިގެން ޔޯގަޓާއި ހަވާދު އެކުވުމުން މިރުސް ހަތަރުފަޅި ކޮށްފައި ތަވަޔަށް އަޅަށެވެ. ދެން ކޮތަނބިރި ފަތް އަޅާށެވެ. ދެން ދޭފަތުން އެއްކުރުމަށްފަހު މަތިޖަހައިގެން 3 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާށެވެ.

ބަތް ނުވަތަ ރޮށްޓާއެކު މުޣުލައި ކެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.