މިއަދު ނިޔާވި މަނަދޫ މީހާ ނިޔާވީ ކޮވިޑް-19 އާއި ގުޅިގެންނެއް ނޫން

މިއަދު ނިޔާވި އުމުރުން 80 އަހަރުގެ މަނަދޫ މީހާގެ މަރާއި ކޮވިޑް-19 އާއި ގުޅުމެއް ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޕީއޭގެ ފަރާތުން މައުލޫމާތު ދެއްވަމުން ޑރ. މޫސާ މުރާދު ވިދާޅުވިގޮތުގައި އެމީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ހޯދި މީހެއް ނަމަވެސް އާނާ ނިޔާވެފައިވަނީ ކޮވިޑް-19 އަށް ނެގަޓިވްވި ފަހުންނެވެ. ޑޮކްޓަރު އިތުރަށް ވިދާޅުވީ ބެލިބެލުމުން އެނގުނު ގޮތުގައި އޭނާ ނިޔާވެފައިވަނީ އެހެންކަމެއްގެ ސަބަބުން ކަމަށެވެ. އަދި ޑީއެޗް ގައި ވެސް އޭނާއަށް ފަރުވާ ދެމުންދިޔައީ އެހެން މައްސަލަތަކެއްގައި ކަމަށާއި ނެގެޓިވް ވުމާއެކު ފަރުވާ ކުރަމުން އައިސް ކޮމްޕްލިކޭޝަންތަކެއްް ދިމާވުމުން އޭނާ ނިޔާވީކަމަށެވެ. 

މި މީހާ ވަނީ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރަނގަޅު ވެފައެވެ. އޭނާ ކޮވީޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ހާލު ދެރަވެގެން ނ. މަނަދޫ ހޮސްޕިޓަލުން  މާލޭ އައިޖީއެމްއެޗް  ހޮސްޕިޓަލަށް ބަދަލުކުރެވުމުން އެ ހޮސްޕިޓަލުގެ އުސޫލުތަކާއި އެއްގޮތަށް ޓެސްޓު ހެދުމުންނެވެ. އެއީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އެމީހާ މި ބަލިން ރަނގަޅު ވެފައިވާކަމަށް މިދިޔަ ހޯމަ ދުވަހު އެޗްޕީއޭއިން ވަނީ އަންގާފައެވެ.

 އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މި މީހާ މަރުވީ މިއަދުގެ އިރުއޮއްސުނު ފަހުންނެވެ. މި މީހާއަކީ ނ. މަނަދޫއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުން މި މީހާއާއި ކޮންޓެކްޓްވި މަނަދޫގެ 9 މީހަކު ފަހަގަކުރެވި ޓެސްޓުހެދުމުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.