(20 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެއީ އެ މީހަކު އަމިއްލައަށް ލިބިގަންނަ މުސީބާތެއް. މެހެމަލް. އަހަރެމެންގެ ތެރެއިން އެކަކީވެސް މުޅީން ކުށުން ބަރީއަވެގެންވާ މީހެއް ނޫން."
"ނޫން... ތިޔައީ އަހަރެން ގަބޫލު ކުރާ ވާހަކައެއް ނޫން." މެހެމަލްގެ ހިތުގައި އޮތް ރުޅިވެރިކަން ކޮންމެވެސް ވަރަކަށް ފައުޅުވާން ފަށައިފިއެވެ. "އަންހެން ކުއްޖަކަށް އޭނާގެ ދެބެއިންގެ ދެދަރި ފިރިހެން ކުއްޖަކު މަކަރު ހެދީ. އިންނާން އަހަނީ ކަމަށް ހީވާ ގޮތަށް ވާހަކަ ދައްކައި އޮޅުވާލައިގެން ކާން ގެންދަނީ ކަމަށް ބުނެ ރީތިވެ ނަލަ ވެގެން އަންނާށޭ ބުނީ. ދެން ހެދި ގޮތަކީ އޭނާގެ ޢައްޔާޝް އެކުވެރިއަކަށް އަންހެން ކުއްޖާ އެއް ރެއަށް ވިއްކައިލީ. މިއީ އެއްވެސް ކަމަކާ ނުލައި ކުރިމަތިވީ މުސީބާތެއް ނޫންތަ؟ ކަމަކާ ނުލައި ދިން އަނިޔާއެއް ނޫންތަ؟"
"ނޫން."
"ނޫނެކޭ؟" މެހެމަލް ޔަގީންކަމެއް ނެތް ގޮތަކަށް ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ.
"އާނ. އެއީ އެއްގޮތަކަށްވެސް ކަމަކާ ނުލައި ވީ ކަމެއް ނޫން. ތިޔަ ކަހަލަ ކަންތައްތަކުން ސަލާމަތްވާން ކަންތައް ކުރަން ޖެހޭ ގޮތް ﷲ ތަޢާލާ ވަނީ އަންގަވައިފައި. މަޙްރަމަކަށް ނުވާ މީހަކަށްޓަކައި ތިޔަ ބުނާ ގޮތަށް ނަލަވެ ތައްޔާރުވުމަކީ ކޮށްގެން ނުވާނޭ ކަމެއްކަން އެ ކުއްޖާ ދަންނާނެ. ދެބެއިންގެ ދެދަރި މީހުންނަކީ މަޙްރަމުންނެއް ނޫން. ދެބެއިންގެ ދެދަރި މީހަކަށް ވިޔަސް އަދި އެހެން މީހަކަށްވިޔަސް ތިމާގެ ހަށިގަނޑާއި މޫނުގެ ރީތިކަން ހިލޭ މީހަަކަށް ދައްކައިގެން ނުވާނޭކަންވެސް އެ ކުއްޖާ ރަނގަޅަށް ދަންނާނެ. އެފަދަ ރައްކާތެރި ފިޔަވަޅެއް ނާޅާ ނަމަ މުސީބާތާ ކުރިމަތިވާނެ. ދެން ނިކަން ބުނެބަލަ. އެއީ އެ ކުއްޖާ އަމިއްލައަށް ލިބިގަތް އަނިޔާއެއްތަ؟ ނޫނީ އެއްވެސް ކަމަކާ ނުލައި ހިނގި ކަމެއްތަ؟"
މެހެމަލް ފަރިޝްތޭއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. އޭނާ އިސް ޖަހައިލައިގެން އިނދެ މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.
"ދެބެއިންގެ ދެދަރި މީހާޔާއެކު މިނިވަންކަމާއެކު ނުކުމެގެން އައުމުގެ ކުރީން ކޮންމެވެސް މީހަކު ﷲ ތަޢާލާގެ އަމުރުފުޅު އެ ކުއްޖާއަށް އަންގައިދޭނޭކަން ޔަގީން. އެއީ މީހަކަށް ނުވިއްޔާ އަމިއްލަ ޒަމީރު ކަމުގައިވެސް ވެދާނެ. އެކަމަކުވެސް އެ ކުއްޖާ އަޅައިނުލީ. އިވުނު ކަމަށް ނުހެދީ. އެފަދަ ހާލަތެއްގައި ﷲ ތަޢާލާ އެ ކުއްޖާގެ އަބުރާއި ޢިއްޒަތް ރައްކާތެރި ކޮށް ދެއްވައިފިއްޔާ އެއީ އެކަލާނގެ ރަޙްމަތް. ކުރައްވާން ޖެހިވޮޑިގެން ނުވާ ކަމެއް ކޮށްދެއްވީ. މެހެމަލް. އަހަރެމެންނަކީ އަހަރެމެން އަމިއްލައަށް ހީކޮށްގެން މިތިބޭ ވަރުގެ ކުށެއް ނެތް ބަޔަކީމެއް ނޫން."
އޭނާގެ ކޮންމެ ޖުމުލައެއް މެހެމަލްގެ ހިތަށް ވައްޓައިލާ ބޮމެކޭ އެއްފަދައެވެ.
ފަވާދްގެ އޮފީހުގައި މަސައްކަތް ކުރުން އާޣާޖާން އޮތީ މަނާ ކޮށްފައެވެ. ޙަސަން އެކަމާ ދެކޮޅު ހެދިއެވެ. ސިދްރާގެ އެންގޭޖްމަންޓް އޮތް ދުވަހު ޙަސަން ދެއްކީ އެ ވާހަކައެވެ. އޭނާ އަތުގެ ކުޑަހުޅަށް ބަލައިލިއެވެ. މިހާރުވެސް ފެންނާން އެހެރީ އެ ދުވަހުގެ ޒަޚަމްގެ ނިޝާނެވެ. އެއީ ތެދެކެވެ. ޙަސަން އޭނާއަށް އިންޒާރު ދިނެވެ. ޚަބަރުދާރު ކުރިއެވެ.
"ފަރިޝްތޭ... އަހަރެން... ހަމަ ހަގީގަތުގައިވެސް އަހަރެން..."
"އަމިއްލަ މޮޔަކަން އެހެން މީހެއްގެ ބޮލުގައި އަޅުވާން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން. ފަތިސް ނަމާދު ވަގުތު ޖެހިއްޖެ. ނަމާދު ކޮށްލަމާ ބަހީ."
ފަރިޝްތޭ ތެދުވެއްޖެއެވެ. އެކަމަކު މެހެމަލް އިންގޮތަށް އިނީއެވެ.
ހަގީގަތުގެ މޫނުބަލާ ލޯގަނޑަކީ ހައުދަހައިވާ ބިރުވެރި ތަސްވީރެއް ދައްކައިދޭ އެއްޗެކެވެ. މީގެ ކުރީން ހިނގައިފައި ހުރި އެތައް ކަމެއް އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ. ފަރިޝްތޭ އެ ދެއްކީ ރަނގަޅު ވާހަކައެކެވެ. އެންމެ ބޮޑު ކުށްވެރިއަކީ އޭނާއެވެ. ފަވާދާއެކީ އޭނާ ދިޔައީ ކީއްވެގެން ހެއްޔެވެ؟ ކާރަށް އެރީ ކީއްވެގެން ހެއްޔެވެ؟ މުޞްޙަފާއި ހިތާ ދޭތިން އެކައްޗެއް ޚިޔާރު ކުރާން ޖެހުނީމާ ހިތް އިޚްތިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟
އޭނާ ތެމިފައިވާ ނަޒަރު އުފުލައި ބަލައިލިއެވެ. ފަރިޝްތޭ ހަމަޖެހުމާއެކު ރުކޫޢަށް ދަނީއެވެ. ކުރިމަތީން ފެންނާން ހުރި ބޯޑު ހަމަ އެ ގޮތަށް ވިދައިލަވިދައިލާ އެބަހުއްޓެވެ.
"އަހަރެންމެން ޖަމާކުރާ ތަކެއްޗަށްވުރެ ޤުރްއާން މާ ރަނގަޅެވެ."
އޭނާގެ ހިތް ރޮނީއެވެ.
އޭނާ އެ ކަޅު އަންހެން ކުއްޖާއަށް މުޞްޙަފް އަނބުރައި ދިނީ ކޮންފަދަ ބޮޑު ކިބުރުވެރިކަމަކާއެކު ހެއްޔެވެ؟ އޭނާގެ އަޑުގައި އެ ދުވަހު ހުރީ ނުރުހުމުގެ އަސަރެވެ. ޓީވީން ބަންގި ގޮވަން ފެށީމަޔާއި ޤުރްއާން ކިޔަވާން ފެށީމާ އޭނާ ޗެނަލް ބަދަލު ކޮށްލައެވެ. އެއީ އޭނާގެ ކަންފަތަށް ތުރާ އަޑެކެވެ. ޤުރްއާން ކިޔެވުމަކީ އެހައިމެ ބުރަ ކަމެކެވެ. ފަތިސް ނަމާދު ކޮށްފައި ހުރީ ހާލަކުން ދުވަހަކުއެވެ. އެކަމަކު މިއަދު އޭނާ އެހެރީ ފަރިޝްތޭއާއެކު ފަތިސް ނަމާދު ކުރާށެވެ.
"އަޅުގަނޑުގެ ﷲ... އަޅުގަނޑުގަނޑު ގެއަށް ފޮނުއްވައި ދެއްވައިފާނދޭވެ." އޭނާއަށް އަނެއްކާވެސް ރޮވޭން ފަށާއިފިއެވެ. އޭނާ ދަންނަވަނީ އޭނާއަށް އެނގޭ ގޮތަށެވެ. ދުޢާ ކުރާ ގޮތާއި ކަންކަމަށް އެދި ﷲ އަށް ދަންނަވާ ގޮތެއް އަދި އޭނާއަކަށް ރަނގަޅަކަށް ނޭނގެއެވެ. "މިއަދު އަޅުގަނޑު ހުވައި ކުރަން. މީގެ ފަހުން ދުވަހަކުވެސް ފަވާދާއެކު އެކަހެރިއެއް ނުވާނަން. އޭނާޔާ އެކަނި ބައްދަލެއް ނުކުރާނަން. އަޅުގަނޑު ހުވައި ކުރަން."
ދުޢާ ކޮށް ނިމުނީމާ ހިތްހަމަ ޖެހުނެވެ.
"ފަރިޝްތޭ. އަހަރެން ސުވާލެއް ކޮށްލަންތަ؟" ސިޑިން މައްޗަށް އަރަމުން އޭނާ އަހައިލިއެވެ.
"ކުރޭ."
"ކަމެއް ނުކުރާން ހުވައި ކޮށްފިއްޔާ ﷲ ގަބޫލު ކުރައްވާނެތަ؟"
"އެކަހަލަ ހުވައި ކުރުމަކީ ﷲ ނުރުއްސަވާ ކަމެއް. ހުވަޔަކުން ތަގުދީރެއް ބަދަލެއް ނުވާނެ. ވާން ހުރި ކަމެއް ވާނެ."
"ހުވައި ކޮށްފިއްޔާޔޯ؟"
"ހުވައި ކޮށްފިއްޔާ މަރު ދުވަހާ ހަމައަށް ހުވައިގެ މަތީގައި ދެމިހުންނާން ވާނެ." ހަމަ ބިމަށް އަރައިފައި ފަރިޝްތޭ އޭނާޔާ ދިމާއަށް ބަލައިލިއެވެ. "މިތަނުން ސަލާމަތް ވެގެން ގޮސް އެވެނި މިވެނި ކަމެއް ކުރާނަމޭ ކިޔައިފައި ވިޔާނުދާ ހުވައި ނުކުރާތި."
"ސަލާމަތް ވެގެންނޭ؟" މެހެމަލްގެ ހިތް ބާރަށް ތެޅޭން ފަށައިފިއެވެ.
"އާނ. މެހެމަލް ތިޔަ އުޅެނީ ގެއަށް ނުދެވިގެންނެއްނު؟ އަހަރެން ގެންގޮސް ދޭނަން." ފަރިޝްތޭ އަދިވެސް ހުރީ އޭނާޔާ ދިމާއަށް ބަލަހައްޓައިގެންނެވެ.
"ހުއްޓުނީ ކީއްވެގެން؟ އާދޭ."
"ފަރިޝްތޭއަށް އެނގުނީ ކިހިނެއް؟"
"މެހެމަލް. ބުނަންތަ؟ ދަމުނަމާދުގެ ވަގުތު ޢަބާޔާ ލައިގެން އެއްވެސް ކުއްޖަކު މިތާކު ނޫޅޭނެ. ދެވަނަ ކަމަކަށް މެހެމަލް ލައިގެން ތިޔަހަރީ އަހަރެންގެ ޢަބާޔާ. އަޅައިގެން ތިޔަހަރީ އަހަރެންގެ ބުރުގާ. މެހެމަލް ހަތަރެސްފައި ޖަހައިގެން މިތަނަށް ވަންތަން އަހަރެން ދުށިން. ފާރުމަތީން ފުންމާލިތަންވެސް ދުށިން."
މެހެމަލް އޭނާ ލައިގެން ހުރި ޢަބާޔާގެ މައްޗަށް ނަޒަރު ހިންގައިލިއެވެ. އޭނާ ހުރީ ހައިރާން ވެފައެވެ.
"އަހަ... އަހަރެން..."
"ހުމާޔޫންގެ ކޮޓަރީގެ ފާޚާނާގެ ކުޑަދޮރު ހުޅުވޭނީ މިތާގެ ޓެރަހަށް. އޭނާ މެހެމަލް ފާޚާނާގައި ބަންދު ކުރީތަ؟ އަހަރެން އޭނާޔާ ވާހަކަ ދައްކާނަން. އެހެން ހަދާކަށް ނުވާނެ. އޭނާ ވަރަށް ހަރުކަށި ވާނެ. އެކަމަކު އެއީ ރަނގަޅު މީހެއް... އާދޭ." މެހެމަލްގެ މޫނު މައްޗަށް އަރަމުންދާ ކުލަވަރަށް ބަލައިފައި އަނެއްކާވެސް އޭނާ ބުނެލިއެވެ. "ހުމާޔޫން އަކީ އަހަންނާ ދެބެއިންގެ ދެދަރި މީހެއް. އެއީ ނުބައި މީހެއް ނޫން... އާދޭ." ދެމީހުން ހިނގައިފައި ދިޔައީ ބޭރަށް ނުކުންނާށެވެ.
އެވަގުތު މީހަކު ދޮރާށީގައި ތަޅައިގަތް އަޑު އިވުނެވެ. އަދި ރަނގަބީލުވެސް ޖަހައިފިއެވެ. ފަރިޝްތޭ ފުން ނޭވައެއް ލިއެވެ. "ކުއްޖާޔާ... އާދޭ." އޭނާ މެހެމަލްގެ އަތުގައި ހިފައިގެން ދޮރާށްޓާ ހަމައަށް ގެންގޮސްފިއެވެ. އެޔަށް ފަހު އަތުން ދޫކޮށްލައިފައި ދޮރާށި ހުޅުވައިލިއެވެ. އަދި ބޭރަށް ނުކުމެއްޖެއެވެ.
"ފަރިޝްތޭ. މިތަނަށް..." ބޭރުން އިވުނީ ފިރިހެނެއްގެ އަޑެވެ.
"އައްސަލާމް ޢަލައިކުމް. މިއީ ކޮންފަދަ ކަންތައްގަނޑެއް. މައްސަލަ ޖެހިގެން އުޅެނީ އޭނާގެ ބޭބެޔާނު؟ އޭނާ ފާޚާނާގައި ބަންދުކުރީ ކީއްވެގެން؟"
"އަހަރެން ކަންތައް ކުރީ ހަމަ ރަނގަޅަށް. އޭނާ ކޮބާ؟" އޭނާ ނުރުހިފައި އަހައިލިއެވެ.
މެހެމަލް ވަރަށް ބޮޑަށް ބިރުގެންފިއެވެ. އެއީ އޭނާއެވެ. އޭނާގެ އަޑު މިހާރު މެހެމަލަށް އެނގެއެވެ. މެހެމަލް އަދިވެސް ހުރީ ދޮރާށިން އެތެރޭގައެވެ. ފަރިޝްތޭ ހުރީ ބޭރަށް ނުކުމެ ދޮރާށިމަތީގައެވެ.
"އޭނާ އަހަރެން ގާތު އެބަހުރި. އެކަމަކު އޭނާޔާ މުއާމަލާތް ކުރަން ވާނީ ރަނގަޅަށް." ފަރިޝްތޭގެ އަޑުގައިވެސް ހުރީ ހަރުކަށިކަމެވެ.
"ކޮބައިތަ އޭނާ..؟"
"ހުމާޔޫން. އޭނާއަކީ ކުށްވެެރިއެއް ކަމަށް ހަދައިގެން ނޫޅޭ. އޭނާގެ ކުށަކީ ކޮބާ؟ އޭނާ ބޭބެއަކަށް އިތުބާރުކޮށްގެން އައީނު؟ އެއީ ކުށެއް ނޫން."
އޭނާ އަމުރުވެރި ރާގަކަށް ވާހަކަ ދައްކަމުން ދިޔައެވެ. މީގެ ކުރިން މެހެމަލް އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދިނީމާ ފަވާދަކީ މަހުރަމެއް ނޫނޭ ކިޔައިގެން ވާހަކަ ދެއްކި މީހާ މިހާރު އެގެންދަނީ މެހެމަލްގެ ކުށެއް ނެތް ކަމަށް ވަކާލާތު ކުރަމުންނެވެ.
"އޭނާގެ ކުށަކީ ފަވާދް ކަރީމާ ދެބެއިންގެ ދެދަރި މީހަކަށް ވުން. އޭނާ ގޮވައިގެން އާދޭ." ހުމާޔޫން ދާވޫދްގެ އަޑުގައި އަދިވެސް ހުރީ ހަމަ އެ ހަރުކަށިކަމެވެ. ފަރިޝްތޭ މެހެމަލް ނުކުންނާން ތަން ދެއްކުމުގެ ގޮތުން އެއް ފަރާތަށް ޖެހިލިއެވެ. އޭނާ މަޑުމަޑުން ބޭރަށް ނުކުމެއްޖެއެވެ. ކުރިމަތީގައި އެހެރީ ހުމާޔޫން ދާވޫދެވެ. މި ފަހަރު ހުރީ ފުލުހުންގެ ޔުނިފޯމުގައެވެ. ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
"އަހަރެން ބުނީމެއްނު؟ އެތާގައި ހުންނާށޭ. އެތަނުން ނުކުމެގެން އައީ ކީއްވެގެން؟"
"އަހަންނަކީ ހުމާޔޫންގެ ނޯކަރަކީމެއް ނޫން. ބުނާހައި ގޮތަކަށް ހަދާކަށް ނުޖެހޭނެ. އަހަންނަށް އަމުރު ކުރަން ތިޔައީ ކާކު؟" ކުރީގެ މެހެމަލް ހަށިފޮޅައިލިއެވެ.
"ކީކޭ؟ ކަލޭ..."
"އަދަބުސަދަބުގެ ތެރޭގައި ހުރެގެން ވާހަކަ ދައްކާ. އެސްޕީ ސާހިބް. އަހަރެން މިހާރު މިހިރީ މިސްކިތެއްގައި. އަހަރެންގެ މައްޗަކަށް ބާރެއް ނުފޯރުވޭނެ."
"ކަލޭ..." ހުމާޔޫން ބުނަން އުޅުނު ވާހަކަ ނުބުނެ ހުއްޓައިލިއެވެ. އަދި ފަރިޝްތޭއާ ދިމާއަށް އެނބުރިލިއެވެ. އޭނާ އަނގައިންވެސް ނުބުނެ އަޑު އަހާން ހުރީއެވެ.
"މީނާ ގާތު ބުނޭ އަހަންނާ އެކީ ދާށޭ. އަހަރެން މިއީ މީނާގެ ދުޝްމިނެއް ނޫން."
ފަރިޝްތޭ މެހެމަލާ ދިމާއަށް ބަލައިލިއެވެ. "މެހެމަލް. ހުމާޔޫންއާއެކު ދޭ. އެއީ ދުޝްމިނެއް ނޫން."
"އަހަރެން އުއިފަށެއްގެ މިންވަރަށްވެސް އޭނާއަކަށް އިތުބާރެއް ނުކުރަން."
"އިތުބާރު ކުރާނެ ކަމެއް ނެތް. އެކަމަކު އެކަނި ގެއަށް ދިއުމާއި ފުލުސް އުޅަނދެއްގައި ގެއަށް ދިއުމާ ތަފާތު ވާނެ. ދޭ އަވަހަށް."
އެއީ އޭނާއަށް ޖަދަލު ކުރެވޭ ކަހަލަ ވާހަކައަކަށް ނުވިއެވެ. އެހެންވީމާ މެހެމަލް ހިމޭނުން ހުރެއްޖެއެވެ.
"އާދޭ." ހުމާޔޫން ބުނެލިއެވެ. މެހެމަލް ހިނގައިގެންފިއެވެ. ހައެއްކަ ފިޔަވަޅު އަޅައިފައި އެނބުރި ބަލައިލިއެވެ. ފަރިޝްތޭ ހަށަން ބަނދެގެން އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އެއީ ތިން ބުރީގެ ބޮޑު އިމާރާތެކެވެ. ހުދު ކުލައިގެ އެ އިމާރާތަކީ އިމާރަތް ކުރުމުގެ ނަމޫނާއަކަށް ބެލެވޭ ވަރުގެ ރީތި އިމާރާތެކެވެ. އެ އިމާރާތަކު ގުއްބެއް މުންނާރެއް ނެތެވެ. އެކަމަކު ފަރިޝްތޭ ބުނާ ގޮތުގައި އެއީ މިސްކިތެކެވެ.
މިސްކިތާ އިން ވެގެން ހުރީ އޭނާ ރޭ އޮތް ގެއެވެ. އެއީވެސް ވަރަށް ރީތި ގެއެކެވެ. ހެނދުނުގެ ފުރަތަމަ އަލި ދޯދިތަކުގެ ތެރެއިން އެ ގެ ފެންނަނީ އިހަށްވުރެވެސް މާ ފުރިހަމައަށެވެ.
ކުރިމަތީގައި އޮތް ފުލުސް ކާރަށް ހުމާޔުން އަރައިފިއެވެ. މެހެމަލްވެސް މަޑުމަޑުން އައިސް ކުރީ ގޮނޑިއަށް އަރައިފިއެވެ.
"އަހަރެން ތިޔަ ގެންދަނީ ގެއަށްތަ؟"
"ނޫން." ފިނި ރާގަކަށް މިހެން ބުނެފައި ހުމާޔޫން ކާރު އިސްޓާޓު ކޮށްލިއެވެ.
"ދެން... ދެން ކޮން ތަނަކަށް..؟"
"ފުލުސް އޮފީހަށް."
"އެކަމަކު އަހަރެން ދާން ބޭނުމީ..."
"މެޑަމް. އަހަރެން މިއީ ބަހުސުކުރާ ހިތްވާ މީހެއް ނޫން. ހިމޭނުން އިނދޭ." ހުމާޔޫން ކާރު ދުއްވައިލިއެވެ.
އޭނާ ތެމިފައިވާ ލޮލަކުން ކުރިމަތީން ފެންނާން އޮތް މަގަށް ބަލާން ފަށައިފިއެވެ. އޭނާގެ ތަގުދީރުގައި ދެން ލިޔެވިފައި އޮތީ ކޮން ކަމެއް ބާވައެވެ؟
(ނުނިމޭ)
Mi prt ves varah reethi...ekkoh kiyaalan libeyne nama ey hithah araa...mihen fuhfukun kiyan v ma varah hithah thuraavey....
ތެދުވާހަކައެއް. ހިތްފަޅައިގެން ދާވަރު ވޭ.