ރޯދަމަޖާ: ކުރިން އިން ގޮނޑި ހޯދުން

ކުރިން އިން ގޮނޑި ހޯދުން

ސިނަމާއެއްގައި ފިލްމު ބަލަން އިން އަންހެނަކާ ޖެހިގެން އިން މީހަކު ބޭރަށް ނުކުންނަންވެގެން ތެދުވި ބާރުގައި އަންހެންމީހާ ފައިތިލަޔަށް އެރިއެރީނުން އަންހެންމީހާއަށް ތަދުވެގެން ތެޅިގަނެވުނެވެ. ނަމަވެސް އެ މީހާ ދެނަހުރިކަމަށްވެސް ނަހަދައި ބޭރަށް ދިޔައީއެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އަންހެން މީހާގެ ކޮނޑުގައި މީހަކު މަޑުމަޑުން އަތްޖައްސައިލުމުން ސިހިގެން ގޮސްފައި އެމީހާ އާ ދިމާލަށް ބަލައިލީމައި ފިރިހެންމީހާ ސުވާލުކޮށްލިއެވެ.

"ކުޑައިރުކޮޅެއް ކުރިން އަހަންނަށް ފައިން އެރުނީ ކަލޭގެ ފަޔަށްތަ-؟"

"އާނ- އަނެއްކާ ކީއްކުރަން ކަމަށްތަ-؟" އަންހެން މީހާ ރުޅިއައިސްގެން ހަޅޭއް ލަވައިގަތެވެ.

"ކަމެއް ކުރާކަށްނޫން-" ފިރިހެންމީހާ ހަމަޖެހިލާފައި ޖަވާބުދިނެވެ. "އަހަރެންނަށް މިއާދެވުނީ ރަނގަޅު ގޮނޑިޔަށްތޯ ޔަޤީންކޮށްލީ-"

ސިނގިރޭޓް ބޯންވީ ވަރު

ޑޮކްޓަރަކު އޭނާގެ ބަލިމީހާ ރަނގަޅަށް ބެލުމަށްފަހު ބުންޏެވެ.

"ކަލޭގެ ހާލު އިހަށްވުރެ ދެރަ- ބަލި މާބޮޑުވެއްޖެ- ކަލެއަށް ތިޔަހެން ތިޔަވީ އަހަރެން އެންގިގޮތަށް ކަލޭކަންތައް ނުކުރީތީ- އެއީ ދުވާލަކު ދިހަ ސިނގިރެޓަށްވުރެ ގިނައިން ނުބޯށޭ ބުނީމެއްނު-؟ އެކަމަކު ކަލޭ އެއަށްވުރެ މާގިނައިން ސިނގިރެޓް ބުއީތީ-

"ޑޮކްޓަރު ސާހިބު-" ބަލިމީހާ ޖަވާބުދިނެވެ. "އަޅުގަނޑަށް ދިހަ ސިނގިރެޓްވެސް ބޮވެނީ ވަރަށް އުނދަގުލުން- ޑޮކްޓަރު އެގޮތަށް އެންގެވުމުގެ ކުރިން އަޅުގަނޑު ސިނގިރެޓާ ވައިވެސް ނޭޅެން-"

ހަމައެކައްޗެއް

ނޫސްވެރިޔަކު އޭނާގެ ނޫހުގައި އެރަށުގެ ވަޒީރަކާ ބެހޭގޮތުން ހިމާރެކޭ ލިޔުމުގެ ސަބަބުން އެކަމުގެ ޝަރީޢަތް ކޯޓުގައި ކުރެވި ނޫސްވެރިޔާ ކުށްވެރިވެ އޭނާ ޖޫރިމަނާ ކުރެއްވުމުން އެ ނޫސްވެރިޔާ ޖަޖުންނާ ސުވާލު ކުރިއެވެ.

"މާތް މަނިކުފާނު- ވަޒީރަކާ ދިމާއަށް ހިމާރެކޭ ކިޔުން އެއީ ޤާނޫނާ ޚިލާފު ކަމެއްކަން އަޅުގަނޑަށް އެނގިއްޖެ- އެހެންވެއްޖެއްޔާ ހިމާރަކާ ދިމާއަށް ވަޒީރެކޭ ބުނެވިދާނެތޯ-؟"

ޖަޖު ސާހިބު އާނއެކޭ ވިދާޅުވުމުން ނޫސްވެރިޔާ ވަޒީރާ ދިމާއަށް ބަލާލާފައި އަތްޖޯޑުކޮށްލާފައި ބުންޏެވެ. "ޢިއްޒަތްތެރި ވަޒީރު-"

މުޙައްމަދު ވަޙީދު - މަޑުލު
މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހި ލިޔުންތެރިކަމުގެ ދުނިޔޭގައި އެންމެ ވިދާ އެއް ނަމެވެ. ކުރުވާހަކަ ލިޔުއްވުމުގައި އެއްވަނައެވެ. ފާޑުކިޔުމާއި، ސިފަކުރުމުގެ ލިޔުންތަކުގެ މައިދާނުގައި އެންމެ ކުރީގައި އުޅުއްވާ ލިޔުންތެރިއަކީ ވަޙީދެވެ. ކުރު އިބާރާތް ބޭނުން ކުރައްވައިގެން ސާފުކޮށް، ރީތިކޮށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.