މުޞީބާތް ޖައްސަވައި އިމްތިޙާނުކުރެއްވި ނަބީބޭކަަލުންގެ ތެރެއިން: (1) އައްޔޫބުގެފާނު

މާތް ﷲ މާތްކުރެއްވި ނަބީބޭކަލުންގެ ތެރެއިން، އެކަލާނގެ އެންމެ ބޮޑު މުޞީބާތެއް ޖައްސަވައި، އިމްތިޙާނުކުރެއްވި ބޭކަލަކީ ސަލާމްލެެއްވި އައްޔޫބުގެފާނެވެ. ސަލާމްލެއްވި އައްޔޫބުގެފާނަކީ ސަލާމްލެއްވި ޔަޢުޤޫބުގެފާނާ އެެއްދުވަސްވަރެއްގައި އުޅުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ ޔަޢުޤޫބުގެފާނުގެ ދަރިކަނބަލުން އިލިޔާއާއެވެ.

ކީރިތި ﷲ އައްޔޫބުގެފާނު އިމްތިޙާނުކުރެއްވީ އެކަލޭގެފާނު ފާފައެެއް ކުރައްވައިގެން ނުވަތަ މާތް ﷲގެ އަމުރުފުޅަކާ ޚިލާފުވެވަޑައިގެން ނޫންކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެެެވެ. އެކަލޭގެފާނު އިމްތިޙާނުކުރައްވާފައި ވަނީ މާތް ﷲ މޮޅަށް ދެނެވޮޑިގެންވާ ޙިކުމަތަކަށްޓަަކައެވެ. ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި އެކަލޭގެފާނުގެ ކެތްތެރިކަން އިމްތިޙާނުކުރައްވައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރެއްވުމަށްޓަކައެވެ.

އަލްޙަސަނުލް ބަޞަރީގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އައްޔޫބުގެފާނަަކީ މާތް ﷲ މުދާވެރިކަމާއި، ދަރިންގެ ނިޢުމަތް މަތިވެރި ދަރަޖައަކަށް ދެއްވި ބޭކަލެކެވެ. ދެން، އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން އެކަލޭގެފާނު މުދަލަށާއި ދަރިންނަށް ގެއްލުން ދިނުމުގެ ފުރުޞަތު މާތް ﷲ ލަޢުނަތްލެއްވި ޝައިޠާނާއަށް ދެއްވިއެވެ. މިކަމުގައި އެކަލޭގެފާނުގެ ހުރިހާ މުދަލެއް ހަލާކުވެގޮސް، އެކަލޭގެފާނުގެ ހުރިހާ ބޭފުޅުން ދުނިޔެ ދޫކުރެއްވިއެވެ. އައްޔޫބުގެފާނު މާތް ﷲއަށް ދެންނެވި ވާހަކަފުޅުތައް ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވާފަައި ވެއެވެ. ﴿وَٱذْكُرْ عَبْدَنَآ أَيُّوبَ إِذْ نَادَىٰ رَبَّهُۥٓ أَنِّى مَسَّنِىَ ٱلشَّيْطَـٰنُ بِنُصْبٍ وَعَذَابٍ﴾ (ތިމަންރަސްކަލާނގެ އަޅު أيوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ.) (ޞާދު: 40)

އިމާމު އަޙްމަދު އަދި އެހެން ބައެއް ޙަދީޘު ޢިލްމުވެރިން ރިވާކުރައްވާފައިވާ ޙަދީޘުުގައި އައިސްފައިވާ ގޮތުގައި އައްޔޫބުގެފާނު އިމްތިޙާނުކުރެއްވުން އަށާރަ އަހަރަށް ދެމިގެން ދިޔައެވެ. އިމްތިޙާނުގެ މި ދިގު މުއްދަތުގައި އެކަލޭފާނުގެ އަނބިކަނބަލުން އެކަލޭގެފާނާއެކު ހުންނެވިއެވެ.

އައްޔޫބުގެފާނުގެ މި ވަރުގަދަ އިމްތިޙާނުގައި އެކަލޭގެފާނަށް ބޮޑު ބައްޔެއްވެސް ޖެހިވަޑައިގަތެވެ. ބުނެވޭ ގޮތުގައި އެއީ ހަމުގެ ބައްޔެކެވެ. އެކަލޭގެފާނުގެ ބަލި ފަސޭހަކުުރެއްވުމަށް މާތް ﷲ އިރާދަކުރެއްވި ހިނދު އެކަލާނގެ އެކަލޭގެފާނަށް އެންގެވީ މިފަދައިންނެވެ. ﴿ٱرْكُضْ بِرِجْلِكَ ۖ هَـٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ﴾ ((އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ.) (ޞާދު: 42) އެކަލޭގެފާނު މިފެނުން ނާނެފިއްލެވުމުން އެކަލޭގެފާނުގެ ބަލި ފަސޭހަވެގެން ދިޔަކަމަށް ވެއެވެ. ތަފްސީރު ޢިލްމުވެެރިން ބަޔާންކުރައްވާފައިވާ ގޮތުގައި އެފެނުން ނާނެފިއެްލެވުމުން ބޭރުފުށުގެ ބަލި ރަނގަޅުވިއެވެ. އަދި ފެންފޮދު ހިއްޕެވުމުން ހަށިކޮޅުގެ އެތެރޭގައި ހުރި ބަލި ފަސޭހަވެގެން ދިޔައެވެ.

އަދި މާތް ﷲ ވަނީ އެކަލޭގެފާނަށް އަނެއްކާވެސް އުފާވެރި ޢާއިލާއެެއް ދެއްވަަވާފައެވެ. އަދި އެކަލޭގެފާނަށް އަލުން މުދާވެރިކަން ދެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَـٰبِ﴾ (އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ.) (ޞާދު: 43)

ސަލާމްލެއްވި އައްޔޫބުގެފާނަށް ކުރިމަތިކުރެއްވި މި ބޮޑު އިމްތިޙާނުގައި އެކަލޭގެފާނަށް ލިިބިވަޑައިގެންނެވި ފޮނި ނަތީޖާ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿إِنَّا وَجَدْنَـٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّابٌ﴾ (ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.) (ޞާދު: 44) ވަރަށްވެސް ފުރިހަމަ ނަތީޖާއެކެވެ. އައްޔޫބުގެފާނަކީ ކެތްތެރިއަކު ކަމުގައި މާތް ﷲ ދެެކެވޮޑިގެންފިއެވެ. އެކަލޭގެފާނަކީ ރަނގަޅު އަޅެއްކަމަށްވާތީ އެކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި އެކަލޭގެފާނަކީ ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެއްކަން މިވަނީ ބަޔާންކުރައްވާފައެވެ.

މި މަތިވެރި ނަބިއްޔާގެ މަތިވެރި އިމްތިޙާނުން ލިބިގަންނަންވީ އެންމެ ބޮޑު ފިލާވަޅަކީ، މާތް ﷲ ލޯބިވެވޮޑިގަންނަވާ އަޅުން ބޮޑެތި މުޞީބާތުން އިމްތިޙާނުކުރައްވައި، އެބައިމީހުންގެ ދަރަޖަ މަތިވެރިކުރައްވާ ކަމެވެ. އަދި މިފަދަ ވަރުގަދަ އިމްތިޙާނުގައި ކެތްތެރިވާ އަޅުންނަށް ދުނިޔެއާއި އާޚިރަތުގައި އޭގެ ބަދަލު ދެއްވާ ކަމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.