ނަރުހުންގެ ހުނަރާއި ޢިލްމާއި ޙިލްމާއި އަޅާލުމާ ނުލައި ރާއްޖޭގެ ޞިއްޙީ ނިޒާމެއް ނުހިނގާނެ- މަބްރޫކް

ނަރުހުންގެ ހުނަރާއި ޢިލްމާއި އަޅާލުމާ ނުލައި ރާއްޖޭގެ ޞިއްޙީ ނިޒާމެއް ނުހިނގާނެކަމަށް ކޮވިޑާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ. 

މިރޭ އެންއީއޯސީގައި  ބޭއްވި ޕްރެސް ކޮންފަރެންސް ގައި މަބްރޫކް ވަނީ ކޮވީޑާ ދެކޮޅަށް ކުރެވޭ މަސައްކަތް ތަކުގައި ނަރުހުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރައްވައި ނަރުހުން ޚާއްޞަ ޝުކުރެއް އަރާކުރައްވައިފައެވެ. 

"ކޮވިޑް 19 އާއި ގުޅިގެން ކުރެވޭ މަސައްކަތުގައިވެސް އަދި އެނޫން ޙާލަތްތަކުގައިވެސް ހޮސްޕިޓަލްތަކުގައި ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރަމުން ގެންދާ އެއްބައަކީ ނަރުހުން. އެބޭފުޅުން އެތިއްބެވީ ހަށިގަނޑާއި ފުރާނަ ނުރައްކަލުގެ ތެރެއަށް ހިނގައިދާނެ ޙާލަތުގައި އަޅުގަނޑުމެންގެ ޚިދުމަތަށް ނުކުމެވަޑައިގެން." މަބްރޫކް ވިދާޅުވިއެވެ. 

ކޮވިޑާ ގުޅިގެން އަމިއްލަ ޢާއިލާ އާއި ދުރުގަ ގިނަ އަދަދެއްގެ ނަރުހުން އެބަތިއްބެވިކަމަށް ވެސް އެނާ ފާހަގަ ކުރެއްވިއެވެ. 

"ދަރިން ދޫކުރައްވާފައި ނުކުންނަވައި ކުރީ ސަފުގަ އެތިއްބެވީ ޤައުމަށް ވަރަށް މުހިންމު، ޤައުމީ ޚިދުމަތަކަށް ކުރިމަތިލައްވައިގެން. އެއީ ޤައުމަށްޓަކައި ވެވަޑައިގަންނަވަމުން ގެންދަވާ ވަރަށް މަތިވެރި ޤުރްބާނީއެއް" ކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ. 

ކޮވިޑް 19 އިން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތް ވެސް ނަރުހުންނާ ނުލައި ނުކުރެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ ނަރުހުން ކުރައްވަމުން ގެންދަވާ ޤައުމީ ޚިދުމަތުގެ އަގުޒަން ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.  

"އެބެފުޅުންނަށްޓަކައި މިޤައުމު ފަޚުރުވެރިވާކަން އަޅުގަނޑުމެން އެބަޖެހޭ ފާހަގަ ކުރަން" މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް މިމޭރުމުން ވާހަކަ ދައްކަވައިފައި ވަނީ ބައިނަލް އަޤްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން ނަރުހުންގެ ޚިދުމަތް ފާހަގަ ކޮށް ޝުކުރު ދެންނެވުމުގެ ގޮތުންނެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.