ސަރުކާރަށް އެއް އަހަރު, އައްޑުއަށް 1.2 ބިލިއަން

މިއަދަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ އެއް އަހަރު ފުނު ދުވަހެވެ. ނުވަތަ މިސަރުކާރަށް އަހަރު ފުރުނުދުވަހެވެ. އެއް އަހަރުތެރޭގައި ސަރުކާރުން ވަނީ ގިނަމަސައްކަތްތަކެއް ކޮށްފައެވެ. ނުވަތަ ތަރައްގީއަށް އެތައް ގޮތަކުން މަގުފަހިކޮށްދީފއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވީ 2018 ވަނަ އަހަރު ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.  އެފަހުން މިއަދަށް އަހަރު ފުރުނުއިރު ސަރުކާރުން އައްޑޫގެ ތަރައްޤީއާމެދު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށްވެ "ކުލަ ޖެހެމުންދާތަން" ފެންނަމުންދާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އެގޮތުން 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް އައްޑޫގައި ހިންގުމަށް ވަނީ ނިންމައި ކޮންޓްރެކްޓް ކުރެވިފައެވެ. ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަނެއްބައި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

ސަރުކާރަށް 1 އަހަރު ފުރުނުއިރު މިހާތަނަށް އައްޑޫގައި 17 މަޝްރޫޢުއެއް ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމަށް ކުންފުނިތަކާ ހަވާލުކުރެވިފައިވާ ކަމަށް ސިޓީކައުންސިލުން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ޕްލާންޓެއް ހެދުން، އައްޑޫސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް އެޅުން، އައްޑޫހައި ސްކޫލް 2 ބުރީގެ މަލްޓިޕާޕޯސް ހޯލެއް އިތުރުކުރުން ހިމެނެއެވެ. އޭގެ އިތުރަށް އައްޑޫ ބެޑްމިންޓަން ކޮމްޕްލެކްސްއެއް ވަނީ އަޅައިދީފައެވެ. އެތަނުގައި މިހާރުވަނީ އިންޓަރނޭޝަނަލް މުބާރާތެއް ވެސްބާއްވައިފައެވެ.

އޭގެ އިތުރަށް ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމާއި، ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ހެދުމާއި، މަރަދޫފޭދު  ބަނދަރު ހެދުމާއި، މަރަދޫ ބަނދަރު ހެދުމާއި،މީދޫ ބަނދަރު ހެދުން ހިމެނެއެވެ. އަދި ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމާއި، އައްޑޫސިޓީގެ މަގުތަކުގައި ތާރުއަޅައި މަރާމާތުކުރުމާއި، ފޭދޫ ދަނޑުގައި ޓާފް އެޅުމާއި، މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ފޭދުއާއި މީދޫގައި ފަތާ ޓްރެކް ގާއިމް ކުރުމާއި، ފޭދުއާއި ހުޅުދޫ އަދި މީދޫގެ ފުޓްބޯޅަ ދަނޑުގެ ގްރައުންޑް ބޭސް ހެދުން ވެސް ހިމެނެއެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބޮޑު ބަޖެޓުން ވެސް އައްޑޫގެ ތަރައްގީއަށްވަނީ ބޮޑު އެއްޗެއް ކަނޑައަޅައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.