ކޮވިޑް- 19: ވައިޓް ހައުސްގެ ދެވަނަ މުވައްޒަަފަކު ކޮވިޑް- 19 އަށް ޕޮޒިޓިވްވެއްޖެ

އެެމެރިކާގެ ނާއިބު ރައީސު މައިކް ޕެންސް (ކ)

އެެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނާއިބު ރައީސު މައިކް ޕެންސްގެ އަރިހުގައި މަސައްކަތްކުރާ މުވައްޒަފަކު ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަމުގެ ސަބަބުން މިއަދު ނާއިބު ރައީސު އަޔޯވާއަށް ކުރައްވަން އޮތް ދަތުރުފުޅު ކޮންމެެވެސް ވަރަކަށް ލަސްވިއެވެ. އަދި ބައެއް މީހުން ނާއިބު ރައީސު ދަތުރުކުރެއްވި މަތިންދާބޯޓުން ދަތުރުނުކޮށް ފައިބައިގެން ދިޔަ ކަމަށްވެސް ވެއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި، ޕެންސްގެ ދަތުރުފުޅު އެއް ގަޑި އިރު ލަސްވިއެވެ.

އެއާފޯސް 2 މަތިންދާބޯޓުން ނާއިބު ރައީސު ޕެންސްގެ ބައެއް މުވައްޒަފުން ފައިބައިގެން ދިޔައިރު، އެމީހުންގެ ތެރޭގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި މުވައްޒަފު ހިމެނޭކަން ކަށަވަރެއް ނުވެއެވެ.

މިހާދިސާއަށް ފަދަ ނާއިބު ރައީސު ޕެންސް ފަދަ، އެމެރިކާގެ ސަރުކާރުގެ އިސް ބޭފުޅުންނަށް ކޮވިޑް- 19 ޖެހިދާނެ ކަމުގެ ބިރު މިވަނީ އިތުރުވެފައެެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުން ކޮރޯނާ ވައިރަސް ސަަރުކާރާ ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސް ކުރައްވަނީ ނާއިބު ރައީސު ޕެންސްއެވެ. އެމެރިކާގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދިއުމާއެކުވެސް، ޕެންސް ގެންދަވަނީ އެމެރިކާގެ ކަންކޮޅުތަކަށް ގިނަގިނައިން ދަތުރުކުރައްވަމުންނެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ވައިޓް ހައުސްގައި މަސައްކަތްކުރާ އެމެެރިކާ ސިފައިންގެ މީހަކު ނޮވެލް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސު ޑޮނާލްޑް ޓްރަމްޕްއާއި، ނާއިބު ރައީސު މައިކް ޕެންސް ވަނީ ވައިރަސްއަށް ޓެސްޓްކުރައްވާފައެވެ. ތަރުޖަމާނު ހާމަކުރި ގޮތުގައި ދެ ބޭފުޅުންގެ ޓެސްޓުވެސް ނެގެޓިވްއެެވެ.

ޕެންސް އަޔޯވާއަށް ވަޑައިގަތީ 'ޒިންމާދާރު ގޮތުގައި' އަޅުކަމުގެ އެއްވުން ބޭއްވުމާ ބެހޭގޮތުން އަޔޯވާގެ ދީނީ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށާއި، އެމެރިކާގެ ހުޅަނގު މެދުތެރޭގައި އާއްމު ކާބޯތަކެތި ފޯރުކޮށްދޭ ފިހާރަ ޗެއިން ހައި-ވީ އިންކް. ގެ އިސްބޭފުޅުންނާއި މަޝްވަރާކުރެއްވުމަށެވެ.

އެމެރިކާގައި މިހާތަނަށް 1.3 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، މި ބަލީގައި އެގައުމުން 77 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.