ރަމަޟާންމަހުގެ ތަރުބަވީ މަދަރުސާއިން ދަސްވެނިވުމަށް ގޮވާލައްވައިފި

ރަމަޟާންމަހުގެ ތަރުބަވީ މަދަރުސާއިން ދަސްވެނިވުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މިއަދު ހުކުރު ހުތުބާ ދެއްވީ އައްޝައިޚް އިލްޔާސް ޖަމާލެވެ.

 ޚުޠުބާގައި ޞައިޚް އިލްޔާސް ޖަމާލް ވިދާޅުވީ ރޯދަމަހަކީ ހެޔޮކަންކަމުގެ މައްޗަށް މުސްލިމުން ހާނުވައި އެންމެ ރިވެތި އަޚްލާޤީ ސިފަތަކުން މުސްލިމުން ތަހްޒީބުކޮސްދޭ އެންމެ ބޮޑު ތަރުބަވީ މަދަރުސާކަމަށެވެ. ފަޖުރުއްޞާދިޤްގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސެންދެން ރޯދައަށް ތިބުމުން ލިބޭ އެންމެ ބޮޑު ތަރުބަވީ ފިލާވަޅަކީ ކަންކުރުމުގައި ވަގުތުތައް ކަނޑައެޅުމާއި ވަގުތުތަކަށް އިޚްތިރާމާކުރުމުގެ މުހިންމުކަންކަމަށެވެ. އެވަގުތުތަކުގައި ކެއިން ބުއިމާއި އިންސާނާގެ ނަފްސް އެދޭ އެންމެހާ ނޭއްގާނީ ސިފަތަކުން ދުރުހެލިކުރުމުން ލިއްބައިދޭ ފިލާވަޅަކީ ނަފަސު ކޮންޓްރޯލްކޮށް، ދިމާވާ ދަތިތަކާއި އުދަނގޫތަކުގެ މައްޗަށް ކެތްތެރިވުމުގެ ފިލާވަޅުކަމަށެވެ. އަދި ނިކަމެތިންނާއި ފަޤީރުންގެ ހާލަތު ވަޒަންކޮށް އެންމެންނަކީ ހަމަހަމަ ބައެއްކަން އިޙްސާސްވުމުގެ ޢިބްރަތްތެރި ފިލާވަޅުކަމަށެވެ.

"ރޯދައަކީ މާތް އަޅުކަމެއްގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމެއް. ހަމައެހެންމެ ރޫހާނީ ބާރެއްވެސްމެ. ރޯދައަކީ ހީވާގިވުމާއި ކެތްތެރިވުމާއި އަޒުމުވަރުގަދަ ކުރުމާއި ވަގުތުތައް ރާވާއި އެވަގުތަކަށް ކަމޭހިތުމާއި އެންމެން އެއްބައިވެ އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްސަރު. އެއްވެސް ޙާލެއްގައި ނިދުމާއި އަރާމުކުރުމާއި ކަންނެތްވުމާއި ދެއަތް އުރައިލައިގެން ތިބުމުގެ މައްސަރެއް ނޫން " ޚިޠުބާގައި ޞައިޚް ވިދާޅުވިއެވެ.

އިންސާނީ އަދި އިޤްތިޞާދީ ކާރިސާތަކުގައި ބުއްދިއާއި ޙިކްމަތު ޢަމަލީ އިސްކުރުމުގެ ފިލާވާޅުތަކާއި އަމިއްލަ އެދުމުން ދުރުހެލިވެ އެންމެންގެ ލާބަޔާއި މަންފާ އިސްކުރުމުގެ ރޫޙު އަލާކުރުމުގެ މެސެޖްތައް ރޯދައިން ލިއްބައިދޭކަން ވެސް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ.

ހަށިގަނޑުގެ ކޮންމެ ގުނަވަނީ ސުވާލު ވެވޭނެއެއްޗެއްކަމާއި ހަވާނަފުސުގެ ބާރު ދަށުން އެގުނަވަނަތަކުން ކުރާ ޢަމަލުތަކަށް ރައްކާތެރި ވުމަށް ވެސް ޚުޠުބާއި އިލްތިމާސް ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.