މުޞްޙަފް - 6

(5 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަސައްކަތް ހުއްޓައިލައިފައި މެހެމަލް ފަވާދާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ހެނީ ކޮންކަމަކާ؟"

"ކަމެއް ނުވޭ. އަޅާ ނުލާ... ޕަކޯޅާ ހަދާ. ފިޔާކޮޅެއް އަޅައިލާތި." ފަވާދް ދިގު ފިޔަވަޅުތަކެއް އަޅަމުން ނުކުމެގެން ހިނގައްޖެއެވެ.

އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބާން ފަށައިފިއެވެ. ފަވާދް އޭނާގެ ފައި ދަށަށް ގެނެވިދާނެ ކަމަށް ހީކުރެވުނީތީ މިހާރު ދެރަ ވާން ފަށައިފިއެވެ. އޭނާ ބޯ ހޫރައިލިއެވެ. މިއީ ހައްތަހައިވެސް އެއް ކަހަލަ މީހުންނެވެ. ހިއްސު ކެނޑިފައި ތިބި އަމިއްލަ އެދުން ބޮޑު ބައެކެވެ.

ޕަކޯޅާ ހަދައި ނިމުނުއިރު ވާރޭ ތުނި ކޮށްލައިފިއެވެ. އެންމެން ފެންޑާގައި އިށީނދެގެން ތިބެ ދެ މިނިޓެއްހައި އިރުގެ ތެރޭގައި ޕަކޯޅާ ކައި ހުސްކޮށްލައިފިއެވެ. މިހާރު ޙަސަން ތައްޔާރު ވަނީ އެންމެން ގޮވައިގެން ދުއްވައިލާން ދާށެވެ.

"ކަލޭމެން އަހަންނަށް ޝުކުރުވެރި ވާން ވާނެ. އަހަރެންގެ ހެޔޮކަން ހަނދާން ނައްތައި ނުލާތި." ޙަސަން މޭ ފުއްޕައިލައިފައި ބުންޏެވެ.

ޙަސަނަކީ ފިޒާގެ ދަރިއެކެވެ. ނިދާއާއި އޭނާޔާ ވަރަށް ވައްތަރެވެ. އެކަމަކު އާދަތަކަށް ބަލާއިރު ތަފާތެވެ. އޭނާއަށް ވެސް ލިބިފައި ވަނީ ފިޒާގެ ފޮނި ދުލެވެ. ހިތްހެޔޮ ކަމާއެކު ވާހަކަ ދެއްކުމެވެ. އެކަމަކު ހިތްވެސް ސާފެވެ. ފިޒާއާއި ޙަސަނާ ދެމެދު ހުރި ތަފާތަކީ އެއީއެވެ. ހިތްވެސް ސާފު ރަނގަޅު މީހަކަށް ގޭގައި އުޅެނީ ހަމައެކަނި ޙަސަނެވެ. އަދި ޙަސަނަކީ ރީތިވެސް މީހެކެވެ.

އޭނާ އޮފީހުން ނިމިގެން ގެއަށް އެ އައީ ދެންމެއެވެ. އައުމާއެކު ދުއްވައިލާން ދާ ވާހަކަ ފެށިއްޖެއެވެ.

"ކޮން ބައެއް ދާނީ؟" ސާމިޔާ އަހައިލިއެވެ.

މެހެމަލްވެސް ދާ ހިތުން ނުހުރެވިގެން ބުނެލިއެވެ. "އަހަރެންވެސް ދާނަން."

ހުރިހައި އެންމެންގެ ނަޒަރު އޭނާގެ މައްޗަށް ހުއްޓިއްޖެއެވެ.

އާރްޒޫވެސް ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިގެންނެވެ. އަތުގައި އަގުބޮޑު އަތްދަބަހެއްވެސް އޮތެވެ. "ކަލޭވެސް ހަމަ ދާ ހިތް ވަނީ ދޯ؟" އޭނާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

އެޔާއެކު އެންމެން އިންކާރު ކުރާން ފަށައިފިއެވެ.

"އެންމެން އަރާކަށް ޖާގައެއް ނުހުންނާނެ."

"އަހަރެމެން މި ދަނީ ބައްޕަގެ ހައިއެސްގައި. ހުރިހައި ގޮނޑިއަކަށް ވާވަރަށް މީހުން އެބަތިބި."

"ބޭރަށް ގޮސްގެން ކަލޭ ކުރާނީ ކޮން ކަމެއް؟" ސިދްރާ މަލާމާތް ކޮށްލިއެވެ. އެއީ މެހެތާބްގެ ފޮޓޯކޮޕީއެކެވެ.

ފިޒާ ލޯތްބާއެކު ބުނެލިއެވެ. "ދަރިފުޅާ މެހެމަލް. އިމްތިހާނަށް ފިލާވަޅު ދަސް ކުރާން ވާނެއެއްނު؟ ރަނގަޅަށް ފިލާވަޅު ދަސް ކުރާތި. ވަރަށް މަތިން މާކުސް ހޯދާން ވާނެ. އަވަހަށް ބަސް އަހައިގެން ދޭ. ދެ ފަހަރު ތިން ފަހަރު ފިލާވަޅު ކިޔާތި."

މެހެތާބް ހުރީ ފިޒާގެ ވާހަކަ ނިމޭންދެން ކަހަލައެވެ. "ބޭރަށް ގޮސްގެން ކަލޭ ކުރާނީ ކޮން ކަމެއް؟ ރޭގަނޑަށް ކައްކާނީ ކާކު؟ އަމާ އެ އޮތީ ޑްރާމާ ޖައްސައިގެން އެނދަށް އަރައި. އޭނާގެ ހާލު ބަލާނީ ކާކު؟ އަތެއް ފައެއް ހަލުވައި ނުލައި ކެއުން ނޫން ކަމެއް އޭނާއަކަށް މިހާރަކު ނެތް."

ފަވާދް ވާހަކަ ދައްކާން އުޅެފައި ހިމޭނުން ހުރެއްޖެއެވެ. ޙަސަން އެ ވާހަކަތައް އަޑު އަހާން ހުރެފައި އެންމެ ފަހުން ބުނެފިއެވެ. "މެހެމަލް ގާތުންވެސް އޭނާ ބޭނުންވާ ގޮތެއް އަހައިލާންވީނު؟"

"އެހެންތަ؟ އަހަރެމެން ކަންތައް ނިންމާންވީ އޭނާ ގާތު އަހާފައި ދޯ؟" މެހެތާބް ރުޅި އައިސްފައި ބުނެލިއެވެ.

ދަރިފުޅު އަނގަ ބޭނީމާ ފިޒާވެސް ނުރުހިއްޖެއެވެ. "މެހެމަލް. އަވަހަށް ކޮޓަރިއަށް ދޭ."

އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބަދިގެއަށް ވަދެ ބާރަށް ރޯން ފަށައިފިއެވެ.

އިރުކޮޅަކު އެހެން ހުރުމަށް ފަހު ބަދިގޭގެ ކުޑަ ދޮރުން ބޭރު ބަލައިލީ އިރު ހައިއެސް ބޭރަށް ނުކުންނަނީއެވެ. އޭގައި އަދިވެސް ދެ މީހަކު އަރާނޭ ޖާގަ އެބަހުއްޓެވެ.

މިރޭގެ ކާ އެއްޗިއްސަށް ކޮކަޑި ލައިފާނަމޭ އޭނާގެ ހިތަށް ބޭއިޚްތިޔާރުގައި އެރިއެވެ. އޭނާއަށް އެކަން ކުރެވޭނެ ނަމައެވެ.

* * *

އެރޭ އިރުއިރުކޮޅާ އޭނާއަށް ރޮވުނެވެ. ރަނގަޅަކަށް ނުވެސް ނިދުނެވެ. ހެނދުނު ހޭލެވުނު އިރު ހުރީ ބޮލުގައި ރިއްސާގޮތް ވެފައެވެ. ސައި ބޯން އުޅުނީމާ އެކަމެއްވެސް ނުވިއެވެ. ކެވުނީ ރޮށި ފަޅިއެކެވެ. ސައި ތަށި ހުހެއް ނުކުރެވުނެވެ.

އޭނާ އާދައިގެ މަތީން އަންނަ ގަޑިއަށް ބަސް ހުއްޓާ ތަނަށް އަތުވެއްޖެއެވެ. ފިނި ހެނދުނެކެވެ. އެއްކަލަ ކަޅު އަންހެން ކުއްޖާ ހަމަ އިހެކޭވެސް އެއް ގޮތަށް ދިގުގޮނޑީގައި އިށީނދެގެން ކުރިމައްޗަށް ނަޒަރު ހުއްޓައިލައިގެން އެބަ އިނެވެ. އުނގުމަތީގައި އެއްކަލަ ފޮތް އޮތެވެ. އޭނާ އިނީ ބާރަށް ފޮތުގައި ހިފަހައްޓައިގެންނެވެ.

މިއަދު މެހެމަލް ހުރީ ވަރުބަލި ވެފައެވެ. އެހެންވީމާ އެ ދިޔަ ގޮތަށް ގޮސް ގޮނޑީގައި އިށީނދެއްޖެއެވެ. ދިހަ މިނިޓު އިންތިޒާރު ކުރުމަކީވެސް މިއަދު އެހައި ފަސޭހަ ކަމެއް ނޫނެވެ.

ކަޅު ކުއްޖާ އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ރޭ ރަނގަޅަކަށް ނުނިދުނު ދޯ؟ ކިހިނެއްވީ؟"

އޭނާ ދުރަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. "ކަމެއް ނުވޭ."

މަގުމަތީ އޮތީ ގާތްގަނޑަކަށް ހުސްކޮށެވެ. ބަހުގެ އިންތިޒާރުގައި ތިބި ބަޔަކު ދެކޮޅަށް ކުރުކާލި ކަނޑައިލަކަނޑައިލާ ތިއްބެވެ.

"ގޭ މީހުންގެ ދުއްތުރާ މާ ބޮޑީ ދޯ؟"

މެހެމަލް ސިހިފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އެހެން ބުނީ ކީއްވެގެން؟"

"މޫނުމަތީން ސާފުކޮށް އެބަ އެނގޭ. ހިތުގައި އޮތީ ހިތާމަ. ރޫޙަށް ތިޔަ ވަނީ ބުރަ ބޮޑު ވެފައި. ތިޔަ އުޅެނީ ވަރަށް ބޮޑު ތަކުލީފެއްގެ ތެރޭގައި. މީހުން ކިޔާ އެއްޗެހި ބަރުދާސް ނުކުރެވޭ. ނޫންތަ؟"

"ނޭނގޭ." އޭނާ ފަރުވާ ކުޑަ ގޮތަކަށް ކޮނޑު ހިއްލައިލިއެވެ. އެކަމަކު އޭނާގެ ހިތް ތެޅެނީއެވެ.

"ތިޔަ އުޅެނީ މުސްތަގުބަލު ދެކެ ބިރުން. އަދި މާޒީ ހަނދާން ކޮށްފައި ހިތާމަ ކުރުމުގައި."

"ވެދާނެ." އޭނާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"މުސްތަގުބަލުގެ ހާލަތާއި ކުރިމަތިވާ ހުރިހައި ދެރަކަމެއްގެ ހައްލު އޮޅުން ފިލުވާން ބޭނުންތަ؟ އުނދަގޫކޮށް އަނިޔާ ކުރާ މީހުން މެހެމަލްގެ ފަހަތުން ދުވާނޭ ގޮތް ހަދަން ބޭނުންތަ؟ ލޯބިވެރިޔާ މެހެމަލްގެ ފައިދޮށަށް ތިރިވާނޭ ގޮތް ހަދަން ބޭނުންތަ؟ މުދަލާއި ފައިސާ އޮހޭނޭ ގޮތް ވާށާއި މީސްމީހުން މެހެމަލް ބުނާހައި ގޮތަކަށް ހަދާގޮތް ވާން ބޭނުންތަ؟"

"އާނ." މެހެމަލް ބަލިކަށި އަޑަކުން ބުނެލިއެވެ. އޭނާގެ ހިތް އުށްހެން ވިރެނީއެވެ. އެ ކަޅު ކުއްޖާ ތޫނުބޭސް އެޅީ ފާރުވެފައި ހުރި ތާނގައެވެ. "ތިޔަ ހުރިހައި ކަމެއް އަހަރެން ބޭނުން."

"އެ ހުރިހައި ކަމެއްގެ މަގު އަހަރެން ދައްކައިފިއްޔާ؟"

"އެއީ... ތިޔަ... ފޮތްތަ؟" އޭނާ ކުޑަކޮށް ޖެހިލުން ވެފައި ހުރެގެން އަހައިލިއެވެ. މާ ގިނަ އިރު ކެތް ކުރެވޭނޭ ހެންނެއް އޭނާއަކަށް ހިއެއް ނުވެއެވެ.

"އާނ. މެހެމަލް މި ފޮތުގައިވާ ގޮތަށް ހަދައިފިއްޔާ އެ ހުރިހައި ކަމެއް ވާނެ... ހުރިހައި ކަމެއް."

އެ ކުއްޖާ އެ ދައްކަނީ ވަރަށް ޝައުގުވެރި ވާހަކަތަކެކެވެ. އޭނާ މަގުން ކައްސައިލާނޭހެން މިހާރު ވަރަށް ބޮޑަށް ހީވާން ފަށައިފިއެވެ. އެ ކުއްޖާގެ މަޅީގައި ޖެހިދާނޭހެން ހީވީމާ ހިތްބިރު ގަންނާން ފަށައިފިއެވެ.

"އެއީ އެހައި ފަސޭހަ ކަމެއްތަ؟"

"ފަސޭހަ ނުވެދާނެ. މި ފޮތަށް އަމަލު ކުރެވޭނީ ވަރަށް ބުރަ މަސައްކަތުން. އެކަމަކު ރަނގަޅަށް ދަސްވީމާ ފަސޭހަ ވެދާނެ. ދިރިއުޅުން ފަހި ވެދާނެ. އެ ބަޔަކާ ހެދި މެހެމަލް ތިޔަ ރޯ މީހުން މެހެމަލާ ހެދި މޮޔަވެ ރޯން ފަށައިފާނެ. އެމީހުން މެހެމަލްގެ ފަހަތުން ދުވާން ފަށައިފާނެ."

ބަހުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. އޭނާ ދަބަސް ހިފައިގެން ތެދުވެއްޖެއެވެ. ދިހަ މިނިޓު ހަމަވީއެވެ.

"އަހަރެންގެ ބަސް..."

"ދޭ." ކަޅު އަންހެން ކުއްޖާ ހިނިތުންވެލިއެވެ.

އޭނާ ބަހާ ދިމާއަށް ބާރަށް ހިނގައިގެންފިއެވެ. މިހާރުވެސް ހިތް ބާރަށް ތެޅެނީއެވެ.

"ލޯބިވެރިޔާ ފައިދަށަށް... މީހުން އޭނާގެ މުށުތެރޭގައި... މުދަލާއި ފައިސާ... ދުނިޔޭގެ ވެރިކަން..."

"އެއީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟" އޭނާ ވިސްނަމުން ދިޔައީ އެ ކުއްޖާ ދެއްކި ވާހަކަތަކާ މެދުގައެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ވާހަކަތަކުގެ އަވައިގައި ނުޖެހިވޭތޯއެވެ.

އެއީ ފަންޑިތައެވެ. ސިހުރު ހާހޫރައެވެ. ފާލުބެލުމެވެ. އެއީ ހައްތަހައިވެސް ނުބައި ކަންތަކެވެ. އެއިން ކަމެއްގެ ތެރެއަށް ވަންނާކަށް ނުވާނެއެވެ. އެއިން ކަމަކާ މެދު ވިސްނާކަށްވެސް ނުވާނެއެވެ.

ކޮލެޖު ދޮށަށް ފޭބި ވަގުތު އޭނާ ހިތުގެ އަޑީން ފައިސަލާއެއް ކުރިއެވެ. އޭނާ މީގެ ފަހުން އެ ކަޅު އަންހެން ކުއްޖާޔާ ވާހަކައެއް ނުދައްކާނެއެވެ. އޭނާޔާ ކައިރިވެސް ނުވާނެއެވެ. އެ ގޮނޑީގައި ނުވެސް އިށީންނާނެއެވެ. އެ ކުއްޖާ ދައްކާ ވާހަކަ ދެން އަޑު އަހައިފިއްޔާ އެ ވާހަކައިގެ އަވައިގައި ޖެހި އެނބުރި ނާދެވޭ ކަހަލަ ރާސްތާއަކަށް ނުކުމެވިދާނެތީ އޭނާ ބިރު ގަނެއެވެ.

* * *

އެ ދުވަހު ސިދްރާގެ ކާވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާން ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ބަޔަކު އަންނަ ގޮތަށް ހަމަ ޖެހިއްޖެއެވެ. އެކަން އޭނާއަށް އެނގުނީ މަންމަ ބުނީމައެވެ. ގެއަށް އައި އިރު ގޭތެރެ ފޮޅައި ސާފުކުރުމުގެ މަސައްކަތުގައި އެންމެން އުޅެއެވެ. ބައެއް އަންހެން ކުދިން ހެދުންތައް ހިފައިގެން ކޮޅުކޮޅު މައްޗަށް ދުވާތަން ފެނެއެވެ. މީގެ ކުރިން އޭނާ މަޑުމަޑުން ދޮރު ހުޅުވައިފައި ގެއަށް ވަންނައިރު މުޅި ގޭތެރެ އޮންނަނީ ހިމޭންވެފައެވެ. މިއަދު ވެގެން އުޅޭ ގޮތެއް އޭނާއަށް އެނގުނީ މަންމަ ބުނީމައެވެ.

މަސައްކަތުގައި އާރްޒޫ ނޫން އެހެން އަންހެން ކުދިންވެސް ބައިވެރިވެ އެބައުޅެއެވެ. ހެޑްފޯނު އަޅައިގެން ފޯނުން ލަވަ ޖަހާން ގޮނޑިއަކަށް ވެއްޓިގަނެގެން އޭނާ އެބަ އޮތެވެ. އޭނާއަކީ ރީތި ކުއްޖަކަށް ނުވީކަން ނަސީބެވެ. އެހެން ނޫންނަމަ އެހެރަ ބޮޑާކަން އާސްމާނަށް އަރައިގެން ދިޔައީހެވެ.

"ބަޔަކު އަންނަނީ ސިދްރާގެ ކާވެނީގެ ވާހަކަ ދައްކާކަށްނު؟ އެތިބަ އަމިއްލަ އެދުން ބޮޑު މީހުންތައް އެވަރަކުން އެ ތެޅެނީ ކީއްވެގެން؟"

"ހޫނ... މަޑުމަޑުން ވާހަކަ ދައްކާ." މުސްރަތު ބިރުން ހުރެ ފަރާތްފަރާތް ހޯދައި ބަލައިލިއެވެ. "ވާން އުޅޭ ގޮތެއް އަދި ޔަގީނެއް ނޫން. ފަހަރިއަށް ހީ ކުރެވިފައި އޮތީ ސިދްރާގެ ކާވެނީގެ ވާހަކައޭ ދައްކާނީ. ނުޢުމާންގެ އަންހެނުން ވަކި ކުއްޖެއްގެ ނަމެއް ނުބުނޭ. އެހެންވީމާ ފިޒާވެސް އެހެރީ ވަކި ގޮތަކަށް އުއްމީދު ކޮށްގެން."

"ނުޢުމާންގެ އަންހެނުންނަކީ ކާކު؟"

"އެއީ ދަރިފުޅުގެ ބައްޕަގެ ދުރުތާ ތިމާގެ މީހެއް. އެ ދެމަފިރިންގެ ދަރިފުޅު ފުރްޤާނަކީ އެއޮރޯނޮޓިކަލް އިންޖިނޭރެއް. އެއީ ވަރަށް ރަނގަޅު އާއިލާއެއް. އެމީހުންގެ އަންހެން ދަރިއަކުވެސް ހުރޭ. އޭނާ އުޅެނީ މިހާރު މީހަކާ އިނދެގެން. ދިރިއުޅެނީ އޮސްޓްރޭލިއާގައި. ނުޢުމާންގެ އަންހެނުން ކޮންމެވެސް މީހަކު ފޮނުވައިގެން ވާހަކަ ދެއްކީ ކަމަށް ވަނީ."

"ދެން... އެ ހުރިހައި ކަނބިލިތައް އެ ތެޅިފޮޅެނީ ފުރްޤާން އިންނާނީ ތިމަންނާޔާއޭ ހިތައި ދޯ؟ ބޮލަށް ބޮން އަޅައިފައި ތިބޭ ބައެއް." މެހެމަލް ވަރަށް ބާރަށް ހީނގެންފިއެވެ. އަދި ބޯ ހޫރައިލުމަށް ފަހު ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.