(3 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އާޣާ އިބްރާހީމްގެ ގެ "އާޣާ ހައުސް" އަކީ ތިން ބުރިއަށް ހަދައިފައި ހުރި ބޮޑު ސިންގާ ގަނޑުވަރެއް ކަހަލަ ގެއެކެވެ. އެންމެ ތިރީ ބުރީގައި ފެތުރިގަތީ އާޣާޖާންގެ އާއިލާއެވެ. ދެވަނަ ބުރީގައި ފިޒާދައްތަގެ އާއިލާއެވެ. އެންމެ މަތީގައި އަސަދްބޭބެގެ އާއިލާއެވެ. އެމީހުން އައީ ހައެއްކަ ދުވަހަށެވެ. އެކަމަކު އެ ހައެއްކަ ދުވަސް ނިމޭ ގޮތެއް ނުވިއެވެ. ދުވަސް ވީ ވަރަކަށް ޖާގައިގެ ދަތި ކަމުގެ ވާހަކަ ދެކެވި އެންމެ ފަހުން ގޭގެ މައި ނިދާކޮޓަރިން މުސްރަތާއި މެހެމަލް ނެރެގެން ގެންގޮސް ބަނޑަހަގެއަށް ލައިފިއެވެ. އޭރު މެހެމަލް ވަރަށް ކުޑައެވެ. އުމުރުން ވީ އެންމެ ދިހަވަރަކަށް އަހަރެވެ. އޭނާ ބޮޑުވަމުން އައި ވަރަކަށް ރުޅީގެ ޠޫފާން ދިޔައީ ވަރު އަރަމުން ގަދަ ވަމުންނެވެ. މިހާރު އޭގެ ފަހުން އެތައް އަހަރެއް ވެއްޖެއެވެ. ގިނަ ދުވަސްވުމާއެކު މިހާރު އޭނާ ވަނީ ރުޅިއާއި ދެކޮޅުވެރިކަން ހިތުގައި ފޮރުވައިގެން އުޅުން ދޫކޮށްލައިފައެވެ. ގޭގެ ފިރިހެނުންގެ ކުރިމަތީގައި އޭނާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެކަމަކު ބޮޑުދައިތައިންނަށް ދެވަރުން އެއްވަރު ކޮށްނުލާ ދުވަހެއް މަދު ވާނެއެވެ. އަނގަފެޅުމުގެ ސަބަބުން ގެއްލުން ވަނީވެސް އޭނާއަށެވެ. ފިއްތުމާއި ދަތިކުރުން ދިޔައީ ބޮޑު ވަމުންނެވެ. އޭނާއަށް ހަމަލާ ދެވެން އޮތީ ހަމައެކަނި އަނގައިންނެވެ. އެކަމަކު ބޮޑުދައިތައިންގެ އަތުގައި އެހެން ހަތިޔާރުވެސް އެބަހުއްޓެވެ. ޖީބު ޚަރަދަށް ލިބޭ ފައިސާކޮޅުން ނުވާތީ ރައްޓެއްސެއްގެ ބައްޕަގެ އެކަޑެމީއަށް ކިޔަވައިދޭން ދާން ފެށީމާ އޭނާއަށް މެންދުރު ކާން ނުލިބޭ ގޮތް ހަދައިފިއެވެ. އެއް ދުވަހަކު އޭނާގެ މަންމަ ފޮރުވައިގެން ކޮޓަރިއަށް ކާއެއްޗެހި ގެންދަނިކޮށް މެހެތާބަށް ފެނިގެން މަންމައަށް ބަވައި ފުކަކަށް ހަދައިލިއެވެ. މަންމަގެ ބޮލުގައި ވައްކަމުގެ އިލްޒާމު އެޅުވުމާއި އެނޫންވެސް ވިޔާނުދާ ތުހުމަތުތައް ކުރުމުގެ ނަތީޖާއަކަށްވީ އޭނާއަށް ދޭނޭ ކާއެއްޗެއް ފޮރުވާން މަންމައަށް ނުކެރޭ ގޮތް ވުމެވެ. މެހެތާބް އެހެން ހެދީ އޭނާ ކިޔަވައިދޭން ދިއުން ހުއްޓައިލާތޯ ކަމަށް ވެދާނެއެވެ. އޭނާއަށް މަހަކު ލިބޭ ފަނަރަ ސަތޭކަ ރުފިޔާ ނުލިބޭނީ އޭރުންތާއެވެ.
ކިޔަވައިދޭން ދިއުމުގެ ހުއްދަ އޭނާއަށް ލިބުނީވެސް އެތައް އާދޭހެއް ކޮށްގެންނެވެ. އެންމެންގެ ކުރިމަތީގައި އޭނާ އެވާހަކަ ދެއްކީމާ ފުރަތަމަ އެންމެން ކުރީ އިއުތިރާޒެވެ. އޭނާ ވަކިން ދޫ ކުރާނެ ހެއްޔެވެ؟ ވަގުތުން ހަތިޔާރުގެ ބޭނުން ހިފައިލިއެވެ. "އެންމެ ރަނގަޅު އާޣާޖާން. މިއަދަކީ މައްސަރުގެ ފުރަތަމަ ދުވަސް. އަޅުގަނޑުގެ ޖީބު ޚަރަދު ދެއްވާ. އެކަމަކު ދެއްވާން ވާނީ ސިދްރާ ދައްތައާއި މެހެރީން ދައްތައަށް ދެއްވާ ވަރަށް. އެވަރަށް ނުދެއްވައިފިއްޔާ ސިދްރާ ދައްތައާއި މެހެރީން ދައްތަގެ ހުރިހައި ހެދުމެއްގައި ހުޅު ޖަހައި އަންދައިލާނަން." މިއީ މިފަދަ ހަރުކަށި ވާހަކައެއް އޭނާ ބުނި ފުރަތަމަ ފަހަރެވެ. ދިހަ ވަރަކަށް މިނިޓުގެ ޒުވާބަކަށް ފަހު ހުއްދަ ލިބިއްޖެއެވެ.
އެމީހުން ކަނީ ހަރާން އެއްޗިއްސޭ މަންމަ ބުނީމާ އޭނާގެ ބޮލަށް އައު ވައްތަރެއްގެ ޚިޔާލެއްވެސް ވަދެއްޖެއެވެ. އާޣާޖާން އޭނާ ދެކެ ބިރުގަންނަނީކަން ކަށަވަރެވެ. އުމުރުން ވިހި އަހަރުގެ މި އަންހެން ކުއްޖާ މުދަލާއި ފައިސާގެ ވާރުތަ ބައި ހޯދަން އުޅެގެންފިއްޔާ ވާނީ ކިހިނެއްް ބާވައޭ އާޣާޖާންގެ ހިތަށް އަރާނޭކަން ޔަގީނެވެ. އެފަދަ މައްސަލަޔަކާއިގެން އޭނާ ތެދުވެއްވެއްޖެއްޔާ ވާނީ ކިހިނެއް ބާވައެވެ؟ ކޯޓަށް މައްސަލަ ހުށަހަޅައިފިއްޔާ އޭނާއަށް ކާމިޔާބު ވާނެ ހެއްޔެވެ؟ ހުރިހައި އެއްޗެއް އޭނާޔާ ހަވާލު ކުރާން އެމީހުންނަށް މަޖުބޫރު ވާނެ ހެއްޔެވެ؟ އެމީހުން ފަދަ ތަޖުރިބާކާރު މައްކާރުންނާ ކުރިމަތިލުމުގެ ހިތްވަރު މި ކުޑަކުޑަ މެހެމަލަށް ކުރެވިދާނެ ބާވައޭ އާޣާޖާން ހިތަށް އަރާނެއެވެ.
އެ ސުވާލުގެ ޖަވާބަކީ ނޫނެކޭއެވެ. އެމީހުންނާ ދެކޮޅަށް ތެދުވާކަށް އޭނާއަކަށް ލާހިކެއް ނޫނެވެ. އެކަމަކު އެމީހުންގެ ކޮންމެވެސް ބަލިފައެއް އޭނާއަށް އެނގިއްޖެއްޔާ ހާދަހާ ފައްކާ ވާނެއެވެ. ހުރިހައި ހިސާބުކިތާބެއް އެއް ފަހަރުން ނިންމައިލެވިދާނެއެވެ. އެކަމަކު އެފަދަ ބަލިފަޔަކީ ކޮބައި ހެއްޔެވެ؟
"މެހެމަލް." އޭނާގެ ޚިޔާލުގެ ރޮދިފަށް ކެނޑުނީ މެހެތާބް އަނެއްކާވެސް ބަދިގެއަށް ވަދެ ގޮވައިލީ އަޑަށެވެ. "ފޮނި އެއްޗަކަށް ޗޮކްލެޓް ކޭކެއް އަޅާށޭ ފަވާދް ބުނެފި. މިހާރު އަވަހަށް މަސައްކަތް ފަށާ. އެއްވެސް އެއްޗެއް މަދު ވެގެން ނުވާނެ. ވަކި އެއްޗަކަށް އަހަރެންގެ ދަރިފުޅު އެ އެދުނީ ލައްކަ ދުވަސް ފަހުން." ފަޚުރުވެރިކަމާއެކު އަމުރު ހިންގައިލުމަށް ފަހު މެހެތާބް އަނެއްކާވެސް ނުކުމެގެން ހިނގައްޖެއެވެ.
"އަހަރެންގެ ދަރިފުޅު... އަހަރެންގެ ދަރިފުޅު..."
އެ އޮތީ އެނގި ނިމިފައެވެ. އާޣާޖާނާއި ކުޑައަންމަގެ ބަލިފަޔަކީ ފަވާދެވެ. އެ ބަލިފައި އޭނާގެ އަތްދަށަށް އަތުވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
"މެހެމަލް. އެހެރަ އަލުވިކޮޅު ކޮށާލަބަލަ. އަލުވިކޮޅެއް ފެނު ކައްކައިލާންވެސް ވާނެ. އެއީ ކުދިންކޮޅު ވަރަށް މީރުކޮށް ކާ އެއްޗެއް."
"ހޫނ..." އޭނާ ކުރީގެ ވިސްނުމުގައި ހުރެގެން ގޮސް އަލުވި ކޮށާން ފަށައިފިއެވެ.
މަންމަ އުޅުނީ ކެއްކުމުގެ ކަންތައްތަކުގައެވެ. ފޮނިކާ އެއްޗެހި ހެދުން ހަވާލުވީ މެހެމަލާއެވެ.
"އަދިވެސް ކޭކެއް ނާޅަމެއްނު؟"
"މަންމާ. އެކަމާ ކަންބޮޑު ނުވޭ. ކޭކު އަޅާނަން." އޭނާ ހިނިތުންވެލިއެވެ. ހަވީރު ސައި ބުއި ވަގުތު ފެންޑާގައި ހިނގި ހާދިސާ އޭނާގެ ކުރިމަތީގައި ސިފަވާން ފަށައިފިއެވެ. އާއިލާގެ އެހެން އަންހެން ކުދިން ހަދާހެން ފަވާދްގެ ކުރިމަތީގައި އެނބުރޭކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާގެ އަހުމިއްޔަތުކަން ކުޑަ ކުރާކަށް ގަސްތެއް ނުކުރެއެވެ.
ބަދިގޭގެ މަސައްކަތުގައި އުޅެފައި އޭނާ ނުކުމެގެން ދިޔައީ ފެންޑާއާ ދިމާއަށެވެ. އެތާގައި ހުރިހައި އަންހެން ކުދިން ޓީވީ ބަލަން ތިއްބެވެ.
އާރްޒޫ ހަމަ އެ ހެދުން ލައިގެން ދެފައި މައްޗަށް ނަގައިގެން ސޯފާގައި އޮތެވެ. ފަވާދްގެ ދެ ކޮއްކޮއިން ކަމުގައިވާ ސިދްރާއާއި މެހެރީން ތިބީ އެހެން ގޮނޑިއެއްގައެވެ. ސިދްރާގެ އުމުރަކީ ސައްބީސް އަހަރެވެ. އޭނާއަކީ މީހަކު އަޅައިގަންނަފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެއް ނޫނެވެ. ހުތުރުކަން ފިލުވާން ވެގެން އެކި ކަހަލަ މޭކަޕާއި ގަހަނާގެ ބޭނުންކޮށް ކަޅު އިސްތަށިގަނޑު ރަން ކުލައަށް ބަދަލު ކުރީމާވެސް ވީ ކަމެއް ހަރާމެވެ.
އުމުރުން ތިރީސް އަހަރުގެ މެހެރީނަކީ ވަރަށް އިސްކޮޅުން ކުރު ކުއްޖެކެވެ. އިސްތަށިގަނޑު ބުޅިއެވެ. ރެޔާއި ދުވާލު އޭނާ އުޅެނީ އިސްކޮޅުން ދިގުވާނޭ ބޭހަކާއި އިސްތަށިގަނޑު ތާއަބަދަށް ފަންކޮށް ބޭއްވޭނޭ ފަންޑިތައެއް ނުފެނިގެންނެވެ. އިސްކޮޅު ކުރު ނަމަވެސް ސިދްރާއަށްވުރެ އޭނާ ތަންކޮޅެއް ރީއްޗެވެ.
ނިދާއަށްވުރެ ސާމިޔާ ހަގެވެ. އެކަމަކު ސާމިޔާގެ އިސްކޮޅުން ދިގުވީމާ ފެންނަނީ ނިދާއަށް ވުރެ ބޮޑު ކަމަށެވެ.
ސިދްރާއާއި މެހެރީން ބީއޭ ފާސް ނެގުމަށް ފަހު ކިޔެވުން ހުއްޓައިލީއެވެ. ނިދާއާއި ސާމިޔާ މިހާރުވެސް އެމްއޭއަށް ކިޔަވަން ކޮލެޖަށް ދެއެވެ. އާރްޒޫއަކީ މަރަށް ފުރާނައަށް ހިފައިގެން ނޫނީ ފާސްވާ ކުއްޖެއް ނޫނެވެ. އޭނާ ކިޔަވަން ދަނީވެސް އާޣާޖާން ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. ކޮލެޖުން ކަނޑައިނުލައި ހުންނަނީވެސް ހަމަ އާޣާޖާންގެ ނުފޫޒުގެ އެހީގައެވެ.
އޭނާ ފެންޑާއަށް ވަދެ ކަރު ކެހިލިއެވެ. "މި އުޅެނީ މިރެއަށް ޗޮކްލެޓް ކޭކެއް އަޅަން. އެހީތެރިވާނޭ މީހަކު އެބަހުރިތަ؟"
"ނެތް." އާރްޒޫ ރިމޯޓު ކޮންޓްރޯލަރު ނަގައިގެން ޗެނަލް ބަދަލު ކުރާން ފަށައިފިއެވެ.
ނިދާ އުޅެގަތީ އޭނާގެ ނިޔަފަތީގައި ޖައްސައިފައި ހުރި ކުލަ ފިލުވާށެވެ. ސާމިޔާ ވަގުތުން ފޯނަށް ސަމާލުކަން ދީފިއެވެ. މެހެރީން މޭޒުމަތީގައި އޮތް މަޖައްލާއެއް ނަގައިގެން ކިޔާކަމަށް ހެދިގެންފިއެވެ. ސިދްރާ ވަރަށް ޝައުގުވެރިކަމާއެކު ޓީވީއާ ދިމާއަށް ބަލާން ފަށައިފިއެވެ.
"އެންމެ ރަނގަޅު." މެހެމަލް އެނބުރި ބަދިގެއަށް ހިނގައްޖެއެވެ.
ކާކޮޓަރީގައި އެހެން ރޭރެއެކޭ އެއްފަދައިން ކައި ނިމިއްޖެއެވެ.
"ފޮނި ކާއެއްޗެހި ގެނޭ. ކޭކުވެސް ގެންނާތި." މެހެތާބް މެހެމަލާ ދިމާއަށް ބަލައިލިއެވެ. މުސްރަތު އޭރު ވީ ހުސްތަށިތައް ހިފައިގެން ބަދިގެއަށް ގޮހެވެ.
"ކޭކެއް ނާޅަން މިއަދަކު." އޭނާ ވަރަށް ބާރަށް ބުނެލިއެވެ.
"އެކަމަކު..." ފަވާދް އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. "މަންމާ. ޗޮކްލެޓް ކޭކު ބޭނުމޭ އަހަރެން ބުނީމެއްނު؟"
"އާނ. ކުޑައަންމަ ބުނި. އެކަމަކު ކޭކެއް ނާޅަން."
"މެހެމަލް. ތިޔައީ ކޮން ސަކަރާތެއް؟ ކޭކު ނޭޅީ ކީއްވެގެން؟"
"މިއީކީ ސަކަރާތެއް ނޫން. ފަވާދްބޭބޭ. މި މޭޒުމަތީގައި ހުރި ކާއެއްޗެހި ނިކަން ގުނާލަބަލަ. ސާދަ ފަނަރަ ވައްތަރު އެބަހުރި. އެ ހުރިހައި އެއްޗެއް ކެއްކީ މަންމަ. އަހަރެން މިހާރު އިމްތިހާނަށް ތައްޔާރު ވާތީ ފިލާވަޅު ދަސް ކުރަނީ. އެހެންވީމާ ބަދިގޭގެ މަސައްކަތް ކުރާނޭ ވަގުތެއް ނޯވޭ. ފަވާދްބޭބެއަށް ދޭން ކޭކެއް އަޅާން އެހީތެރިވެދޭށޭ މިތިބަ އަންހެންވެރިން ގާތު އަހަރެން ބުނިން. އެކަކުވެސް އެހީތެރިވާކަށް އެއްބަހެއް ނުވި. ހުރިހައި މަސައްކަތެއް އެކަނިމާއެކަނި ކުރުމަކީ އެކަކަށްވެސް ކުރެވޭނޭ ކަމެއް ނޫން. ބޭނުމިއްޔާ މާދަމާ ކޭކެއް އަޅައި ދީފާނަން. އަހަރެންގެ މަންމަ އުފުލަން ޖެހޭ ބުރަ އެއީ ބުރައެއް ކަމަށް ފަވާދްބޭބެއަށް ނުފެންނަންޏާ މަންމަ ގާތު އެހެން ބުނެފާނަން... މަންމާ... މަންމާ..." އޭނާ މަންމައަށް ގޮވަން ފަށައިފިއެވެ.
މެހެތާބް ރުޅި އައިސްގެން އެއްޗެކޭ ބުނަން އުޅުނެވެ. އެޔަށްވުރެ ކުރިން ފަވާދް ވާހަކަ ދައްކާން ފަށައިފިއެވެ. "ނޫނޭ... މައްސަލައެއް ނެތް. ބޮޑުދައިތަގެ އަރާމުގެ މަތީން އަހަރެން ހަނދާންނ ނެތުނީ." އޭނާ ދެން ބަލައިލީ މަންމަޔާ ދިމާއަށެވެ. "މަންމާ. ބަދިގޭގެ މަސައްކަތަކީ ހަމައެކަނި ބޮޑުދައިތައާއި މެހެމަލްގެ ޒިންމާއެއް ނޫނެއްނު؟ ބަދިގެއަށް ވަދެ މަސައްކަތް ކުރާށޭ މިތިބަ ރަނޑާލިތައް ގާތުވެސް މަންމަ ބުނަން ވާނެއެއްނު؟"
"އެ ކުދިން މިހާރުވެސް މަސައްކަތް ކުރެއެއްނު؟"
"ދެން ހުއްޓައިލާ." އާޣާޖާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
އެޔާއެކު ވާހަކަ ހުއްޓިއްޖެއެވެ. ދަރިފުޅު ކިތަންމެ އިސްކޮޅުން ދިގު ވިޔަސް ބައްޕަގެ ކުރިމަތީގައި އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. މެހެތާބްވެސް ހިންދިރުވައިލައިފައި ހިމޭނުން ހުރެއްޖެއެވެ. ނާޢިމާ އަޑު ނީވޭ ވަރަށް ކުދިކިޔާތަން ފެނުނެވެ. ފިޒާވެސް ހިމޭނުން އިނީއެވެ.
ފަވާދް ތެދުވެގެން ދިއުމުގެ ކުރީން މެހެމަލް ތެދުވެގެން ހިނގައްޖެއެވެ. ކަންތައް ހިނގައި ދިޔަ ގޮތެއް ފުރަތަމަ މުސްރަތަކަށް ނޭނގެއެވެ. އެނގުމާއެކު މައާފަށް އެެދޭން ފަށައިފިއެވެ. ކޮޓަރިއަށް އައިސް މެހެމަލާ ދިމާއަށް އެއްޗެހި ގޮވިއެވެ. އޭނާ އަޅާވެސް ނުލައި ފޮތް ކިޔާން އޮތީއެވެ. ފަވާދް ތެދުވެގެން ދިޔައީމާ މެހެތާބް ވަރަށް އަޑުގަދަ ކުރާނޭކަން އޭނާއަށް އެނގެއެވެ. އެކަމަކު ފަވާދްގެ ވާހަކައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނޭކަންވެސް އެނގެއެވެ. ފަވާދަކީ ގޭގައި ވަރަށް ބާރާއި ނުފޫޒު ގަދަ މީހެކެވެ. ނުފޫޒު ގަދަ މީހަކު މުސްރަތާއި މެހެމަލާ އެއްކޮޅަށް ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. އެހެންވީމާ ހުރިހައި އަންހެނުން ތިބީ ތެތް ފިޔޮއް ތަކަކަށް ވެފައެވެ.
ދޭއް
ހެނދުނު ކޮލެޖަށް ދާން ބަސްހުއްޓާ ތަނަށް އައި އިރުވެސް އޭނާ ހުރީ ރޭ ހިނގައި ދިޔަ ހަނގުރާމައިގެ ޚިޔާލުގައެވެ.
ދިގުގޮނޑީގައި އިށީނުމަށް ފަހު އޭނާ ބަލައިލިއެވެ. އެއްކަލަ ކަޅު ކުއްޖާ މިއަދުވެސް ހަމަ އިހަށް އިށީނދެ އިންތާގައި އިށީނދެގެން އެބައިނެވެ. އުނގުމަތީގައި އޮތް ފޮތުގައި ބާރަށް ހިފަހައްޓައިގެންނެވެ.
އޭނާ އިނީ ބަސް އަންނާނޭ ވަގުތަކަށް ބަލަބަލައެވެ. މިއަދުވެސް ހަމަ އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ހެދުން އަޅައިގެންނެވެ. ޚިޔާލު އެނބުރެމުން ދަނީ ފަވާދްގެ ވަށައިގެންނެވެ. އޭނާ ގެއިން ނުކުތް އިރު ފަވާދް އަދި ތިރިއަކަށް ނުފައިބައެވެ. ގޭގައި ފަވާދަށް ކަމުދާ ކޮޓަރިއެއް ހުރީ ދެވަނަ ބުރީގައި ކަމަށް ވާތީ އޭނާ އުޅެނީ ދެވަނަ ބުރީގައެވެ. އެއީވެސް މެހެމަލަށް އުނދަގޫވާ އެއް ކަމެކެވެ. އެ ކޮޓަރިއަކީ ޚާއްސަކޮށް އޭނާއަށްޓަކައި ބައްޕަ ތައްޔާރުކުރި ކޮޓަރިއެކެވެ.
ކަޅު ކުއްޖާ އޭނާގެ ކުރިމަތީގައި ހިނގާ ކަންތައްތަކުގެ ތެރެއަށް ގެއްލިފައި އިނެވެ. މެހެމަލް ފޫހި ވެގެން ފަރާތްފަރާތް ހޯދައި ބަލާން ފަށައިފިއެވެ. އެ ކުއްޖާގެ އަތުގައި އޮތް ފޮތަށް ކަޅި ހުއްޓުނީމާ އިއްޔެ ދެކެވުނު ވާހަކައިގެ މަތީން ހަނދާން ވެއްޖެއެވެ.
"ތިޔަ ފޮތް ލިބުނީ ކޮން ދުވަހަކު؟" އޭނާ ކުއްލިއަކަށް ސުވާލު ކޮށްލިއެވެ.
އެ ކުއްޖާ އޭނާއާ ދިމާއަށް ބަލައިލިއެވެ. "މީގެ ދެ އަހަރު ކުރިން."
"ތިޔަ ފޮތް ލިޔެފައި ވަކި މީހަކަށް ޚާއްސަ ކޮށްފައި ބޭއްވީ ކާކު؟"
(ނުނިމޭ)
V nice❤️
V reethi story eh.....