ހުޅުމާލޭގައި ބިދޭސީންނަށް ކަރަންޓީން ފެސިލިޓީއެއް ތައްޔާރުކޮށްފި

ހުޅުމާލޭގައި ބިދޭސީންނަށް ކަރަންޓީން ފެސިލިޓީއެއް ތައްޔާރުކޮށްފިއެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރު ކުރި ކަރަންޓީން ފެސިލިޓީއަކީ 667 މީހުންގެ ޖާގައިގެ ފެސިލިޓިއެވެ.  މިތަން ތަރައްޤީ ކޮށްފައި ވަނީ ކުރިން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރި ޢިމާރާތަކަށް ބައެއް ބަދަލުތައް ގެނެސް ގެންނެވެ. އެތަން މިހާރު ވަނީ އެނދުތައް ބަހަށްޓާ ތައްޔާރީ ޙާލަތަށް ގެނެއް ފައެވެ.  މިތަނުގެ މަސައްކަތް ނިންމާލައިފައި މިވަނީ 10 ދުވަސް ތެރޭގައި ކަމަށް ތަނުގެ ފޮޓޯތަކާއެކު އެޗްޑީސީއިން ކުރެއްވި ޓްވީޓެއްގައި ބުނެފައިވެއެވެ.

ކަރަންޓީން ފެސިލިޓީއާއެކު  ފެންވަރާނެ ތަންތަނާއި އެކު  32 ފާޚާނާގެ ފާޚާނާ ބަރިއެއްވެސް ހިމެނެއެވެ. ފާޚާނާބަރީގެ މަސައަކަތް ކޮށްފައިވަނީ ފެޑޯ ކުންފުނިން ކަމަށް އެޗެޑީސީ އިން ވަނީ ބުނެފައެވެ. އެކުން ފުނިން މިމަސައްކަތްކޮށްފައި ވަނީ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

ވަންނާނެ ގެދޮރެއް، އަދި އާމްދަނީ ހޯދާނެ ވަޒީފާއެއް، ރަސްމީ ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަކަން ޤައުމާ މުޚާތަބްކުރައްވައި ރައީސުލް ޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ ފަހަގަކުރައްވައި ފައެވެ. ތޮއްޖެހިގެން އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން ބިދޭސީން ބައިތިއްބަން ގުޅީފަޅާއި ހުޅުމާލެއާއި، ވިލިވަރުގައި ތަންތަން ހަދަމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އެ ތަންތަނަށް 3000 މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ޤަވާއިދާ ޚިލާފަށް 40،000 އަށްވުރެ ގިނަ ބިދޭސީން އުޅެއެވެ

ތޮއްޖެހި ކޮވިޑް ފެތުރުމުގެ ބިރު އޮތް ތަންތަނުން ބިދޭސީން ބަދަލު ކުރުމަށް ޑިރެކްޓަރ ޖެރަލް އޮފް ޕަބަލިކް ހެލްތް ވެސް ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފަށައިފައިވާއިރު މިބައްޔަށް ޕޮސިޓިވް 551 މީހުންގެ ތެރެއިން 360 މީހުންނަކީ ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓްވި ބިދޭސީންންގެ ތެރެއިން 282 މީހުންނަކީ  ބަޤްލަދޭޝް ރައްޔިތުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.