ވިޔަފާރި ބަނދަރުގައި 168 މުއައްޒަފުން ލޮކްޑައުންގައި ތިބެ މަސައްކަތް ކުރަނީ

ލޮކްޑައުންގެ ހާލަތުގައި ވިޔަފާރި ބަނދަރުގައި 168 މުވައްޒަފުން ލޮކްޑައުންވެ ތިބެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކުރައްވައިފިއެވެ. 

އެންއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު ޢަލީ ވިދާޅުވީ މިވަގުތު ވިޔަފާރި ބަނދަރުގައި ލޮކްޑައުންވެ ތިބި އެމުވައްޒަފުންނަކީ ކުންފުނީގެ ޚިދުމަތް  ކޮންމެހެން ކުރިއަށް ގެންދިއުމަށް ބޭނުންވާ މުވައްޒަފުންކަށެވެ. ލޮކްޑައުންވެ ތިބި މުވައްޒަފުންގެ ތެރޭގައި ބަނދަރުގެ މަސައްކަތުގައި ބޭނުންކުރާ ބަރު ވެހިކަލްތައް އޮޕަރޭޓްކުރާ މުވައްޒަފުންނާއި ޑްރައިވަރުންނާއި މެކޭނިކުންނާއި އިލެކްޓްރިކަލް މަސައްކަތްކުރާ މުވައްޒަފުންފަދަ ފަންނީ މަސައްކަތްތެރިން ހިމެނެއެވެ.

އެމްޑީ ޝާހިދު ވިދާޅުވީ ކޮންމެހެން ބޭނުންވާ ޢަދަދަށް މުވައްޒަފުން ބަނދަރުގައި ޤާއިމުވެ ތިބެ މަސައްކަތްކުރާ ގޮތަށް ނިންމެވީ ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ބުރޫ އެރިޔަ ނުދިނުމަށެވެ. އަދި އެމުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.  ބޭރަށް ގޮސް އައިސްވާ ގޮތަށް އޮންނަނަމަ މުވައްޒަފުން ބައްޔަށް ކޮންޓެކްޓް ވުމުގެ ފުރުޞަތު އޮންނާނެކަން އެނާ ފާހަގަ ކުރެއްވިއެވެ. މަސައްކަތަށް ބޭނުންވާ ވަރަށް މުވައްޒަފުން ލޮކްޑައުން ކުރެވުނީ މާލެ ލޮކްޑައުން ކުރިތާ ހައެއްކަ ދުވަސް ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ލޮކްޑައުންވި މުވައްޒަފުންގެ ތެރޭގައި ކޮންޓެކްޓް ވެފައިވާ އެއްވެސް މުވައްޒަފެއް ނެތް ކަން އެހްޕީއޭއިން ކަށަވަރު ކުރައްވައިފައި ވާކަމަށް ވިދާޅުވިއެވެ. މަސައްކަތް ކުރުމަށް އެމްޕީއެލްގައި ލޮކްޑައުންވި މުވައްޒަފުންނަށް ނިދައި ކައިބިއެ ހެދުމަށް ބޭނުން ކުރަމުންދަނީ އޮފީސް ޢިމާރާތުގައި ހުރި ތަންތަން ވަގުތީ ގޮތުން ބަދަލުކޮށްލައިގެންކަމަށް ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ. 

ބަނދަރުގެ މަސައްކަތް ރާފައި ވަނީ މަޖޫރީންނާއި ތަނުގައި މަސައްކަތް ކުރުމަށް ލޮކްޑައުންވެ ތިބި މުވައްޒަފުންނާ ކައިރި ނުވެ ދުރުގައި ތިބެވޭގޮތަށް އިންތިޒާމުކޮށްގެން ކަމަށް ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ. މަޖޫރީންގެ ތެރޭގައި ކޮންޓެކްޓް ވެފައިވާ މީހަކު ނެތްކަން އެޗްޕީއޭއިން ސާފުކޮށް ކަށަވަރު ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖޫރީން ބަނދަރުގެ އެތެރެއަށް ވެއްދުމުގެ ކުރިން ޓެމްޕަރޭޗަބަލައި ހުން ނެތްކަން ކަށަވަރު ކުރާކަމަށް ވެސް އެމްޑީވިދާޅުވިއެވެ. 

އެމްޕީއެލް އިން މިހާރު ޢާންމުނަށް ޚިދުމަތް ދޭ ވަގުތަކީ ކޮންމެ ދުވަހަކު 8.30 އިން ފެށިގެން  ހަވީރު 4.00 އަށެވެ. މީގެ އިތުރުން ކާގޯ ބޭލުމުގެ މަސައްކަތް ހެދުނު 8:30 އިން ފެށިގެން މެންދަމު 1.00 އަށް ކުރިއަށް ގެންދާކަމަށް މަޢުލޫމާތު ދެއްވިއެވެ. ނަމަވެސް ރޯދަ ވީއްލުމަށް އެއް ގަނޑިއިރުގެ ހުސް ވަގުތު ކޮޅެއް ދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.