މަޝްހޫރު ފިލްމް ސްޓަރ ރިޝީ ކަޕޫރު މިއަދު ހެނދުނު ބޮމްބޭގައި މަރުވެއްޖެއެވެ. އުމުރުން 67 އަހަރުގެ ރިޝީ ބުދަދުވަހު ހެނދު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ސިއްހީ ހާލަތު މާބޮޑަށް ދަށަށް ދިއުމާގުޅިގެންނެވެ.
އޭނާ އަށް ފަރުވާދެމުން ދިޔައީ ބޮމްބޭގެ އެޗުއެން ރެލިއަންސް ހޮސްޕިޓަލުންނެވެ.
ރިޝީކަޕޫރު ކެންސަރު ބައްޔާ ހަނގުރާމަކުރަމުންދަނީ 2018 ވަނަ އަހަރުންފެށިގެންނެވެ. އޭނާ ކެންސަރަށް ފަރުވާ ހޯދާފައި ވަނީ އެމެރިކާއިންނެވެ.
ރިޝީއާ އެއްބަނޑު އެއްބަފާ ބޭބެ ރަންދީރު ކަޕޫރު
ބުދަދުވަހުގެރޭ މީޑިއާއަށް މައުލޫމާތުދެމުން ބުނީ ރިޝީ ބުދަދުވަހު ހެނދު ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެ، އޭނާގެ ސިއްހީ ހާލަތު މާބޮޑަށް ދަށަށް ދިއުމުގެ ސަބަބުންކަމުގައެވެ.
ރިޝީ މަރުވި ޚަބަރު އެންމެފުރަތަމަ ޓްވީޓް ކުރި ފިލްމީ ތަރިއަކީ ފިލްމު "އަމަރު އަކްބަރު އެންތަނީ"ގައި ރިޝީއާއެކު މަސައްކަތް ކުރި އަމީތާބު ބައްޗަންއެވެ.
ރިޝީއަށް ކެންސަރު ޖެހިފައިވާކަން ޔަގީން ވުމުން އެމެރިކާގެ ނިއުޔޯކުން ބޭސްފަރުވާކުރަންފެށީ 2018 ގައެވެ. ބޭސްފަރުވާއަށް ފަހު ރިޝީ އިންޑިއާއަށް ދިޔައީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ.
އެމެރިކާއިން އައިފަހުން ފެބުރުއަރީމަހު ދެފަހަރެއްގެ މަތީން އޭނާ ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނެވެ.
ރިޝީ ފިލްމީ ދުނިޔެއަށް ތައާރުފު ވެގެންދިޔައީ ބައްޕަ ރާޖު ކަޕޫރާއެކު ފިލްމު "މޭރާ ނާމް ޖޯކަރ" އިންނެވެ.
ޒުވާނެއްގެ ގޮތުގައި ރިޝީ ކުޅުނު ފުރަތަމަ ފިލްމަކީ "ބޮބީ" އެވެ. އެ ފިލްމުން 1973 ވަނަ އަހަރު އިންޑިއާއަށް މުޅިން އައު ތާޒާ އަދި އުއްމީދީ ބަޠަލެއް ލިބުނެވެ. އެއީ ރިޝީ ކަޕޫރެވެ. ފިލްމުގެ ބަޠަލާއަކީ ޑިމްޕްލް ކަޕާޑިއާއެވެ. އެއީ ޑިމްޕްލްގެ ވެސް ފުރަތަމަ ފިލްމެވެ.
ރިޝީ އެންމެ ފަހުން ފިލްމެއް ކުޅުނީ 2018 ގައެވެ. އަމީތާބް ބައްޗަންއާއެކު ކުޅުނު އެފިލްމުގެ ނަމަކީ "102 ނޮޓް އައުޓް" އެވެ.
ރިޝީ ކަޕޫރުގެ އަންހެނުން ނީޓޫ ސިންގއަކީ ކުރީގެ ވަރަށް މަޝްހޫރު ފިލްމީ ތަރިއެކެވެ. ރިޝީއަށް ލިބުނީ ދެދަރިންނެވެ. އެއީ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރާއި ރިއްދިމާ ކަޕޫރު ސާހުނީއެވެ.
ރިޝީއަކީ ހިންދީ ފިލްމީ ދުނިޔެ ތަރައްގީ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަޕޫރު އާއިލާގެ މުހިއްމު ތަނބެކެވެ.
ރިޝީ މިއަދު ދުނިޔެއިން ވަކިވެގެން ދިޔަކަމަށް ވިޔަސް އޭނާ ދިޔައީ އޭނާގެ ނަން ދުވަހަކުވެސް ހިންދީ ފިލްމީ ދުނިޔެއިން ފޮހެވިގެން ނުދާފަދަ އެތައް ސަތޭކަ ފިލްމެއް މިދުނިޔެއަށް ދޫކުރުމަށްފަހުގައެވެ.