ބޭރުގައި ތިބި ދިވެހީން މާލެ ގެނައުމުގެ މަސައްލަތް އަލުން ފަށަނީ

ރާއްޖޭގައި ބޭރުގައި އުޅެމުންދާ ދިވެހީންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް އަލުން ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެމަސައްކަތް މެދުކެނޑުނީ މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް ފެށުމުގެ ސަބަބުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިހާރުވަނީ އެފަދަ މީހުންނަށް އިތުރު އެއް ފެސިލިޓީއެއް ކަނޑައަޅުއްވައި ދެއްވާފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޢަލީ ވަޙީދު ވިދާޅުވީ ރާއްޖޭގައި ތިބި އެހެން ގައުމުތަކުގެ މީހުން ބަލާއަންނަ ފުލައިޓުތަކުގައި އެގައުމުތަކުގައި ތާށިވެފައިވާ ދިވެހީން ގެނައުމަށް ކުރަންޖެހޭ މަސައްކަތް ޚާރިޖީ ވުޒާރާއާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. "އެހެން ގައުމުތަކުގައިތިބި ދިވެހީން ވެސް ރާއްޖެ ގެނައުމުގެ މަސައްކަތް ޚާރިޖިއްޔާއާ ގުޅިގެން އިންތިޒާމު ކުރަމުން އަޅުގަނޑުމެން މިގެންދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް 50 އަށްވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރީން ރާއްޖޭގައި އެބައުޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުން ތިބީ ޑްރީމް އައިލެންޑުގައެވެ. އޭގެ ތެރޭގައި 187 މީހުން އެބައުޅެއެވެ. އެމީހުންގެ އާންމު ޙާލަތު ވެސް ރަނގަޅު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުން ފޮނުވުމުގެ ކަންކަން ވެސް އިންތިޒާމް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރިސޯޓުތަކުގައި ކުރިން ފުރަބަންދުވެފައި ތިބި ސްޓާފުން އެމީހުންގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރައްވަމުން ކަމަށް ވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. ރަށަށް ނުދެވިތިބި މުވައްޒަފުންނަށް އެމީހުންތިބި ރިސޯޓުގެ މެނޭޖުމެންޓާ ގުޅިގެން އެމީހުންގެ ރަށަށް ފޮނުވުމުގެ އިންތިޒާމްތަކެއްވެސް ހަމަޖައްސަވަމުން ގެންދަވާ ކަމަށް ޢަލީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.