ކޮވިޑް- 19 ށް ރާއްޖޭގައި ސްކްރީން ކުރެވޭ ގޮތާމެދު ސުވާލު އުފައްދާ މަޖިލީހަށް ކުއްލި މައްސަލައެއް

ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު

ކޮވިޑް- 19 ށް ރާއްޖޭގައި ސްކްރީން ކުރެވޭ ގޮތާމެދު ސުވާލު އުފައްދާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ކުރައްވައިފިއެވެ. މިކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރެވެ.

ޖާބިރުގެ ކުއްލި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރެވޭ ގޮތާމެދު ސުވާލު އުފަށްދައި ސްކްރީން ކުރުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ޙަވާލު ކުރުމަށް ވަނީ ގޮވާ ގޮވާލައްވައިފައެވެ. އެމްއެންޑީއެފްގައި އެކަން ރަނގަޅަށް ކުރެވޭނެކަމުގެ ޤާބިލްކަން ހުރިކަމަށް ޤަބޫލުކުރައްވޭކަމަށް ވެސް ޖާބިރުގެ ކުއްލި މަސައްލައުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. ޖާބިރުގެ މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ 41 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ރާއްޖެއަށް އެތެރެވި ދެ ފަތުރުވެރިއެއް ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރަނގަޅަށް ސްކްރީން ނުކުރެވޭތީކަން ފާހަގަ ކުރައްވައި އެ ކަމުގައި އިހުމާލުވި މީހުނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅުމަށްވެސް ކުއްލި މައްސަލައިގައި ގޮވާލައިފައިވެއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ ފަތުރުވެރިން ބޯޓުން ފައިބާ ތަނުން ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސަފައި ވާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުން ފަތުރުވެރިން އައުން ހުއްޓުވާލުމަކީ ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާނެކަމަށެވެ. ޗައިނާ އާއި އިޓަލީން މީހުން އައުން މަނާ ކުރުމާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބަނގުރޫޓުވާން ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސް މެމްބަރ ޖާބިރު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދު ފުނޑިގެންދާނެ ކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވީ ޖާބިރު ހުށަހަޅުއްވައިފައިވާ މައްސަލައިގައި ސްކްރީން ކުރުމާމެދު ސުވާލު އުފައްދަވައިފައި ވީނަމަވެސް ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާމެދު އިތުބާރު ކުރައްވާ ކަމަށެވެ. ރާއްޖެއަށްވުރެ ޓެކްނޮލޮޖީ ގޮތުންނާއި ޞިއްޙީ ގޮތުން ކުރިއަރައިފައިވާ ޤައުމުތަކުންވެސް ކޮރޯނާ ވައިރަސް ފެނިފައިވާކަން އެމެމްބަރުން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކާމެދު ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައިވާ ކަންކަމަކީ ވިސްނަންޖެހޭ ކަމެއް ކަމަށް މެމްބަރުން ފާހަގަ ކުރެއްވިއެވެ. ބައެއް މެމްބަރުން ވިދާޅުވީ އިޤްތުޞާދަށް ކޮށްފައިވާ އަސަރު އެނގެނީ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުމުން ކަމަށެވެ.

ބައެއް މެމްބަރުން ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލައިފައި ނުވާކަމަށާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިބަލިން ރައްކާތެރި ވުމަށްޓަކައި އަޅައިފައިވާ ގޮތަށް ފަތުރުވެރިން އައުން މަނާކުރެވިފައި ވަނީ އެންމެ ގިނައިން ބަލި ފެތުރޭ ޤައުމުތަކުން ކަމަށެވެ. ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއް ކަމަށާ އެފިޔަވަޅުތަކާމެދު ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ގިނަ މެމްބަރުން ވިދާޅުވިއެވެ. ބައެއް މެމްބަރުން ވަނީ ބަލީގެ ނުރައްކާ އޮތްވަރަށް ވުރެ ބޮޑުކޮށް، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބައެއް މީޑިއާތަކުން ދޮގު ޚަބަރު ފަތުރާތީ އެކަން ކުށްވެރި ކުރައްވައިފައެވެ.

ކޯރާނާ ވައިރަސް ނުވަތަ ކޮވިޑް- 19 އަށް ރާއްޖޭގައި ވަނީ ހަތަރު މީހަކު ޕޮސިޓިވް ވެފައެވެ. އަދި އެބައްޔާ ގުޅިގެން ދެ ރިސޯރޓަކަށް އޯރެންޖް އެލާރޓް ނެރެ އަދި މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާރޓް ނެރެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.