ހެއްވާ: މި ކަހަލަ ނަން ކިޔަން ހެޔޮ ނުވާނެ

ދަރިންނަށް ނަން ކިއުމުގައި މިހާރަކަށް އައިސް ވަރަށް ބޮޑަށް މާނަ އަށް ބަލައެވެ. މިއީވެސް އަޅުގަނޑުމެންގެ ތެރެއަށް އަންނަ އައު ކަންތައްތައް ފަދައިން އައު ކަމެކެވެ. އިހަކަށް މާނަ އަކަށް ނުބަލައެވެ. ދުލަށް ފަސޭހަ ނަމެއް ކިޔަނީއެވެ. ދިވެހި ބަހުން ކިޔާފައި ހުންނަ ނަން ނަންވެސް ކިޔަނީ އޭގައި މާ ރަނގަޅު މާނައެއް އޮންނާތީއެއް ނޫނެވެ.

ވަރަށް ނުބައި މާނަ ނުކުންނަ ނަން ނަން ދަރިންނަށް ކިޔާފައި އެބަ ހުއްޓެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އައިޑެންޓިޓީ ކާޑު ހައްދަވަން ފެށުމާއެކު މި ދެންނެވި ކަހަލަ ނުބައި މާނަ އޮންނަ ނަންނަން ބަދަލު ކުރައްވަމުން ގެންދެވިއެވެ.

އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެއްގެ ކުއްޖަކަށް ކިޔާ ނަމުގެ މާނައަކީ މަރުޙަބާ ނުވަތަ ތަހުނިޔާއެވެ. އެ ނަމަކީ ޢަރަބި ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ބޭކަލަކު ދެއްވި ނަމެކެވެ. އެހެންވީމާ އެ ބޭކަލަކު ދެއްވި މާނަ ރަނގަޅު ކަމަށް ޤަބޫލު ކޮށްގެން ނަން ކިޔާފައި ވަނީއެވެ. އެ ބޭކަލަކު ދެއްވި މާނައަކީވެސް އެ ބަހަށް އޮންނަ މާނައެއް ކަމަށް ވެއެވެ. އެހެން ނަމަވެސް ޢާއްމު ގޮތެއްގައި އެ ބަހުގެ މާނައަކަށް ބެލެވިފައި އޮންނަނީ މި ދެންނެވި ފަދައިން ތަހުނިޔާ ނުވަތަ މަރުޙަބާއެވެ.

އެއް ދުވަހަކު އެ ނަމުގެ މައްސަލައިގައި އަޅުގަނޑާއި، އަޅުގަނޑުގެ ރަޙްމަތްތެރިޔާ އާ ދެމެދު ފޯނުން ވަރަށް ހޫނު ބަހުސެއް ކުރެވުނެވެ. އަޅުގަނޑު ފޯނުން ވާހަކަ ދެއްކި އިރު އަޅުގަނޑުގެ ގާތް އެހެން ބޭކަލަކު އަޑު އައްސަވަން އިންނެވިއެވެ. އެއީ ޢުމުރުން ފަންސާހަށް ވުރެ މައްޗަށް ގޮސްފައިވާ ބޭކަލެކެވެ. ވަރަށް މަޖާ މިޒާޖެއްގެ، ހިތްހެޔޮ ބޭކަލެކެވެ.

އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައިރު ބައެއް ފަހަރަށް އިނގިރޭސި ބަސް ބަސް ބޭނުން ކުރެވެއެވެ. އެއީ ޒަމާނީ މިޒާޖެއް ހުރި ކަމުގެ ޢަލާމަތެއް ދޮގެއްތޯއެވެ؟ ދެ ބަހުން އެއް ބަހަށް އިނގިރޭސި ބަހެއް ބޭނުން ނުކުރަންޏާ ތަރައްޤީ ނުވަނީއެވެ. އެހެންވީމާ އަޅުގަނޑުވެސް އިނގިރޭސި ބަސް ބޭނުން ކުރަނީއެވެ.

ވާހަކައިގެ ތެރޭގައި ނަމުގެ މާނަ މުޅީންވެސް ބުނެވިފައި ހުރީ އިނގިރޭސި ބަހުންނެވެ. އާދެ، އަޅުގަނޑު ކިޔަމުން ދިޔައީ "ކޮންގްރެޖިއުލޭޝަންސް" މިހެންނެވެ. ދެއްކި ހުރިހައި ވާހަކައެއް މިދެންނެވި ރަޙްމަތްތެރިޔާ އަށް ވަރަށް ރަނގަޅަށް އަޑު އިވޭނެއެވެ.

ވާހަކަ ނިމިގެން ފޯނު ބޭއްވީމާ އޭނާވެސް އަޅުގަނޑާ ދައްކަން ފެށީ ނަމުގެ ވާހަކައެވެ. އޭނާގެ ރަށުގައި ބައެއް މީހުންނަށް ކިޔާފައި ހުރި ނަން ނަމުގެ ވާހަކަވެސް ބުނެދިނެވެ. އޭގެ ތެރޭގައި ދޫނި ދޫންޏަށް ކިޔާ ނަމާއި، މަސް މަހަށް ކިޔާ ނަންވެސް ހިމެނެއެވެ. ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބުންޏެވެ. "އެކަމަކު ދެންމެ ތިޔަ ބުނި ކަހަލަ ނަމެއް މީހަކު ކީ އަޑެއް ދުވަހަކުވެސް އަހަންނެއް ނާހަން- ތިޔައީ އިންސާނުންނަށް ކިޔަން ހެޔޮވާ ވަރުގެ ނަމެއް ނޫން- އާނ- އެހެންޏަ- ކުދިންނަށް ގޮންގިރިޓު މެސިނޭ ކިޔަން ހެޔޮ ވާނެތަ-؟'

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.