މިއީ އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތު – ރައީސުލްޖުމްހޫރިއްޔާ

މިއީ ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ 1441 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ކޮވީޑް 19 ގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަން ރައީސް ޞާލީޙް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައިވެސް، ވަރަށް ދަތި ޙާލުގައި އުޅޭ މީހުން އެބަތިބި. މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅޭ މީހުން، އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި ޞިއްޙީ ގޮތުންވެސް ވަރަށް ނާޒުކު ޙާލަތުގައި އުޅޭ ބަޔަކު އެބަތިބި. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅިފައިވާ މީހުން ވެސް އެބަތިބި. މި ކަންކަމަށް ވިސްނާއިރު، މި ބަރަކާތްތެރި މައްސަރުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދަމާތޯއޭ. އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އަޅުގަނޑުމެން އިސްކަން ދެމާތޯއޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިއީ، ކީރިތި ޤުރްއާނުގެ މައްސަރު ކަމަށްވާއިރު، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަޚްލާޤީ ސިފަތަކަކީ، އަނެކުންނަށް އޯގާތެރިވުމާއި، ފަޤީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުންކަމަށް ރައީސް ޞާލީޙް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، އަޅުގަނޑުމެނަށް ކުރިމަތިވެފައިމިވާ ދަތި ޙާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

"މި މަސައްކަތް ކާމިޔާބު ކުރުމުގައި، ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވޭ. މިއީ، އަޅުގަނޑުމެންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތު. ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީވެސް، ކާބޯތަކެތި އިޤްތިޞާދުކޮށް އިސްރާފުނުކުރުން. ބޭކާރު ޚަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް، މި ޙާލަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް." ރައީސް ޞާލިހް ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން އެދަނީ، އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ޚިދުމަތްތަކެއްކަން ރައީސް ޞާލީހް ފާހަގަ ކުރެއްވިއެވެ
ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު.ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ރާއްޖެއިން "ކޮވިޑް19"ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް." ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.