މެދު ކެނޑުމެންތި ފޯރީއާއެކު ލޭ ހަދިޔާ ކޮށްދެއްވާ: ޑރ. ޢުމަރު

ލޭއަޅާ ކުދިންނަށް ބޭނުންވާ ލޭ ހަދިޔާ ކުރައްވާ ބޭފުޅުން މެދު ކެނޑުމެއްނެތި ލޭ ހަދިޔާ ކޮށްދެއްވުން މަތީގައި ދެމި ތިއްބެވުމަށް މޯލްޑިވިއަން ބުލަޑު ސަރވިސަސް (އެމްބީއެސް) އިން އެދިވަޑައިގެންފިއެވެ.

އެމްބީއެސްގެ ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ ފުލުހުންނާއި ޢާއްމުން ވަރަށް ހިތްހެޔޮކަމާއި ފޯރީގައި ލޭ ހަދިޔާ ކުރަމުން ގެންދާ ކަމަށެވެ. "ލޭ ލިބުން ދަތިވެގެން އަޅުގަނޑުމެން އިޢުލާން ކޮށްލުމުން ވެސް ވަރަށްގިނަ ފަރާތްތަކުންވަނީ އިޖާބާ ދީފައި. އެކަމަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ތެލެސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި އެމްބީއެސްގެ ނަމުގައި ޝުކުރު ދަނަންނަވަން. ރާއްޖޭގައި ކޮވިޑް ފެތުރިގެންދާ މި ހައްސާސް ދަނޑިވަޅުގައި ވެސް ތިޔަ ދެއްވާ އެހީތެރިކަމާއި އެއްބާރުލު އަޅުގަނޑުމެން އަބަދުވެސް ފާހަގަ ކުރަން،" ޑރ. ޢުމަރު ވިދާޅުވިއެވެ.

ޑރ. ޢުމަރު ވިދާޅުވީ ތެލެސީމިއާ ކުދިންގެ ތެރޭގައި އެންމެ ގިނައީ އޯ ޕޮޒިޓިވްއާއި، ބީ ޕޮޒިޓިވް އޭ ޕޮޒިޓިވް ލޭ އަޅަންޖެހޭ ކުދިން ކަމަށެވެ. ނެގެޓިވް ލޭ އަޅަންޖެހޭ ކުދިން މަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ދެމުން ގެންދަނީ އޮޕޮއިންޓްމެންޓް ހަދައިގެންނެވެ. "މިއަދާއި މާދަން ވެސް އިރާދަ ކުރެއްވިއްޔާ މިދަނީ ފުލްކޮށް. ފުލްކޮށް ނުދާކަމަށްވާޏަމަ އެދުވަހު ހަދާ އެޕޮއިންޓުމަންޓްތަކަށް އަދުވަހުން އެދުވަހަކަށް ލޭހަދިޔާކުރެވޭނެ،" ޑރ. ޢުމަރު ވިދާޅުވިއެވެ.

އެޕޮއިންޓް ހެދުމަށް 3306089 ނަމަބަރަށާއި 3333886 ނަމްބަރަށް ގުޅުއްވައި އެޕޮއިންޓުމެންޓް ހަދަމުން ގެންދިއުމަށް ޑރ. ޢުމަރު އެދިވަޑައިގެންނެވިއެވެ.

ތެލެސީމިއާ ކުދިންގެ ތެރޭގައި 635 ކުދިން މިހާރު ދުނީޔޭގައި އެބަތިއްބެވެ. އޭގެ ތެރެއިން 303 ކުދިންނަކީ މާލެ ސަރަހައްދަށް ނިސްބަތްވާ ނުވަތަ އެސަރަހައްދުން ޚިދުމަތް ހޯދަމުންދާ ކުދިންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.