ތެލަސީމިއާ ކުދިންނަށް ފަރުވާ ދިނުން އަތޮޅުތަކުގައި ކުރިއަށްދާގޮތް ބައްލަވަން ފަށައިފި

ބުލަޑް ކޭމްޕެއް ބޭއްވުމަށް އެމްބީއެސްގެ ޓީމެއް ރިސޯޓަކަށް ދަނީ: ފޮޓޯ ސޯޝަލް މީޑިއާ

ތެލަސީމިއާ ކުދިންގެ ފަރުވާ އަތޮޅުތަކުގައި ކުރިއަށްދާ ގޮތް ބެއްލުމަށް މޯލްޑިވިއަން ބުލަޑް ސާވިސް (އެމްބީއެސް) ގެ ޓީމެއް ނ. އަތޮޅަށް ވަޑައިގެންފިއެވެ. މި ދަތުރުގައި އެ ޓީމުން ނ. އަތޮޅުގައި މީހުން އުޅޭ ހުރިހާރަކަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރާ ބެހޭ ގޮތުން އެމްބީއެސްގެ ޑރ. އަޙުމަދު ޢުމަރު ވިދާޅުވީ މިއީ ތެލަސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތް ބެއްލެވުމާއި ތެލަސީމިއާއަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރައްވާ ދަތުރެއް ކަމަށެވެ. "މި ދަތުރަކީ ނ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަމާޒުކޮށްގެން އާއްމުން ތެލަސީމިއާއަށް ހޭލުންތެރި ކުރުމާއި ތެލަސީމިއާ ކުދިންގެ ފަރުވާ އަތޮޅުތެރޭގައި ކުރިއަށްދާގޮތް ބަލާ މޮނިޓަރ ކުރުމަށްކުރާ ދަތުރެއް،" ޑރ. ޢުމަރު ވިދާޅުވިއެވެ.

ލޭއެޅުމުގެ ޚިދުމަތް ފޯރުކޮށްދެއްވާ މަރުކަޒެއް ކަމަށްވާނަމަ އެ މަރުކަޒުން އެ ޚިދުމަތް ފޯރުކޮށްދެއްވުން ކުރިއަށް ގެންދަވަނީ ރަނގަޅަށްތޯބަލައި އެކަންކަމުގައި ރަނގަޅު ކުރައްވަޖެހޭ ކަންކަން ކަމުގެ އިރުޝާދު މި ދަތުރުގައި ދެއްވާނެއެވެ. އޭގެ އިތުރަށް އެރަށެއްގައި ދިރިއުޅޭ ތެލަސީމިއާ ކުދިން ބައްލަވައި ފަރުވާ ކުރިއަށްގެންދާ ގޮތާބެހޭ ގޮތުން އެކުދިންގެ ބެލެނިވެރިންނާ ޑޮކްޓަރުން މަޝްވަރާ ކުރައްވާނެއެވެ.

"އޭގެ އިތުރަށް ނ. އަތޮޅުގެ ސިއްޙީ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ ޑޮކްޓަރުންނަށް ތެލަސީމިއާ ކުދިންނަށް ފަރުވާ ކުރިއަށްގެންދިއުމާބެހޭ ގޮތުން މަޢުލޫމާތު ދެވޭނެ. މީގެ އިތުރަށް ލޭ ނެގުމާއި ލޭ އެޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި އެކަންކަމުގައި ޢަމަކުރަންވީ ގޮތާ ބެހޭ ގޮތުން ނަރުހުންނަށް ވެސް ޓްރެއިނިން ޕްރޮގްރާމެއް ހިންގޭނެ،" ޢުމަރު ވިދާޅުވިއެވެ.

ޢާއްމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ނ. އަތޮޅު ސްކޫލްތަކުގެ ގްރޭޑު 8 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ތެލަސީމިއާ ބެހޭ މަޢުލޫމާތު ދިނުމާއި އަދި ސްކޫލް ބެލެނިވެރިންނާއި އާއްމުންގެ ތެރެއިން އެމަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޙަރަކާތްތައް ވެސް ހިންގަވާނެ ކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ. އޭގެ އިތުރަށް ތެލަސީމިއާ ޓެސްކުރުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ދޭނެ ކަމަށް ވިދާވިއެވެ. އަދި އެއަތޮޅު ސްކޫލްތަކުގެ ގްރޭޑް 8 އިން މަތީގެ ދަރިވަރުންނަށް ތެލަސީމިއާ ޓެސްޓް ކުރުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ކޮންމެ އަހަރަކު އެމްބީސީން އަތޮޅުތަކަށް ކުރައްވާ ދަތުރެކެވެ. މިއީ މިއަހަރުގެ  ފުރަތަމަ ދަތުރެވެ.

މިހާތަނަށް ނ. އަތޮޅުގެ 9 ރަށަކަށް މިޓީމުން ވަނީ ޒިޔާރަތް ކުރައްވައިފައެވެ.އެ އަތޮޅުގެ މީހުންއުޅޭ ރަށްތަކަށް ކުރައްވާ މި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަދުވަހުއެވެ.

ކުރިއަށްއޮތް ތަނުގައި އެހެން އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި ޕްރޮގްރާމް ހިންގަވާނެ ކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންގެ ގޮތުގައި އެމްބީއެސްގައި 881 ކުއްޖަކުވަނީ ރަޖިސްޓްރީ ކޮށްފައެވެ. އޭގެ ތެރެއިން 634 ކުދިންނަކީ މިހާރު ވެސް ފަރުވާ ހޯދަމުންދާ ކުދިންނެވެ. ގިނަ ކުދިން ފަރުވާ ހޯދަމުންދަނީ މާލޭގައި ތިބެގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.