ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރައްވާފައި ވަނީ އެކަމަށް ކުޅަދާނަ ވެގެންވާ މީހުންގެ މައްޗަށެވެ. އެއްވެސް ބައްޔެއް ދިމާވެގެން ނުވަތަ ޢުމުރުން ދުވަސްވުމުގެ ސަބަބުން މިކުޅަދާނަކަން ނެތިހިނގައްޖެނަމަ ރޯދަ ހިފާކަށް ނުޖެހޭނެއެވެ. އެފަދަ މީހުންނަށް ވަނީ ރޯދަ ދޫކޮށްލުން ހުއްދަ ކުރައްވާފައެވެ.
ރަމަޟާންމަހުގެ ފަރުޟު ރޯދަ ދޫކޮށްލުން އެބަޔަކަށް ހުއްދަކުރައްވާފައިވާ މީހުންގެ ތެރެއިން އެކަކީ ބަލިމީހާއެވެ. ކީރިތި ﷲ ވަޙީކުރައްވާފައި ވެއެވެ. وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلاَ يُرِيدُ بِكُمُ الْعُسْرَ - سورة البقرة: 185 (ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ އެމަހުގެ ދުވަސްތަކުގެ ޢަދަދު އެހެން ދުވަސްތަކަކުން ހަމަކޮށް އެޢަދަދަށް ރޯދަހިފުން ހުއްޓެވެ. މާތް ﷲ ތިޔަބައިމީހުންނަށް ތަނަވަސް ފަސޭހަ ގޮތް އިރާދަކުރައްވައެވެ. ދަތި އުނދަގޫ ގޮތް ތިޔަބައިމީހުންނަށް މެދުވެރިކުރައްވާކަށް އިރާދައެއް ނުކުރައްވައެވެ.)
ބަލިމީހުން ދެބަޔަކަށް ބެހިދާނެއެވެ. އެއީ ޝިފާ ނުލިބޭ ފަދަ ދާއިމީ ބައްޔެއްގައިވާ މީހާއާއި، ޝިފާ ލިބޭ ވަގުތީ ބައްޔެއްގައި ވާ މީހާއެވެ. ޝިފާ ނުލިބޭފަދަ ދާއިމީ ބައްޔެއްގައިވާ މީހެއްނަމަ އޭނާ ރޯދަ ޤަޟާކުރާކަށް ނުޖެހޭނެއެވެ. އެއީ އެކަމުގެ ފުރުޞަތު ނުލިބޭނެތީއެވެ. އޭނާ ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ. (މިސްކީނަކަށް ދޭންޖެހޭ މިންވަރު ރޯދައިގެ ކައްފާރާގައި ބަޔާންކުރެވިފައި ވާނެއެވެ.) މީސްކީނުންނަށް ކާންދޭ އިރު ހުރިހާ މިސްކީނުން އެއްތާނކަށް އެއްކޮށް އެންމެންނަށް އެއްފަހަރާ ކާންދިނުންވެސް އެންމެ ރަނގަޅެވެ. ކޮންމެ މިސްކީނަކަށް ވަކިންވެސް ކާންދެވިދާނެއެވެ.
ޢުމުރުން ދުވަސްވެ ގައިގެ ބާރުދެރަވުމުގެ ސަބަބުން ރޯދަ ނުހިފޭވަރު މީހުންވެސް ހިމެނޭނީ މިފަދަ ބަލިމީހުންގެ ތެރޭގައެވެ. އެމީހުންވެސް ރޯދަހިފާކަށް ނުޖެހޭނެއެވެ. ބަލިމީހުންނެކޭ އެއްފަދައިން ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސު ބްނު މާލިކު ޢުމުރުގެ ފަހުކޮޅު، އެކަލޭގެފާނު މުސްކުޅިފުޅުވެ ވަޑައިގަތުމުން މިސްކީނުންނަށް ކާންދެއްވާ ކަމުގައި ވާރިދުވެފައި ވެއެވެ.
ބަލިމީހުންގެ ތެރެއިން ދެވަނަ ބާވަތަކީ ހުންއައުން ފަދަ ޝިފާ ލިބޭ ވަގުތީ ބައްޔެއްގައިވާ ބަލިމީހާއެވެ. މިފަދަ މީހުންގެ ތެރެއިން އުނދަގުލަކާއި ނުލައި ރޯދައަށް ހުރެވޭ މީހާގެ މައްޗަށް ރޯދަ ވާޖިބުވާނެއެވެ. އުނދަގުލާއި ވަރުބަލިކަމާއި އެކު ރޯދައަށް ހުރެވޭ މީހާ ރޯދަހިފުން މަކުރޫހަވާނެއެވެ. އަދި ރޯދަހިފުމުން ފުރާނައަށް ގެއްލުން ލިބިދާފަދަ ޙާލަތަކަށް ގޮސްފައިވާ މީހާ ރޯދަހިފުން ޙަރާމްވާނެކަމަށް އިލްމުވެރިން ވިދާޅުވެއެވެ. އެހެނީ ރޯދައިގެ ސަވާބު ފުރިހަމައަށް ހޯދަންވެގެން އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ލުމަކީ ދީނުގައި އަންގަވާފައިވާ ގޮތެއް ނޫނެވެ.
ރަމަޟާންމަހު ދުވާލު ރޯދަހިފައިގެން ހުއްޓައި ދިމާވާ ކުއްލި ޙާލަތެއްގެ ސަބަބުން ރޯދައަށް ހުރުމުގެ ކުޅަދާނަކަން ގެއްލޭ މީހާވެސް އޭނާގެ ރޯދަ ދޫކޮށްލަން ޖެހެއެވެ. މިފަދަ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ވަރުބަލިވުން، އާދަޔާޚިލާފަށް ފެންބޮވައިގެން ގޮސް މީހާއަށް ގެއްލުންވާ ހިސާބަށް ދިއުން ހިމެނެއެވެ. މިފަދަ މީހާ އޭނާ ހިފައިގެން ހުރި ރޯދަ ދޫކޮށްލުމަށް ފަހު ރަމަޟާންމަސް ނިމުމުން އެރޯދަ ޤަޟާކުރާނީއެވެ. ފަހު ދުވަހުވެސް އޭނާއަށް ރޯދައަށް ހުރެވޭ ވަރު ވާކަމުގައި ވަނީނަމަ ރޯދަހިފަން ޖެހޭނެއެވެ.
މަތީގައި ބަޔާން ކުރެވުނު އެންމެންނަކީވެސް ބަލިމީހުންގެ ތެރޭގައި ހިމެނިގެން ރޯދަ ދޫކޮށްލުން ހުއްދަ ކުރައްވާފައިވާ މީހުންނެވެ.