ކޮވިޑް- 19: އެެެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ ފައިސާ ހިފަހައްޓައިފި

ކޮވިޑް- 19 ގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަމަލުކޮށްފައިވާ ގޮތް އެމެރިކާ ސަރުކާރުން ތަހުގީގުކޮށް ނިމެންދެން، އެމެރިކާއިން އެ ޖަމްއިއްޔާއަށް ދޭ ފައިސާ ހިފަހައްޓަން އަންގަވާފައިވާ ކަމުގައި ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑް-19 އާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅުން ލަސްވީ ޑަބްލިޔުއެޗްއޯގެ ސަބަބުންނެވެ.

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮރޯނާ ވައިރަސްއާ ގުޅޭ ކަންކަމުގައި ގޯސްކޮށް ކަންކޮށް، އެބަލި ފެތުރޭކަން އޮއްބާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހިނގައިން ދިޔަ ގޮތް ބަލައި ނިމެންދެން، އެ ޖަމްއިއްޔާއަށް ދޭ ފައިސާ ހިފަހައްޓަން އަހަރެން އަމުރުކޮށްފިން." ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އުފެދުނީއްސުރެ އެމެރިކާ ރައްޔިތުން ދިޔައީ ދީލަތިކަމާއެ އެ ޖަމްއިއްޔާއަށް އެހީވަމުން..... ކޮވިޑް- 19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކީ (އެ ޖަމްއިއްޔާއާ މެދު) އަހަރުމެންގެ ވަރަށް ބޮޑު ކަންބޮޑުވުން އެބަހުރި." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޗައިނާއާ ގުޅިގެން ކޮރޯނާ ވައިރަސްއާ ބެހޭގޮތުން "ދޮގު މައުލޫމާތު" ފެތުރުމުގައި ޑަބްލިޔުއެެޗްއޯ ބައިވެރިވެފައިވުމުގެ ސަބަބުން ދުނިޔޭގައި ބަލިމަޑުކަން ފެތުރިދިޔައީ ކަމަށް ތުހުމަތުކުރައްވަމުން ރައީސު ޓްރަމްްޕް ވިދާޅުވީ އެ ޖަމްއިއްޔާ "އަސާސީ މަސްއޫލިއްޔަތު އަދާކުރުމުގައި ނާކާމިޔާބުވެފައި ވާތީ އެކަމަށް ޒިންމާދާރުކުރުވަން ޖެހޭނެ" ކަމަށެވެ.

އެމެރިކާއަކީ ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން ފައިސާ ދޭ ގައުމެވެ. ފާއިތުވި 2019 ވަނަ އަހަރު އެމެރިކާއިން އެ ޖަމްއިއްޔާއަށް 400 މިލިއަން ޑޮލަރު ދީފައި ވެއެެވެ. އެއީ އެ ޖަމްއިއްޔާގެ ބަޖެޓުގެ %15 އެވެ.

ރައިސު ޓްރަމްޕްއާއިި އޭނާގެ ރިޕަބްލިކަން ޕާޓީގެ އިސް ބޭފުޅުން ޑަބްލިޔުއެޗްއޯއަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާތާ ދުވަސްގަނޑެއް ވެއްޖެއެވެ.

ރައީސު ޓްރަމްޕް ކުރިން ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެެނެރަލް ޑރ. ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވަނީ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން އެ ޖަމްއިއްޔާއިން ކޮށްފައިވާ މަސައްކަތްތައް ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސު ޑޮނާލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން 'އެންމެ ފުރަތަމަ އެމެރިކާ'ގެ ސިޔާސަތު ގެންގުޅުއްވަން ފެއްޓެވުމާއެކު، އޭނާ ގެންދަވަކީ އދ. ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަވައި، އދ. ގެ ތަފާތު ޖަމްއިިއްޔާތަކަށް ބަހުގެ ހަމަލާތައް ދެއްވައި، ބައެއް ޖަމްއިއްޔާތަކަށް އެމެރިކާއިން ދެމުން އައި ހިފަހައްޓަވަމުންނެވެ. އެ ގޮތުން އާބާދީއާ ބެހޭ ޖަމްއިއްޔާ (ޔޫއެންއެފްޕީއޭ)، ފަލަސްޠީނުގެ ރެފިއުޖީންގެ ކަންކަން ބަލަހައްޓާ ޖަމްއިއްޔާ (އަންރުވާ) އަދި ވައިގެ ދަތުރުފަތުރާ ބެހޭ ޖަމްއިއްޔާއަށް އެމެރިކާއިން ދޭ ފައިސާ ހިފަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި، އެމެރިކާގައި ހިފެހެއްޓުމެއް ނެތި ކޮރޯނާ ވައިރަސް ފެތުރެމުން ދަނީ، ރައީސު ޓްރަމްޕްގެ ސަރުކާރުން ކަމުގެ މާހިރުންގެ ބަސް އަޑު ނައަހައި، ބައްޔާ ދެކޮޅަށް ފިޔަވަޅު އެޅުން ލަސްކުރުމާއި، ބަލި ފެތުރުން ކޮންޓުރޯލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.

މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ ހަތަރުބައިކުޅަ އެއްބަަޔަށްވުރެ ގިނަ މީހުން ތިބީ އެމެރިކާގައެވެ. އެމެރިކާގައި 6 ލައްކައަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ އިރު، މިބަލީގައި 26 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޅި ދުނިޔޭގައި މިހާތަނަށް 2 މިލިޔަނާ ގާތް ކުރާ އަދަދެއްގެ މީހުންނަށް މި ބަލި ޖެހިފައި ވާއިރު، މި ބަލީގައި 1 ލައްކަ 26 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.