ރަޖިސްޓްރީ ނުކުރެވި ޤަވާޢިދާ ޚިލާފަށް 20 ހާހަށް ވުރެ ގިނަ ބިދޭސީން އަދިވެސް އުޅޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެޖެއެވެ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރަމަކި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަރަށް ބޮޑު ވަޢުދެއްކަމަށެވެ. އެގޮތުން މިދިޔައަރުގެ ސެޕްޓެމްބަރު 19 ގައި އިޢްލާންކުރި މޮރިޓޯރިއަމަކާއެކު ބިދޭސީން ރެގިއުލައިޒްކޮށް ޚާއްޞަ މަސައްކަތް ތަކެއް ކުރެވުނު ކަމަށެވެ. ކޮވިޑާ ގުޅިގެން މިދިޔަ ފެބްރުއަރީގައި ރެގިއުލޭޝަންގެ މަސައްތް ހުއްޓާލުމާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ސާޅީހަކަށް ހާސް މީހުން ވަނީ ރަޖިސްޓްރީކުރެވިފައިކަން ފާހަގަ ކުރެއްވިއެވެ. އެމީހުންގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް ގިނަ ޢަދަދެއްގެ ބަޔަކު ތިބިކަން ފާހަގަ ކުރެއްވިއެވެ. ރަޖިސްޓްރީ ވީމިހުންގެ ތެރެއިން ވަޒިފާތަކަށް ރަޖިސްޓްރީ ވާން ބޭނުންވި މީހުންގެ ލިޔެކިޔުންތައް ނެތުމުން އެކަން ކުރުމަށް ވެސް އުދަނގޫތަކާ ކުރިމަތިވިކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ރަޖިސްޓްރިވި މީހުންގެ ތެރެއިން އަމިއްލަ ޚަރަދުގައި އެނބުރި ޤައުމަށް ދާން ބެނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތުގައި 837 މީހަކު އެނބުރި ޤައުމަށް ދާން އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުންގެ ތެރެއިން ޕާސްޕޯޓް އޮތީ 130 މީހުންގެއެވެ. އެހެންމީހުންގެ ޑޮކިއުމެންޓްތައް ފޮރިން މިނިސްޓްރީއާއި އެމްބެސީ މެދުވެރިކޮށް ފުރިހަމަކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އަދި ބަޤްލަދޭޝް ހުޅުވާލިހާ އަވަހަކަށް، ދާން ބޭނުންވި މީހުން ފޮނުވާ ލެވޭނެކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 19ގައި މޮރިޓޯރިއަމް ނެރުނު ފަހުން ބަންގްލަދޭޝްއިން ރާއްޖެއަށް އަލަށް އައިސްފައިވަނީ އަންސްކިލްޑް ކެޓަގަރީގެ 1362 މީހުނާއި ޕްރޮފެޝަނަލް ކެޓަގަރީގެ 38 މީހުން ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. މިއީ އެދުވަހާ ހަމައަށް އެދި ފައިވާ މީހުންކަންމިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އޭގެ ފަހުން އަންސްކިލްޑް ބިދޭސީން ގެނައުމަށް ހުއްދަ ދެވިފައި ނުވާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ކުރިން މަހެއްގެ މައްޗަށް ތިން ހާހުން ފަސް ހާހުން ބިދޭސީން އަންނަމުން ދިޔަކަން ވެސް މިނިސްޓަރ ފައްޔާޒު ފާހަގަ ކުރެވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އުފެދިފައިވާ ބޮޑުމައްސަލައެއް ކަމަށެވެ. ހީކުރެއްވިވަރަށްވުރެ ބޮޑުގޮންޖެހުންތަކެއް އެމައްސަލަ ހައްލުކުރުމަށް ހުރިކަން ވެސް މިނިސްޓަރ ފައްޔާޒު ފާހަގަކުރެއްވިއެވެ.