ކޮވިޑް- 19: ޕާކިސްތާނުން ސާކް ކޮވިޑް-19 އެމަޖެންސީ ފަންޑަށް 3 މިލިއަން ޑޮލަރު

މިހާރު ދުނިޔޭގައި ހަލުވިކަަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ދެކޮޅަށް ދެކުނު އޭޝިޔާގެ ގައުމުތަކުން ކުރާ މަަސައްކަތަށް އެހީތެރިވުމުގެ ގޮތުން ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އިން އުފައްދާފައިވާ ސާކް ކޮވިޑް-19 އެމަޖެންސީ ފަންޑަށް 3 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކުރުމަށް ޕާކިސްތާނުން ނިންމައިފިއެެވެ. މި ފަންޑަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަކަށް އުފައްދާފައިވާ ފަންޑެކެވެ. މިފަންޑު އުފެއްދުމުގެ ޚިޔާލު މޯދީ ހުށަހެޅުއްވީ ފާއިތުވި މާރިޗު މަހުގެ 15 ވަނަ ދުވަހު ސާކް ގައުމުތަކުގެ އެންމެ އިސްވެރިން ބޭއްވެވި ވީޑިޔޯ ކޮންފަރެންސުގައެެވެ.

"ކޮރޯނާ ވައިރަސްއާ ހަނގުރާމަކުރުމަށް މި ސަރަހައްދުގައި ކުރެވޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ސާކް ކޮވިޑް-19 އެމަޖެންސީ ފަންޑަށް 3 މިލިއަން ޑޮލަރު ދިނުމަށް ޕާކިސްތާނު ސަރުކާރުން ވަނީ ނިންމައިފައެވެ." ޕާކިސްތާނުގެ ފޮރިން ސެކްރެޓަރީ ސުހައިލް މަޙްމޫދާއި ސާކްގެ ސެކްރެޓަރީ ޖެެނެރަލް އެސާލާ ރުވާން ވީރަކޫން ޓެލެފޯނުން ދެއްކެވި ވާހަކަފުޅަށް ފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

ޕާކިސްތާނު މި ފަންޑަށް ފައިސާ ހަދިޔާކުރަން ނިންމިކަން މި ހާމަކުރީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސް ނެންގެވުމަކަށް ސާކް ގައުމުތަކުގެ ވިޔަފާރިއާ ބެހޭ އިސްބޭފުޅުންގެ ވީޑިޔޯ ކޮންފަރެންސެއްގައި ބައިވެރިނުވާން ޕާކިސްތާނު ނިންމިތާ އެއް ދުވަސް ފަހުންނެވެ. ދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ޑެޕިއުޓީ ހައިކޮމިޝަނަރ ޒުލްޤަރްނައިން އަޙްމަދު ވިދާޅުވިގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް ކުރާނެ އަސަރާ މެދު ބަހުސްކުރުމަށް ބޭއްވި އެ ބައްދަލުވުމުގައި ޕާކިސްތާނު ބައިވެރި ނުވީ އެ ބައްދަލުވުން އިންތިޒާމުކުރީ ސާކްގެ ސެކްރެޓޭރިއަޓުން ކަމަށް ނުވާތީއެވެ. ޕާކިސްތާނުން ދެކޭ ގޮތުގައި ސާކްގެ އެފަދަ ބައްދަލުވުންތައް އިންތިޒާމުކުރަން ޖެހޭނީ ސާކްގެ ސެކްރެޓޭރިއަޓުންނެވެ.

ޕާކިސްތާނަކީ ސާކް ކޮވިޑް-19 އަށް އެންމެ ފަހުން ފައިސާ ހަދިޔާކުރި މެންބަރު ގައުމެވެ.

މި ފަންޑަށް އެންމެ ގިނަ ފައިސާ ހަދިޔާކޮށްފައި ވަނީ އިންޑިޔާއިންނެެވެ. އެއީ 10 މިލިއަން ޑޮލަރެވެ. މީގެ އިތުރަށް ސްރީލަންކާއިން 5 މިލިއަން ޑޮލަރު، ބަންގްލާދޭޝްއިން 1.5 މިލިއަން ޑޮލަރު، ނޭޕާލުން 1 މިލިއަން ޑޮލަރު، އަފްޣާނިސްތާނުން 1 މިލިއަން ޑޮލަރު، ދިވެހިރާއްޖެއިން 2 ލައްކަ ޑޮލަރު އަދި ބޫޓާނުން 1 ލައްކަ ޑޮލަރު ހަދިޔާކޮށްފައި ވެއެވެ.

"ޕާކިސްތާނުގެ ނިންމުން ސާކްގެ ސެކްރެޓޭރިއަޓަށް އަންގާފައި ވާއިރު، މިފަންޑަށް ލިބޭ ފައިސާގެ ހުރިހާ ކަމެއް ބަލަަަހައްޓަން ޖެހޭނީ ސާކްގެ ސެކްރެޓަރޭއިޓުން ކަމާއި، ފަންޑު ބޭނުންކުރާނެ ގޮތް ކަނޑައަޅަންވާނީ ސާކުގެ ޗާޓަރުގައި ވާގޮތަށް މެންބަރު ގައުމުތަކާއި މަޝްވަރާކޮށްގެންކަން ވާނީ އަންގާފައި." ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ޑެޕިއުޓީ ހައިކޮމަޝަަނަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.