މިވަގުތު ޓިކެޓު ގަނެވޭނީ ހަމައެކަނި އޮންލައިންކޮށް: މޫސަ

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހީން ރާއްޖެއަށް ގެނައުމަށްޓަކައި މޯލްޑިވިއަން އިން ކުރަމުންދާ މަސައްކަތުގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް މިވަގުތު ޓިކެޓު ގަނެވޭނެ ހަމައެކަނި ގޮތަކީ އޮންލައިންކޮށް ކަމަށް މޯލްޑިވިއަން އޮޕަރޭޓު ކުރާ އައިލެންޑުއޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މެނޭޖަރ ޕަބްލިކް ރިލޭޝަން އެންޑް ކޮމިޔުނިކޭޝަން މޫސާ ވަސީމު ވިދާޅުވީ ޓިކެޓު ވިއްކަން މޯލްޑިވިއަންއިން ނުގުޅާނެ ކަމަށެވެ.

"މޯލްޑިވިއަންއަކުން ޓިކެޓު ވިއްކަން ނުގުޅާނެ. މޯލްޑިވިއަންއަކުން އިތުރު ނަމްބަރެއް ނުދޭނެ ޓިކެޓު ބައްލަވައިގަނެވޭނެ ނަމްބަރެކޭ ބުނެފައެއް. ހަމައެކަނި އޮންލައިން މެދުވެރިކޮށް މެލޭޝިއާ އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހީން ގެނައުމަށް މިކުރާ މަސައްކަތުގައި ޓިކެޓު ބައްލަވައިގަނެވޭނީ،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަ މިއަދު ވިދާޅުވިއެވެ.  މޫސަ މިހެން ވިދާޅުވީ ޓިކެޓު ލިބޭނެ ކަމަށް މޯލްޑިވިއަންގެ ނަމުގައި "ފޭކު" ކޯލްތަކެއް ކުރަމުންދާތީއެވެ. މޭލޭޝިއާ ކުރަން ނިމާފައިވާ ދަތުރުގެ ޓިކެޓުގެ އަގަކީ 330 ޑޮލަރެވެ. ކޮލަމްބޯގެ ދަތުރުގެ އަގަކ300 ޑޮލަރެވެ. ކޮޗިންގެ ޓިކެޓުގެ އަގަކީ 265 ޑޮލަރު ކަމަށް މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ރޭ ވަނީ ލަންކާއިން ވެސް ބައެއް މީހުން ގެނެސްފައެވެ. އަދި މެލޭޝިއާގައި ތިބި ދިވެހީން ނެގުމަށް މިމަހުގެ 8 ވަނަ ދުވަހު އެގައުމަށް ވެސް މޯލްޑިވިއަންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މެލޭޝިޔާ ދަތުރު ހަމަޖެހިފައިވަނީ މިމަހު އަށް ވަނަ ދުވަހު. އިރާދަ ކުރެއްވިއްޔާ މެލޭޝިއާގައި ތިބި ދިވެހީން މިކޮޅަށް ގެންނާނަން،" އޭނާ ވިދާޅުވިއެވެ.

މިގައުމުތައް ފިޔަވައިވެސް މޯލްޑިވިއަންއިން އިތުރު ގައުމުތަކަށް އުދުހޭނެ ކަމަށާއި އެހެން ނަމަވެސް އެމަންޒިލްތައް ކަނޑައަޅާނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން އެގައުމުތައް ކަނޑައެޅުމަށްފަހު އެންގެވުމުން ދަތުރުކުރާނެ ތާރީޚާއި ގަޑި ހާމަކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ހަފްތާއަށް ބަހާލައިގެން މޯލްޑިވިއަން އިން ކާގޯދަތުރުތައްވެސް ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސްރީލަންކާގައިތިބި ދިވެހީގެ އާއިލާތަކުން އެމީހުންނަށް ފޮނުވި ކެއާޕެކޭޖު ވެސް މިހާރުވަނީ ލަންކާއަށް ގެންދެވިފައި ކަމަށް ވިދާޅުވިއެވެ. އަދި އެ ޕެކޭޖުތައް އާއިލާތަކަށް މިހާރު ލިބެމުންދާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.