ކޮވިޑް-19: މިހާތަނަށް 185 މީހުންގެ ވަޒިފާ ގެއްލިއްޖެ

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުން ދެނެގަތުމަށާއި އެފަދަ މީހުންނަށް އެހީވުމަށް އިކޮނޮމިކް މިނިސްޓްރީން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރުގައި މިހާތަނަށް  723 މީހުން ރަޖިސްޓްރީ ކޮށްފި ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުޙައްމްދު މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އޭގެ ތެރޭގައި ވަޒީފާއިން ކަނޑާލައިފައިވާ 185 މީހުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން ކޮވިޑްގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ 58 މީހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން މުސާރަ ދަށްކުރެވިފައިވާ 113 މީހުންނާއި ނޯޕޭ ލީވަށް ދިއުމަށް އަންގާފައިވާ 245 މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައި މުސާރަ ލިބޭ 72 މީހުންނާއި، ސަސްޕެންޑް ކުރެވިފއިވާ64 މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެކަނި އަސާސީ މުސާރަ ލިބޭ 44 މީހަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ތިން މަހުގެ އެލަވަންސެއް ދޭ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެހެންނަމަވެސް ދޭނީ ކިހާވަރެއް ކަމެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ގެއްލުވައި ނުލުމަކީ ނުވަތަ ވަޒީފާއިން ވަކި ނުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ދިވެހި މުވައްޒަފުން ވަޒީފާއިން ކަނޑައި އެމީހުންނަށް އިހާނެތިކޮށް ހިތާ ކަމަށްވާނަމަ ސަރުކާރުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން އެފަދަ މީހުންނަށް ސަމާލު ކަމެއް ނުދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 19 މީހުން ޕޮޒިޓިވްވެފައެވެ. 13 މީހުން ރަނގަޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.