ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (6)

(3 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާާނަ ކިޔައިދިނުމުގައި މުސްލިމުން ހިފަހައްޓާ އުސޫލަކީ މާބޮޑު ހަގީގަތެއް ނެތް ކަމެއް ހަގީގަތަކަށް ހަދާން މަސައްކަތް ކުރުން ކަމަށް ކިޔާ ބަޔަކުވެސް އުޅެއެވެ. އެމީހުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނަކަމުގައި މުސްލިމުން އާއްމުކޮށް ބުނާ މާނައަކީ ގަބޫލުކުރެވޭފަދަ މާނައަކަށް ނުވެއެވެ. މި ޚިޔާލައިގެން ތެދުވެ އުޅޭ މީހުން ކުރިއަށް ނެރެނީ ކުރީން ދެންނެވި ދެ އުޒުރު އެކީގައެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ މޮޔައެއްކަމަށާއި ދޮގޮވެރިއެއް ކަމަށް މިބައިމީހުން ބުނެއެވެ.

އެންމެ ފުރަތަމަ މިބައިމީހުން ބުނަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ ސިކުނޑިފުޅު ހަމަނުޖެހޭ ބޭކަލެއް ކަމުގައެވެ. ސިކުނޑިފުޅަށް އައިސްފައިވާ އުނިކަމެއްގެ ސަބަބުން ކުރެއްވޭ ޚިޔާލުފުޅަކާއެކީ އިތުރުފުޅު ހައްދަވަމުން ގެންދަވަނީއެވެ. މި ބައްޔަށް ނަފްސާނީ އިލްމުވެރިން ކިޔާ ނަމެއް އޮވެއެވެ. އެއީ މިތޯމީނިއާ އެވެ. މި ބަހުގެ މުރާދަކީ ދޮގެއް ހަދައިފައި ދެން ޚުދު އަމިއްލައަށް އެއީ ތެދެއް ކަމަށް ގަބޫލު ކުރާން ފެށްޓުމެވެ. ޣައިރުމުސްލިމުން ބުނާ ގޮތުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅަކީ އެއީއެވެ. އެކަމަކު މި ހުއްޖަތުގައި ވަރަށް ބޮޑެތި މައްސަލަ އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް މިތޯމީނިއާ ޖެހިފައިވާ މީހަކަށް ހަގީގަތް ގަބޫލެއް ނުކުރެވޭނެއެވެ. އަދި ހަގީގަތާ ކުރިމަތިލާާކަށްވެސް ނުކެރޭނެއެވެ. ކީރިތި ޤުރްއާން ބިނާވެފައި ވަނީ މުޅީންވެސް ހަގީގަތުގެ މައްޗަށެވެ. އެ ފޮތުގައި ހިމެނޭ ކޮންމެ ވާހަކައެއް ދިރާސާކޮށް ބަލައި ތެދުކަން ކަށަވަރު ކުރެވިދާނެއެވެ. (އެއީ މީގެ ކުރީންވެސް އެތައް ބަޔަކު ކޮށްފައިވާ ކަމެކެވެ. މިހާރުވެސް ކުރަމުންދާ އަދި ފަހުންވެސް ކުރާނޭ ކަމެކެވެ.) މިތޯމިނިއާ ޖެހިފައިވާ މީހަކަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ހަގީގަތެވެ. ކަން އޮތް ގޮތެވެ. ވުމާއެކު ނަފްސާނީ ޑަކްޓަރުން މިފަދަ މީސްމީހުންނަށް ފަރުވާދޭން ކުރާ ކަމަކީ އެމީހުންގެ ކުރިމައްޗަށް ހަގީގަތް ގެނެސްދިނުމެވެ. ކަން އޮތް ގޮތް ހާމަކޮށް ދިނުމެވެ. މިސާލަކަށް އެފަދަ މީހެއްގެ ހާލަތަށް ބަލައިލަމާތޯއެވެ؟ އޭނާ ބުނަނީއެވެ. "އަހަރެން މިއީ އިނގިރޭސިވިލާތުގެ ރަސްގެފާނެވެ." ކަލޭ ތިޔަ ހަދަނީ ދޮގެކޭ، ކަލޭ ތިޔަހަރީ މޮޔަވެފައެކޭ ނަފްސާނީ ޑަކްޓަރުންނެއް އޭނާޔާ ދިމާއަކަށް ނުބުނާނެއެވެ. އެއީ އެ ފަންނުގެ ފަންނީ އުސޫލެއް ނޫނެވެ. ޑަކްޓަރު އެމީހާޔާ ވާހަކަ ދައްކާ ގޮތުގެ މިސާލެއް ދަންނަވައިލާނަމެވެ. "އެންމެ ރަނގަޅެވެ. ކަލޭ ތިޔައީ އިނގިރޭސިވިލާތުގެ ރަސްގެފާނެއް ނޫން ހެއްޔެވެ؟ އެހެން ވެއްޖެއްޔާ ރާނީ ކޮބައި ހެއްޔެވެ؟ އެކަމަނާ މިއަދު ވަޑައިގަތީ ކޮން ތަނަކަށް ހެއްޔެވެ؟ ކަލޭގެ ބޮޑު ވަޒީރު ކޮބައިހެއްޔެވެ؟ ކަލޭގެ ފާާރަވެރިން ކޮބައި ހެއްޔެވެ؟" ބަލިމީހާއަށް މި ސުވާލުތަކުގެ ޖަވާބު ދޭން އުނދަގޫވީމާ އޭނާ ކުރާ ކަމަކީ އެކި ކަހަލަ އުޒުރުތަކާއި ބަހަނާތައް ދެއްކުމެވެ. "ރާނީ ވަޑައިގަތީ އެކަމަނާގެ މަންމަގެ އަރިހަށެވެ. ދެން... ބޮޑު ވަޒީރު... އޭނާ... އޭނާ އަވަހާރަވެއްޖެއެވެ." އެންމެ ފަހުން ގޮސް ބަލީމީހާ ރަނގަޅު ވަނީ އޭނާއަށް ހަގީގަތާ ކުރިމަތި ނުލެވުނީމައެވެ. ހަގީގަތް އޮތް ގޮތް ހާމަކޮށް ނުދެވުނީމައެވެ. ނަފްސާނީ ޑަކްޓަރު މިފަދަ ސުވާލުތައް ގިނަގިނައިން ކުރާން ފެށީމާ އެންމެ ފަހުން ބަލިމީހާ ހަގީގަތާ ކުރިމަތިލައެވެ. އޭނާ ބުނެއެވެ.  "އަހަރެން މިއީ އިނގިރޭސި ރަސްގެފާނެއް ނޫނެވެ. އަހަންނަށް އޮޅުނީ ކަމުގައި ވެދާނެއެވެ."

ކީރިތި ޤުރްއާން ކިޔަވާ މީހަކާ އެ ފޮތް މުޚާޠާބް ކުރަނީ މިތޯމީނިއާގެ ބަލިމީހަކާ ނަފްސާނީ ޑަކްޓަރަކު މުޚާޠަބްކުރާ ކަހަލަ ގޮތަކަށެވެ. ޔޫނުސް ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٌ مِّن رَّبِّكُمۡ وَشِفَآءٌ لِّمَا فِي ٱلصُّدُورِ وَهُدًى وَرَحۡمَةٌ لِّلۡمُؤۡمِنِينَ  (٥٧)

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވައުޒަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިންތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."

ފުރަތަމަ ބަލައިލުމުގައި މި ވާހަކަފުޅު އާދައިގެ ވާާހަކަފުޅެއް ކަމުގައި ފެނިވަޑައިގެންފާނެއެވެ. އެކަމަކު އިހު ދެންނެވުނު މިސާލަށް ރިއާޔަތް ކުރައްވައިގެން ބެއްލެވީމާ ފުރިހަމަ މަންޒަރު ވަރަށް ސާފުކޮށް ފެނިވަޑައިގެންފާނެއެވެ. ހަގީގަތުގައި ކީރިތި ޤުރްއާން ކިޔެވުމަކީ އިންސާނާގެ ސިކުނޑީގައި އުފެދިފައި ހުންނަ ވަހުމުތަކަށް ލިބޭ ފަރުވާއެކެވެ. އެ ފަރުވާ ލިބެނީ އިންސާނާ ހަގީގަތާ ކުރިމަތިކުރުވާތީއެވެ. އޭނާގެ ކުރިމައްޗަށް ހަގީގަތް ނެރެ ހާމަކުރާތީއެވެ. ކީރިތި ޤުރްއާނުގެ ވާހަކަތައް ހުންނަ ގޮތުގެ މިސާލެއް ދަންނަވައިލާނަމެވެ. "އޭ މީސްތަކުންނޭވެ. މިކަމާ ބެހޭ ގޮތުން މިވެނި އެވެނިހެން ކަލޭމެން ވާހަކަ އެބަދައްކަމެއް ނޫންހެއްޔެވެ؟ އެހެންވެއްޖެއްޔާ އެވެނިކަމަކާ ބެހޭ ގޮތުން ބުނަނީ ކީކޭހެއްޔެވެ؟ ކަލޭމެންނަށް އެވެނި ކަމެއް އެނގިފައިވާ ހާލު މިވެނި ވާހަކައެއް ދައްކަނީ ކީއްވެގެން ހެއްޔެވެ؟" މިކަހަލަ އެތައް މިސާލެއް އެ ފޮތުން ފެންނާން އެބަހުއްޓެވެ. އެ ވަގުތަކަށާއި ދަނޑިވަޅަކަށް ބޭނުންވާ މައުލޫމާތެއް ނުވަތަ ހުއްޖަތެއް ބަލައިގަންނާން މަޖުބޫރު ކުރުވުމަކީ ޤުރްއާނުން ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ކުރާ ކަމެކެވެ. އަދި ﷲ މީސްތަކުންނަށް ހާމަކޮށް ދެއްވައިފައިވާ ހަގީގަތްތަކަކީ ޚިޔާލީ ނަޒަރިއްޔާތަކާއި އުޒުރުތަކާ ދުރަށް ޖެހި ތިބެގެން ހޯދައި ބެލީމާ ފެންނާނޭ ހަގީގަތްތަކެއްކަންވެސް ވަރަށް ސައުފުކޮށް ދައްކައިދެއެވެ.

މީސްތަކުން ހަގީގަތާ ދިމާއަށް އެނބުރުވުމުގެ އުސޫލުގެ ސަބަބުން އެތައް ޣައިރުމުސްލިމުންނެއް ވަނީ މަތާސިރުވެފައެވެ. މި މައުޟޫއަށް ލިޔެފައިވާ ލިޔުންކޮޅެއް މިހާރުވެސް "ނިވް ކެތަލިކް އެންސައިކްލޮޕީޑިއާ" އިން ފެންނާން އެބައޮތެވެ. "ޤުރްއާންގެ އަސްލާ ބެހޭ ގޮތުން ފާއިތުވެ ދިޔަ ގަރުނުތަކުގެ ތެރޭގައި އެތައް ނަޒަރިއްޔާއެއް ވަނީ ނެރެފައެވެ. ހަމަބުއްދީގެ ބޭނުންކުރާ އެކަކުވެސް މިއަދަކު އެއިން އެއްވެސް ނަޒަރިއްޔާއެއް ގަބޫލެއް ނުކުރެއެވެ." މި ވާހަކަ މި ދައްކަނީ ކޮން ބައެއްތޯއެވެ؟ ކީރިތި ޤުރްއާނުގެ ސައްހަކަމާ ބެހޭ ގޮތުން ނުވަތަ އަސްލާ ބެހޭ ގޮތުން ދައްކާ އިލްމީ ވާހަކަތަކާ ދެކޮޅު ހެދުމުގައި އެތައް ގަރުނެއް ހޭދަކޮށްފައިވާ ކެތަލިކް ފައްޅީގެ މީހުންނެވެ. މި ދެންނެވުނު އެންސައިކްލޮޕީޑިއާގައި ބަޔާން ކޮށްފައިވާ ގޮތުގައި ކީރިތި ޤުރްއާނަކީ ވަޙީއެވެ. އެހެންވީމާ މިހާރު އެމީހުން އެ ފޮތް ދިރާސާވެސް ކުރެއެވެ. އެކަމަކު ދިރާސާ ކުރަނީ އެއީ ވަޙީ ނޫންކަން ސާބިތުކޮށްދޭނޭ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ. އެތައް ދިރާސާއަކަށް ފަހުވެސް އެމީހުންނަކަށް އެކަށީގެންވާ، ބުއްދި ގަބޫލުކުރާ ދަލީލެއް ހޯދިފައެއް ނެތް ކަމުގައި ވިޔަސް އެމީހުންގެ މަސައްކަތުގައި ތެދުވެރިކަން އެބަހުރި ކަމަށް ގަބޫލު ކުރާން ޖެހެއެވެ. މީސްމީހުން ދައްކާފައި ހުރި ފޫނުބެދޭ ވާހަކަތައް އެމީހުން ގަބޫލެއް ނުކުރެއެވެ. ފައްޅިން ބުނާ ގޮތުގައި ބުއްދި ގަބޫލުކުރާ އެއްވެސް ދަލީލެއް ފާއިތުވި ސާދަ ގަރުނުގެ ތެރޭގައި އެމީހުންނަކަށް ފެނިފައެއް ނެތެވެ. އެހެންވީމާ ހަމަ ގައިމުވެސް ކީރިތި ޤުރްއާނަކީ އެހައި ފަސޭހައިން ބޮލުން ނައްޓައިލައި، އެއްފަރާތް ކޮށްލެވޭނޭ ފޮތެއް ނޫންކަމަށް އެމީހުން އެބަ ގަބޫލުކުރެއެއް ނޫންތޯއެވެ؟ މިކަމުގައި ބައެއް މީހުންގެ އުސޫލު ހުންނަނީއަކީ ފައްޅީގެ ހަމަތަކާ އެއް ގޮތަކަށް ނޫނެވެ. އެފަދަ މީސްމީހުން އަވަސް ވެގަންނަނީ (ހެއްކެއް ނެތް ކަމުގައި ވިޔަސް) ތިޔައީ އެވެނި މިވެނި ގޮތަކަށް އައިސްފައިވާ ފޮތެކޭ ކިޔައި އެކި ކަހަލަ ފޫނުދެބޭ ދަލީލުތައް ނެރެގަންނާށެވެ. ގިނަ ފަހަރަކަށް ތިމާ މި ދައްކާ ވާހަކައަކީ ކިހައިވަރެއްގެ އުރައްޕެއް ހުރި ވާހަކައެއްތޯ ބަލައިލާކަށްވެސް މަސައްކަތެއް ނުކުރެއެވެ.

ފައްޅީގެ މި ދެންނެވި ވާހަކަތަކުގެ ސަބަބުން އާއްމު ކްރިސްޓިއަނުންނަށް ބައެއް ކަހަލަ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. (ބޭނުންހައި ވާހަކައެއް ދައްކައިފައި މިހިރޭ ދަލީލޭ ބުނާން އުނދަގޫވާ ހާލަތަކަށް އެމީހުން ހިނގައިދެއެވެ.) ކީރިތި ޤުރްއާނުގެ އަސްލަކީ ކޮބައިކަމާ މެދު ކްރިސްޓިއަނަކު އަމިއްލަ ހައިސިއްޔަތުން ދެކޭ ގޮތެއް އޮވެދާނެއެވެ. އެކަމަކު ފައްޅީގެ މެންބަރެއްގެ ގޮތުގަައި ހުރެ އޭނާގެ އަމިއްލަ ޚިޔާލު ނެރެ ހާމަކޮށްގެން އުޅުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ސަބަބަކީ ފައްޅީން އޭނާގެ ކިޔަމަންތެރިކަމާއި އިޚްލާސްތެރިކަމުގެ މިންގަނޑެއް ކަނޑައަޅައިފައި އޮންނަ އޮތުމެވެ. އެމިންގަނޑުން ބޭރަށް ގޮސް ފައްޅީގެ ވާހަކަތަކާ ދެކޮޅު ހެދުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. ނުވަތަ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އޭނާއަށް ޖެހެނީ ފައްޅީން ކަމެއްގައި ވަކި ގޮތެއް ނިންމައި ކަނޑައަޅައިފިނަމަ އެއްވެސް ސުވާލަކާ ނުލައި ކިޔަމަންގަތުމަށް ފަހު އެ ގޮތެއްގެ މައްޗަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ފަހިކުރާށެވެ. ފައްޅިން ބުނަނީ ކީކޭތޯއެވެ؟ "ޤުރްއާނާ ބެހޭ ގޮތުން މީސްމީހުން އެ ދައްކާ ސާބިތު ނުކުރެވޭ ދަލީލުތައް އަޑު ނާހާށެވެ." މިހެންނެވެ. މި އުސޫލަށް ބަލައިފައި އިސްލާމުން ހިފަހައްޓަމުން ގެންދާ އުސޫލާމެދު ބުނާނީ ކީކޭތޯއެވެ؟ ކީރިތި ޤުރްއާނަކީ އެ ފޮތާމެދު ވިސްނައި ފިކުރު ކުރާން މަޖުބޫރުވާ އަދި އެ ފޮތުގައި ބަލައި ދިރާސާ ކުރާން ޖެހޭ އެތައް ވާހަކައެއް ހުރި ފޮތެއް ކަމަށް ޣައިރުމުސްލިމުން އެބަ އެއްބަސްވެއެވެ. އެކަމަކު މުސްލިމުން ހަމަ މި ނަޒަރިއްޔާ ހިފަހައްޓާން ފެށުމާއެކު ބައެއް މީހުންނަށް ގަބޫލު ނުކުރެވޭފަދަ ނަޒަރިއްޔާއަކަށް ވެދެއެވެ. އެއީ ކީއްވެގެންތޯއެވެ؟ މިއީ ބުއްދީގެ އަހުލުވެރިންނާއި އިލްމުވެރިން ވިސްނައި ފިކުރު ކުރާން ޖެހޭ ކަމެކެވެ.

ހޭންސް އަކީ ކެތަލިކް ފައްޅީގެ އިސް ޢިލްމުވެރިއެކެވެ. ފައްޅީން ގަދަރުކުރާ އަދި އޭނާގެ ދާއިރާގައި އެތައް އަހަރެއް ހޭދަ ކުރައްވައިފައިވާ ބޭކަލެކެވެ. އޭނާ ކީރިތި ޤުރްއާން ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައި ބެއްލެވުމަށް ފަހު ނެރުއްވުނު ނަތީޖާާ ހާމަ ކުރެއްވީ މި ފަދައިންނެވެ. "ކަލާނގެ މުޙައްމަދުގެފާނު މެދުވެރި ކުރައްވައި އިންސާނުންނާ މުޚާޠަބު ކުރެއްވީއެވެ." މިއީވެސް ޣައިރުމުސްލިމެއްގެ ވާހަކައެވެ. ކެތަލިކް ފައްޅީގެ އިސް ޢިލްމުވެރިއެއްގެ ވާހަކައެވެ. ޕޯޕް މި ވާހަކަތައް ގަބޫލު ކުރައްވާނޭ ހެންނެއް އަޅުގަނޑަކަށް ހިއެއް ނުވެއެވެ. އެކަމަކު މިފަދަ އިލްމީ، ނުފޫޒު ހުރި ބޭކަލެއްގެ ވާހަކަ މުސްލިމުން ގަބޫލުކުރާ ގޮތްތައް ސާބިތުކުރާން ބޭނުން ހިފިދާނެކަން ޔަގީނެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ވަހީބަސްފުޅުކަމަށް ބުނުއްވައި، އެ ފޮތަކީ ފަސޭހައިން އެއްފަރާތަށް ޖައްސައިލެވޭނޭ ފޮތެއް ނޫން ކަމަށް ގަބޫލު ކުރެއްވިޔަތީ އޭނާއަށް ތައުރީފު ހައްގެވެ.

މި ދެންނެވުނު ހުރިހައި ވާހަކައަކުން އެނގުނު ގޮތުގައި (ކީރިތި ޤުރްއާނާ ބެހޭ ގޮތުން) ޣައިރު މުސްލިމުން ދައްކާން ހުރި ހުރިހައި ބަހަނާއެއް ހުސްވެއްޖެއެވެ. އެއީ ވަޙީ ނޫން ކަމަށް އިތުރަކަށް ދެއްކޭނޭ އެއްވެސް ދަލީލެއް ނެތެވެ. އެހެނީ ކީރިތި ޤުރްއާނަކީ ވަޙީ ނޫން ކަމުގައި ވަނީނަމަ އެއީ އޮޅުވައިލެވުމަކަށް ވާން ވާނެއެވެ. މަގުފުރައްދާ އެއްޗަކަށް ވާން ވާނެއެވެ. އެއީ އެފަދަ ފޮތެއް ކަމުގައި ވަނީ ނަމަ ކުރާން ޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. "މި ފޮތް އައީ ކިހިނެއް ކޮން ތަނަކުން ހެއްޔެވެ؟ ފޮތުގެ އަސްލަކީ ކޮބައިހެއްޔެވެ؟ އަދި މި ފޮތުން އަހަރެމެން މަގުފުރައްދާ ގޮތަކީ ކޮބައި ހެއްޔެވެ؟" މި ސުވާލުތަކަަށް ދެވޭ ތެދުވެރި ޖަވާބަކީ ކީރިތި ޤުރްއާނުގެ ސައްހަކަން ސާބިތުކޮށްދޭ ދަލީލެވެ. އަދި ޣައިރުމުސްލިމުންގެ ހެއްކެއް ނެތް ވިޔާނުދާ ވާހަކަތަކުގެ ރައްދުވެސް މެއެވެ. ކީރިތި ޤުރްއާނަކީ މަގުފުރައްދާ އެއްޗެއް ކަމަށް ބުނާނަމަ އެކަމުގެ ހެކި ދައްކާން ވާނެއެވެ. ހެކި ދެއްކުން އޮތީ އެމީހުންގެ (ޣައިރުމުސްލިމުންގެ) އަތްމަތީގައެވެ. އަޅުގަނޑުމެންގެ (މުސްލިމުންގެ) އަތްމައްޗަކު ނޫނެވެ. މާނައަކީ އެއީ އަޅުގަނޑުމެން ކުރާން ޖެހޭ ކަމެއް ނޫނެވެ. އެމީހުން ކުރާން ޖެހޭ ކަމެކެވެ. ސާބިތުކޮށް ދެވޭނޭ އެކަށީގެންވާ ދަލީލުތަކެއް ނެތި އެއްވެސް ވާހަކައެއް ދެއްކުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެމީހުންނާ ދިމާއަށް އަޅުގަނޑު ބުނަމެވެ. "އެ ފޮތުގައި އޮތް ހަމަ އެންމެ މަގުފުރައްދުމެއް އަހަންނަށް ދައްކާށެވެ. ކީރިތި ޤުރްއާނުން އަހަރެން މަގުފުރައްދާ ވާހަކައެއް (އާޔަތެއް) ދައްކާށެވެ. ނުދެއްކޭ ކަމުގައި ވަނީނަމަ އެއީ މަގުފުރައްދާ އެއްޗެކޭ ނުކިޔާށެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.