ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (4)

(13 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކީރިތި ޤުރްއާނުގެ އުސޫލަށް ބަލާއިރު ފާހަގަ ކޮށްލާން ޖެހޭ ނުކުތާއެއް އެބައޮތެވެ. މީހަކަށް ކަމެއް އޮތް ގޮތް ކިޔައިދޭން ނޭނގުމަކީ ކަމެއްގެ ތެދުކަން ގަބޫލު ކުރުން ލާޒިމުކުރާ ކަމެއް ނޫނެވެ. އަދި އެކަމަކާމެދު އެހެން މީހަކު ބުނާހައި ވާހަކައެއް ގަބޫލު ކުރުން މަޖުބޫރުވާ ކަމެއްވެސް ނޫންމެއެވެ. މީހަކަށް ކަމެއްގެ ތަފުސީލެއް ދޭން ނޭގުމާއެކު ލޯ މަރައިލައިފައި އެހެން މީހެއްގެ ތަފުސީލު ގަބޫލު ކުރުން ލާޒިމެއް ނުވާނެއެވެ. އެކަމަކު މީހަކު ދޭ ތަފުސީލަކާ ނުވަތަ މައުލޫމާތަކާ ސީދާާ ދެކޮޅު ހަދާނަމަ އެ ދެކޮޅު ހަދާ ސަބަބެއް ބަޔާންކޮށް ދެވެން ވާނެއެވެ. ނުވަތަ އެ ތަފުސީލަކީ ނުވަތަ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތުކަން ސާބިތުކޮށްދޭން ވާނެއެވެ. މިއީ ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ފެއްތޭނޭ އުސޫލެކެވެ. މި އުސޫލު އެންމެ ފުރިހަމަކޮށް ދައްކައިދެނީ ކީރިތި ޤުރްއާނުންނެވެ. "އަހަރެން ގަބޫލެއް ނުކުރަމެވެ." މިހެން ބުނާ މީހަކަށް ކީރިތި ޤުރްއާނުން ދައްކަނީ ތަފާތު މަގެކެވެ. އެމީހާއަށް ކުރިމަތި ކުރުވަނީ މަސައްކަތެކެވެ. އަމިއްލައަށް ކުރާން ޖެހޭ ކަމެކެވެ. އެއީ ޤުރްއާނުން އަންގައިދޭ އެންގުން ދޮގުކުރާނަމަ، ނުވަތަ އެ އެންގުމާމެދު އެހެން މީހުން ދައްކާ ވާހަކަވެސް ގަބޫލު ނުކުރާނަމަ، ޚުދު އޭނާގެ ހިތަށް ކަށަވަރުކަން ވަންނާނޭ ފަދަ ޖަވާބެއް އަމިއްލައަށް ހޯދުމުގެ މަސައްކަތެވެ. ކީރިތި ޤުރްއާނުގެ އާޔަތެއް އިނގިރޭސި ބަހަށް ތަރުޖަމާާ ކުރާއިރު ނުބައިކޮށް ކޮށްފައި ވާތީ ވަރަށް ގިނަ ފަހަރަށް އަޅުގަނޑު ދެކެމެވެ. ﷲ އަންގަވަނީ ތެދު ނުވަތަ ހައްގު ގޮތް އެމީހަކާ ހަަމައަށް އައި މީހެއްގެ ވާހަކައެވެ. އޭނާއަށް މައުލޫމާތެއް ލިބުނީމާ އެ މައުލޫމާތުގެ ތެދުދޮގު ނުބަަލައި ހިނގައްޖެނަމަ އެއީ ތިމާގެ ވާޖިބަށް ފުރަަގަސްދީފި މީހެކެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ މައުލޫމާތެއް ލިބުނީމާ އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ހޯދައި ނުބަލާ މީހަކީ ކުށް ގޮތެއްގައި ހުރި މީހެކެވެ. މައުލޫމާތެއް ލިބިއްޖެ ނަމަ އޭގެ ތެރެއިން ކުނި ކަމަށް ބަލައި އުކައިލާން ޖެހޭ ބަޔަކީ ކޮބައިތޯއާއި، އެ ވަގުތު ނުވަތަ ފަހުން ނަމަވެސް ފައިދާއެއް ކޮށްފާނޭ ކަމަށް ބަލައި ރައްކައު ކުރާން ޖެހޭ ބަޔަކީ ކޮބައިތޯ ދެނެގަތުމަކީ ކޮންމެ މީހަކުމެ ކުރާން ޖެހޭނޭ ކަމެކެވެ. އެ މައުލޫމާތެއް ހުރި ގޮތަށް ސިކުނޑީގައި އެނބުރިއެނބުރި ހުންނާން ދޫކޮށްލުމަކީ ކޮށްގެން ވާާނޭ ކަމެއް ނޫނެވެ. ލިބޭ ކޮންމެ މައުލޫމާތެއް އެ މައުލޫމާތަކަށް އެކަށީގެންވާ "ވަތްގަނޑަކަށް" ލައި ތަހުލީލުކޮށް ހެދުމަކީ ކުރާން ޖެހޭ މުހިއްމު ކަމެކެވެ. މިސާލަކަށް ލިބުނު މައުލޫމާާތަކީ ހަމައެކަނި ބަޔަކު ދައްކާ ވާހަކައަކަށް ވެއްޖެ ނަމަ، އެ މައުލޫމާތު ތެދަކަށް ވުމާ ނުވަތަ ދޮގަކަށް ވުމާ ގާތީ ކިހައިވަރަކަށްތޯ ބަލާން ވާނެއެވެ. އެކަމަކު އެ މައުލޫމާތުގައި ހުރިހައި ހަގީގަތަކާއި، ބޭނުންވާ ހުރިހައި އުންސުރެއް ފުރިހަމަ ވެފައިވާނަމަ އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ސާފުވާންދެން ހޯދައި ބަލާން ވާނެއެވެ. ދެ ގޮތުން ކުރެ އެއް ގޮތަކަށް ނުނިންމޭހައި ހިނދަކު މަސައްކަތް ހުއްޓާލައިގެން ނުވާނެއެވެ. އަދި ލިބުނު މައުލޫމާތަކީ ސައްހަ މައުލޫމާތެއް ކަމަށް ކަށަވަރު ނުކުރެވުނު ނަމަވެސް އަތު ޖެހޭން ހުރި ހުރިހައި މައުލޫމާތެއް އެއްކޮށް ބަލައި އެ ލިބުނު މައުލޫމާތުގެ އަލީގައި އެއްވެސް ކަމެއް ކަށަވަރު ނުކުރެނުކަން ފުރިހަމައަށް ޔަގީން ކުރާން ވާނެއެވެ. ފަހުން މި ދެންނެވުނު ކަމަކީ އެއްވެސް ނަތީޖާއެއް ނުނުކުންނާނޭ، ބޭކާރު ކަމެއް ކަމަށް ހީފުޅު ކުރެއްވިދާނެއެވެ. އެކަމަކު މިއީ ފަހުގެ ހާލަތެއްގައި ވަކި ކަމެއް ވަކި ގޮތަކަށް ނިންމާން އެހީތެރިވާނޭ މުހިއްމު ކަމެކެވެ. އެފަދަ ހާލަތެއް އަންނަ އިރު ހޯދިފައިވާާ މައުލޫމާތާއި ހަގީގަތްތައް ބަލައި ގަބޫލުކޮށް ނުވަތަ އަލުން މުރާޖައާ ކުރާނޭ ފުރުސަތު އޮންނާނޭ ކަމެކެވެ. މައުލޫމާތަކީ "ފަރިތަ" މައުލޫމާތުތަަކަަކަށް ވުމަކީ އައުކަމެއް ކުރިމަތިވާ ހިނދު ނުވަތަ އައު މައުލޫމާތެއް ލިބޭއިރު އެހެން މީހުންނަށްވުރެ ކުރީގައި ހުންނާން ލިބޭ ފުރުސަތެކެވެ. މި ދެންނެވުނު ފަދަ ގޮތަކަށް މައުލޫމާމެދު އަމަލު ކުޅައުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ އެއީ ކަމަކާ ކުރިމަތިވުމާއެކު އަންނަ ރުޅިއެއްގެ ސަބަބުން ނުވަތަ ވާ ފޫއްސެއްގެ ސަބަބުން އެކަމަކާ ކުރިމަތިނުލުމުގެ އާދަ ފުހެލުމެވެ.

ކީރިތި ޤުރްއާނުގެ ސައްހަކަން ކަށަވަރުވާ އެއް ކަމަކީ އެ ފޮތުގައި ވާހަކަަތައް ބަޔާންކޮށް ދިނުމުގައި ދައްކައިފައިވާ ޔަގީންކަމާއި އިތުބާރެވެ. މުޅި ފޮތަށް ބަލާއިރުވެސް މި ހަގީގަތް ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ކީރިތި ޤުރްއާނުގެ ޔަގީންކަން ދައްކައިދެނީ "ބަދަލުގައި ދެއްކޭނޭ އެހެން ހުރިހައި އެއްޗެއްގެ ބާތިލުކަން" ދައްކައިދޭ ހަމައެއްގެ މަތީންނެވެ. މިސާލަކަށް ކީރިތި ޤުރްއާނުގެ ސުވާލަކީ މިއީއެވެ. "މި ފޮތަކީ ސީދާ ﷲ ގެ ވަޙީއެވެ. ކަލޭމެން މި ވާހަކަ ގަބޫލު ނުކުރާ ނަމަ، މިއީ ކޮން އެއްޗެއްކަން ބުނެދޭށެވެ." ކުރުކޮށް ދަންނަވާނަމަ ކީރިތި ޤުރްއާން ކިޔާ މީހާއަށް އެ ފޮތުން ކުރިމަތި ކުރުވަނީ ސުވާލެކެވެ. ކިޔާމީހާއަށް އޮތް ކަމަކީ އެ ސުވާލަށް ޖަވާބެއް ދިނުމެވެ. މިއޮތީ ކަރުދާހުގައި ދެލިން ލިޔެފައި އޮތް ފޮތެކެވެ. މި ފޮތް އައީ ކޮން ތަނަކުން ހެއްޔެވެ؟ މި ފޮތް ދައުވާ ކުރާ ގޮތުގައި މިއީ ވަޙީއެވެ. ވަޙީ ނޫން ކަމުގައި ވަނީ ނަމަ މިއީ ކޮން ތަނަކުން އައި ވާހަކަތަކެއް ހެއްޔެވެ؟ ހައިރާންވާން ޖެހެނީ އަދި މިހައި ތަނަށް އެއްވެސް މީހަކަށް މި ސުވާލަށް ބުއްދި ގަބޫލުކުރާ ކަހަލަ ޖަވާބެއް ދެވިފައި ނުވާތީއެވެ. މާނައަކީ އެހެން ހުރިހައި ޒުވާބެއް ހުސް ވެއްޖެއެވެ. މުޚާލިފުން ދައްކާ ވާހަކަ ބިނާާ ކުރަނީ ދެ ފިކުރެއްގެ މައްޗަށެވެ. މި ދެ ފިކުރު އެއް ފިކުރު އަނެއް ފިކުރެއްގެ މައްޗަށް ބުރަވެއެވެ. އެއް ފިކުރެއްގެ މީހުން ބުނާ ގޮތުގައި އެމީހުން އެތައް ސަތޭކަ އަހަރެއް ވާންދެން ދިރާސާކޮށްފިއެވެ. އެ ދިރާސާގެ އަލީގައި އެމީހުން ބުނެއެވެ. "އަހަރެމެންނަށް އެނގި ކަށަވަރުވާ ގޮތުގައި ތިމަންކަލޭގެފާނަކީ ރަސޫލުބޭކަލެއް ކަމަށް މުޙައްމަދުގެފާނު ގަބޫލުފުޅު ކުރައްވައެވެ. އެއީ މޮޔަފުޅު ބޭކަލެކެވެ." މި މީހުން ގަބޫލުކުރާ ގޮތުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިކުނޑިފުޅަށް އައިސްފައިވާ އުނިކަމެއްގެ ސަބަބުން އަމިއްލަފުޅަށް ބައެއް ކަހަލަ ކަންތައްތައް ގަބޫލުފުޅު ކުރެއްވޭ ގޮތް ވަނީއެވެ. ދެން އޮތީ އަނެއް ފިކުރުގެ މީހުންނެވެ. އެމީހުން ބުނެއެވެ. "ފެނިފައިވާ ހެކިތަކަށް ބަލާނަމަ މުޙައްމަދުގެފާނަކީ ދޮގުވެރިއެއް ކަމަށް އަހަރެމެންނަށް ޔަގީންވެއެވެ." ހެއްވާ ކަމަކީ މި ދެ ފިކުރުގެ މީހުން އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބުރަވީ ނަމަވެސް ދެބައިމީހުންގެ މެދުގައި ޚިލާފު އުފެދޭގޮތް ނުވެ ނުދާކަމެވެ. އެއް ބަޔަކު އަނެއް ބައެއްގެ ފިކުރު އެބަ ނަފީ ކުރެއެވެ. އިސްލާމް ދީނާ ބެހޭ ގޮތުން ނެރެގެން އުޅޭ ގިނަ ފިކުރުތަކުން މި ދެ ގޮތްވެސް ގަބޫލު ކުރެއެވެ. އެމީހުން ވާހަކަ ފަށަނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ މޮޔަފުޅު ބޭކަލެއް ކަމަށް ނުވަތަ މަޖުނޫނެއް ކަމަށް ބުނަމުންނެވެ. ނިންމައިލަނީ އެކަލޭގެފާނަކީ ދޮގުވެރިއެއް ކަމަށް ބުނަމުންނެވެ. އެކަމަކު މި ދެ ސިފަ އެއްފަހަރާ އެކެއްގެ ކިބައިގައި ހުރުމަކީވާނޭ ކަމެއް ނޫންކަން އެމީހުންނެއް ނުދަނެއެވެ. މިސާލަކަށް މޮޔަ ޚިޔާލެއްގެ ސަބަބުން ނުވަތަ ސިކުނޑިއަށް އަންނަ އުނި ކަމެއްގެ ސަބަބުން ތިމަން މިއީ ރަސޫލެއް ކަމަށް ގަބޫލު ކުރާ މީހަކު ރޭގަނޑު ހަތަރު ދަމު ހޭލައި ހުރެގެން އެކި ކަހަލަ ރޭވުންތައް ރާވައެއް ނުހަދާނެއެވެ. "އަހަރެން މިއީ ރަސޫލެއް ކަމަށް މީސްތަކުން ގަބޫލު ކުރާނޭ ފަދަ ގޮތަކަށް އެމީހުން މޮޔަ ހައްދާނީ ކިހިނެއް ހެއްޔެވެ؟" މި ސުވާލު އެފަދަ މީހެއްގެ ހިތަކު ނުއުފެދޭނެއެވެ. އެހެނީ އޭނާ ހުންނަނީ ތިމަން މިއީ ރަސޫލެއް ކަމަށް ހެޔޮ ހިތުން ގަބޫލުކޮށް ކަށަވަރު ކޮށްގެންނެވެ. އަދި އޭނާގެ ސުވާލުތަކުގެ ޖަވާބު ވަޙީގެ ޒަރީޢާއިން ލިބޭނޭ ކަމަށްވެސް އޭނާ ހުންނަނީ ހިތުގެ އަޑީން ކަށަވަރުކޮށް ޔަގީން ކޮށްގެންނެވެ.

ތެދުތެދަށް ދަންނަވާނަމަ ކީރިތި ޤުރްއާނުގެ ގިނަ ވާހަކަތައް އައިސްފައި ވަނީ ސުވާލު ތަކަކަށް ދެއްވާ ޖަވާބުގެ ގޮތުގައެވެ. ކޮންމެވެސް މީހަކު އިތުރު އެކަލޭގެފާނަށް ސުވާލެއް ދަންނަވަނީއެވެ. ދެން އެ ސުވާލެއްގެ ޖަވާބެއްގެ ގޮތުގައި ވަޙީ ބާވައިލައްވަނީއެވެ. މޮޔަ މީހަކު ނަމަ މަލާއިކަތަކު އޭނާގެ ގާތަށް ވަޑައިގެން ކަންފަތް ދޮށުގައި ވާހަކަ ކިޔައިދޭ ކަމަށް ގަބޫލު ކުރާނެއެވެ. މިފަދަ މީހެއް ގާތު މީހަކު ސުވާލެއް ކޮށްފިނަމަ އެ ސުވާލުގެ ޖަވާބު މަލާއިކަތަކު ވަޑައިގެން ދެއްވާނޭ ކަމަށް ގަބޫލު ކުރާނެއެވެ. މިއީ އޭނާއަކީ މޮޔައަކަށް ވާތީ ޚިޔާލު ކުރާ ގޮތެވެ. ސުވާލު ކުރާ މީހާ ގާތު އިރުކޮޅަކު މަޑުކޮށްލާށޭ ބުނެފައި ރައްޓެއްސެއްގެ ގާތަށް ގޮސް މިވެނި ސުވާލެއްގެ ޖަވާބު ކަލެއަށް އެނގޭ ހެއްޔެކޭ އެފަދަ މީހަކު ނާހާނެއެވެ. މިއީ ތިމާއަކީ ރަސޫލެއް ކަމަށް ގަބޫލު ނުކުރާ މީހަކު ނަމަ ކަންތައް ކުރާނޭ ގޮތެވެ. ޣައިރު މުސްލިމުން ގަބޫލާ ނުކުރާ ކަމަކީ އެއްވެސް މީހަކަށް އެއް ފަހަރާ ދެ ވައްތަރެއްގެ މީހަކަށް ނުވެވޭނޭ ކަމެވެ. މީހަކު މޮޔައަކަށް ވެދާނެއެވެ. ނުވަތަ ދޮގުވެރިއަކަށް ވެދާނެއެވެ. އެކަމަކު މި ދެ ވައްތަރުގެ މީހަކަށް އެއްފަހަރާ ވުމަކީ ވާނޭ ކަމެއް ނޫނެވެ. އެއް ގޮތަކީ މި ދެ ވައްތަރުންކުރެ ވައްތަރެއްގެ މީހަކަށް އެމީހަކު ނުވުމެވެ. އަނެއް ގޮތަކީ ދެ ވައްތަރުންކުރެ އެއް ވައްތަރުގެ މީހަކަށް އެމީހަކު ވުމެވެ. ދެވައްތަރުގެ މީހަކަށް އެއްފަހަރާ ނުވާނެއެވެ. ކުރުކޮށް ދަންނަވާނަމަ މިއީ ދެ ވައްތަރެއްގެ ޝަޚްސީ ދެ ސިފައެވެ. ދެ ސިފަ އެއް ފަހަރާ އެކެއްގެ ކިބައިގައި ހުރުމަކީ މުސްތަހީލު ކަމެކެވެ.

ޣައިރު މުސްލިމުން ބާވަތެއްގެ ވަށް ބުރެއްގެ ސިފައަށް އަނބުރާ ވާހަކަތަކެއް ހުރެއެވެ. މި ދަންނަވާ މިސާލުން އެ ބުރު ސިފަ ކުރެއްވޭނެއެވެ. އެއިން މީހަކާ މި ސުވާލު ކުރައްވާށެވެ. "ކީރިތި ޤުރްއާނުގެ އަސްލަކީ ކޮބައި ހެއްޔެވެ؟" އެއީ މޮޔަ މީހެއްގެ ސިކުނޑިން ނުކުތް ޚިޔާލެކޭ އެމީހުން ބުނާނެއެވެ. ދެން ދެވަނަ ސުވާލު ކުރައްވާށެވެ. "އެ އުފެދުނީ ތިޔަ ބުނާ ކަހަލަ މީހެއްގެ ސިކުނޑީގައި ކަމަށް ވާނަމަ އެ ފޮތުގައި ހުރި މައުލޫމާތުތައް އޭނާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ މީގެ ކުރީން ބަޔަކަށް އެނގިފައި ނެތް އެތައް ކަމެއް އެ ފޮތުގައި ބަޔާން ކުރެވިފައި ވާ ކަމީ ފެންނާން އޮތް ހަގީގަތެކެވެ." ދެން ކީރިތި ޤުރްއާނުގައި ހުރި ބައެއް ޢިލްމީ ހަގީގަތްތައް ކިޔައި ދިނީމާ އޭނާގެ ވާހަކަ ބަދަލު ވެދާނެއެވެ. އޭނާ ބުނާނެއެވެ. "އެކަލޭގެފާނަކީ (މާނައަކީ މުޙައްމަދުގެފާނަކީ) މޮޔައެއް  ނޫން ކަމުގައި ވެދާނެއެވެ. އެ މަޢުލޫމާތު އެކަލޭގެފާނަށް އެރުވީ ބޭރު ސަހަރަކުން އައި ބިދޭސީއަކަށް ވެދާނެއެވެ. މި މަޢުލޫމާތު ލިބިވަޑައިގަތީމާ ތިމަންކަލޭގެފާނަކީ ރަސޫލަކީމޭ ވިދާޅުވެ އިތުރުފުޅު ހައްދަވާން ފެށްޓެވީއެވެ." ދެން އަނެއްކާވެސް އެނބުރި ދަނީ ފުރަތަމަ ދެއްކި ވާހަކަޔާ ދިމާއަށެވެ.

އިހު ދެންނެވުނު ފަދައިން ކީރިތި ޤުރްއާނުގައި ހުރި ބައެއް ވާހަކަތަަކަކީ ސީދާ ﷲ ނޫން ފަރާތަކަށް ނިސްބަތް ކުރެވޭނޭ ވާހަކަތަކެއް ނޫނެވެ. މިސާލަކަށް (އެކަލޭގެފާނު ހުންނެވި ތަނާ) އެތައް ސަތޭކަ މޭލު ދުރުގައި ހުރި ޛުލްޤަރްނައިންގެ ފާރުގެ ވާހަކަ މުޙައްމަދުގެފާނަށް ދެންނެވީ ކާކުތޯއެވެ؟ އަންހެންމީހާގެ ބަނޑުގައި އަށަގަަންނަ ދަރިފަނީގެ ވާހަކަ ދެންނެވީ ކާކުތޯއެވެ؟ މިފަދަ މައުލޫމާތު އެއް ކުރުމަށް ފަހު އެ މައުލޫމާތު އިލާހީ ވަސީލަތަކަށް ނިސްބަތް ކުރާން ބޭނުން ނުވާ މީހުން ބުނަނީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު މުޙައްމަދުގެފާނަށް އެ މައުލޫމާތު އެރުވީމާ މީހުން މޮޔަހައްދާން ވެގެން އެކަލޭގެފާނު އެ މައުލޫމާތުގެ ބޭނުންފުޅު ކުރައްވަނީ ކަމުގައެވެ. އެކަމަކު މި ވާހަކައަކީ ފޫނުބެދޭ ވާހަކައެއްކަން ސާބިތުކޮށްދިނުމަކީ ވަރަށް އާދައިގެ ސުވާލަކުން ކޮށްލެވިދާނޭ ކަމެކެވެ. "މުޙައްމަދުގެފާނަކީ ދޮގުވެރިއެއް ކަމުގައި ވަނީނަމަ އެކަލޭގެފާނު އެ ދައްކަވާ ވާހަކަފުޅު ދައްކަވާން ކެރިވަޑައިގަންނަވަނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފުސުފުޅަށް އެހައި ބޮޑު އިތުބާރެއް ކުރައްވަނީ ކިހިނެއް ހެއްޔެވެ؟ އެހެން އެއްވެސް މީހަކު ނުދައްކާ ކަހަލަ ވާހަކައެއް ސީދާ އެމީހުންގެ ކުރިމަތީގައި ހުންނަވައިގެން ދައްކަވަނީ ކީއްވެގެން ހެއްޔެވެ؟" އެފަދަ ކެރިވަޑައިގަތުމެއް ލިބިވަޑައިގަންނަވާނީ އެ ދައްކަވާ ވާހަކަފުޅަކީ ސީދާ ވަޙީކަމުގެ ޔަގީންކަން ހިތްޕުޅުގައި އޮތީމައެވެ. އެހެން ނޫންނަމަ އެފަދަ ވާހަކަފުޅެއް ދައްކަވާކަށް ކެރިވަޑައެއް ނުގަންނަވާނެއެވެ. އެކަލޭގެފާނު ނޫން އެހެން މީހަކަށްވެސް އެފަދަ ކަމެއް ކުރާކަށް ނުކެރޭނެއެވެ.

މިސާލެއް ދަންނަވަންތޯއެވެ؟ އަބޫ ލަހަބަކީ އިތުރު އެކަލޭގެފާނުގެ ބޮޑުބޭބެއެކެވެ. މީނާއަކީ އިސްލާމުންނާއި އިސްލާމް ދީނަށް ރުޅި އަރާ މީހެކެވެ. އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުން ހިނގައި ދުއްތުރާކޮށް ހެދުމަކީ އޭނާގެ އާދައެކެވެ. ވާހަކަފުޅެއް ދައްކަވައިފިއްޔާ އެއީ އިތުރުފުޅެކޭ ކިޔައި ހަޅޭއް ލަވައި ދުއްތުރާ ކުރަމުން ރަށު ތެރޭގައި ހިނގާ މީހެކެވެ. މީހަކާ ވާހަކަފުޅު ދައްކަވާން ހުންނަވަނިކޮށް ފެނިއްޖެއްޔާ އިތުރު އެކަލޭގެފާނު ދުރަށް ވަޑައިގަންނަވާންދެން ބަލަހައްޓައިގެން ހުންނާނެއެވެ. ވަޑައިގަތުމާއެކު އެ މީހާ ގާތަށް ގޮސް އަހާނެއެވެ. "އެކަލޭގެފާނު ވިދާޅުވީ ކީކޭ ހެއްޔެވެ؟ މިވެނި އެއްޗެއްގައި ހުންނަނީ ކަޅުކުލައޭ ވިދާޅުވި ހެއްޔެވެ؟ އެއީ އިތުރުފުޅެކެވެ. އެ އެއްޗެއްގައި ހުންނަނީ ހުދު ކުލައެވެ. މިއީ ހެނދުނޭ ވިދާޅުވި ހެއްޔެވެ؟ އެއީ އިތުރުފުޅެކެވެ. މިއީ ރޭގަނޑެވެ." މާނައަކީ އިތުރު އެކަލޭގެފާނު ވިދާޅުވާ އެއްޗެއްގެ ނުވަތަ މުސްލިމަކު ބުނާ އެއްޗެއްގެ ދިމާ އިދިކޮޅު ވާހަކައެއް ނެރެގެން ފަތުރަމުން ހިނގުމަކީ އޭނާގެ އާދައެކެވެ. ދެން ނިކަން ވިސްނައިވަޑައިގެން ބައްލަވާށެވެ. އަބޫ ލަހަބު މަރުވުމުގެ ދިހަ އަހަރު ކުރީން ﷲ ތަޢާލާ ވަރަށް ކުރު ސޫރަތެއް ބާވައިލެއްވިއެވެ. (އެއީ ސޫރަތުލްމަސަދެވެ.) އެ ސޫރަތުގައި ވަނީ އަބޫ ލަހަބް ދާނީ ނަރައަކަށް ކަމުގައި ވަރަށް ފައުޅުކަން ބޮޑު ގޮތެއްގައި ބަޔާން ކުރައްވައިފައެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ އޭނާ ދުވަހަކުވެސް އިސްލާމް ނުވާނޭކަން އެ އޮތީ އަންގަވައިފައެވެ.

تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (١) مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ (٢) سَيَصْلَىٰ نَارًا ذَاتَ لَهَبٍ (٣) 

އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: އަބޫލަހަބަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ. ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.

އެ ސޫރަތް ބާވައިލެއްވި ފަހުން ދިހަ އަހަރު ވާންދެން އޭނާ ދުނިޔޭގައި ހުއްޓެވެ. (ޤުރްއާނުގެ އާޔަތެއް ބާވައިލެއްވުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ އާޔަތް މުސްލިމުންނަށް ވިދާޅުވެ ދެއްވައެވެ. މުސްލިމުން އެ އާޔަތްތައް ތަކުރާރުކޮށް ކިޔަވަމުން ގެންދެއެވެ. ނަމާދުގައްޔާއި އެހެން ތަންތާގައެވެ. ސޫރަތަކީ އަބޫލަހަބާއި އޭނާގެ އަނބިމީހާގެ ވާހަކަ އޮތް ސޫރަތަކަށް ވާތީ މުޝްރިކުންވެސް އަބޫލަހަބާ ދިމާއަށް އެ ސޫރަތުގެ ވާހަކަ ދައްކާނެއެވެ. ބައެއް މީހުން އޭނާ ރުޅި އަރުވާންވެސް އެ ވާހަކަ ދައްކާނެއެވެ.) އޭނާ ކޮށްލާން ޖެހޭ ކަމަކީ ކޮބައިތޯއެވެ؟ ހަމައެކަނި މިހެން ބުނެލާންވީއެވެ. "އަހަރެން ދުވަހަކުވެސް އިސްލާމް ނުވާނެއޭ ދާނީ ނަރަކައަށޭ މުޙައްމަދުގެފާނަށް ވަޙީ ބާވައިލެއްވި ވާހަކަ އަހަރެން އަޑު އެހީމެވެ. އަހަރެން އިސްލާމް ވެއްޖައީމެވެ. ދެން ކަލޭމެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ކަލޭމެންގެ މައްޗަށް ބާވައިލެއްވި ކަމަށް ތިޔަ ބުނާ އިލާހީ ބަސްފުޅާ މެދު ބުނަނީ ކީކޭ ހެއްޔެވެ؟" އެކަމަކު އޭނާ މިހެންނެއް ނުބުނެއެވެ. ކުރީންވެސް ދެންނެވި ފަދައިން އޭނާއަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދައްކަވާ ކޮންމެ ވާހަކަފުޅަކާ ދެކޮޅު ހަދަމުން ދުވާ މީހެކެވެ. އެހެންވީމާ އޭނާ ކަންތައް ކުރާނޭ ކަމަށް ކޮންމެ މީހަކުވެސް ގަބޫލު ކުރާނޭ ގޮތަކީ މިޔެއް ނޫންތޯއެވެ؟ މި ވާހަކަ އެހެން ގޮތަކަށް ދަންނަވައިލާނަމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އޭނާޔާ ދިމާއަށް ވިދާޅުވަނީއެވެ. "ކަލޭ އަހަރެން ދެކެ ވަރަށް ބޮޑަށް ރުޅި އާދެއެއް ނޫން ހެއްޔެވެ؟ އަހަރެންގެ ދުވަސް ދުއްވައިލާން ބޭނުން ވެއެއް ނޫން ހެއްޔެވެ؟ ޝަހާދަތް ކިޔާށެވެ. އެޔާއެކު އަަހަރެންގެ ދުވަސް ދިޔައީއެވެ. އަހަރެން ބޮޑު ދޮގުވެރިއަކަށް ވީއެވެ. އަވަހަށް ކިޔާށެވެ." އެކަމަކު އަބޫ ލަހަބް ޝަހާދަތުގެ ދެކަލިމައެއް ނުކިޔައެވެ. ދިގު ދިހަ އަހަރެވެ. އެއީ ކުޑަ ދުވަސްކޮޅެއް ނޫނެވެ. އެ ދިގުުއްދަތުގެ ތެރޭގައި އިސްލާމްވުން ކީއްކުރަންތޯއެވެ؟ އޭނާ މުސްލިމެއްގެ މައްޗަށް ހަމްދަރްދީގެ ލޮލަކުންވެސް ބަލައެއް ނުލައެވެ.

(ނުނިމޭ)

3 ޚިޔާލު

  1. ފުންކޮށް ވިސްނައިލުން ރަނގަޅު ވަރަށް ގިނަ ކަންތައް މި ފޮތުގައި ހިމެނެއެވެ. ވަރަށް ކިޔާ ހިތުން ކިޔައިލެވިއްޖެއެވެ. ވަރަށް އުފާކޮށްފީމެވެ. ނަޢީމަށް ޝުކުރުވެރިވަމެވެ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.