ނުކުމެ އުޅޭ މީހުން އެއް ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނަން: ސަމީރު

މާދަމާއިން ފެށިގެން މަނާ ގަޑިތަކުގައި މަގުމައްޗަށް ނުކުމެ އުޅޭ މީހުން ޖޫރިމަނާ ކުރައްވާނެ ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު މިރޭ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މިދަނޑިވަޅުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުންތައް ފުރިހަމައަށް ފުލުހުން ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި މާދަމާއިން ފެށިގެން ކޮންމެދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ޑީޖީ ވަނީ މަނާ ކުރައްވައިފައެވެ. އޭގެ އިތުރުން އެގަޑި ތަކުގައި  ޕަބްލިކް ޓްރާންސްޕޯޓު ބަހާއި ފެރީގެ ޚިދުމަތް ހުއްޓާލުމަށް ވެސް ވަނީ އަންގަވައިފިއެވެ. މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު ފިޔަވައި  އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅުމަށް ވެސް ވަނީ އަންގަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އެޅުއްވި މި ފިޔަވަޅުތަކުން ބައެއް ފަރާތްތައް ވަނީ އިސްތިސްނާ ވެސް ކުރައްވައިފައެވެ. އެއީ ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން  ސިއްހީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމީހުން ދުއްވާ އުޅަނދުފަހަރެވެ. އަދި ވޭސްޓްމެނޭކުމެންޓް ކޯޕަރޭޝަންގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި، އެ މީހުން ދުއްވާ އުޅަނދުފަހަރާއި އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއީ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމުއެޅި ޑިއުޓީ މުވައްޒަފުންނާއި އެމީހުން ދުއްވާ އުޅަނދުފަހަރު ވެސް ވަނީ އިސްތިސްނާ ކުރައްވައިފައެވެ.

އޭގެ އިތުރުން  ދައުލަތުގެ (ޖީ ބޯޑު) ހަރުކޮށްފައިވާ އުޅަނދުފަހަރާއި، ޑިޕްލޮމެޓިކް އުޅަނދުފަހަރާއި، އެމްބިޔުލާންސާއި، ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ފާސް ލިބިފައިވާ މީހުންނާއި، ފާމަސީތަކުގެ މުވައްޒަފުންނާއި، އެމީހުން ދުއްވާ އުޅަނދުފަހަރާއި ހެލްތު ޕްރޮޓެކްޝަންއެޖެންސީން ދޫކޮށްފައިވާ ޚާއްސަ ސްޓިކަރ ޖަހައިފައިވާ އުޅަނދުފަހަރުވެސް ވަނީ ޑީޖީގެ އެންގެވުމުން އިސްތިސްނާ ކުރައްވައިފައެވެ. އޭގެ އިތުރުން ވެސް ޑީޖީ ކަނޑައަޅުއްވާ ޚާއްސަ ޙާލަތްތަކުގައި އޭނާ އަންގަވާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށް ޑީޖީގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.

 ސަމީރު ވިދާޅުވީ މި އެންގެވުންތަކާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރައްވާނެ ކަމަށެވެ. އެއީ މިފަދަ ކަންކަމުގައި ޖޫރިމަނާ ކުރެވެން އޮންނަ އެންމެ ބޮޑު އަދަދު ކަމަށް ސަމީރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.