ފެނާއި ކަރަންޓަށް ސަރުކާރުން ސަބްސިޑީ ދޭން ނިންމައިފި

ފެނާއި ކަރަންޓަށް ސަރުކާރުން ވަގުތީ ގޮތުން ސަބްސިޑީ ދޭން ނިންމަވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް ކޮށްދޭނީ އޭޕްރިލް މަހާއި މެއި މަހުގެ ފެންބިލާއި، ކަރަންޓު ބިލް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ދެމަހު ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 އިންސައްތަ އުނިކޮށްދެއްވާނެ ކަމަށެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަންނާނެ ހީނަރުކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ލުޔެއް ދެއްވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅެކެވެ.

ސަރުކާރުން ވަނީ ބޭންކުން ލޯނުނަގާފައިވާ ފަރާތްތައް ލޯނު ދެއްކުން ވެސް 6 ދުވަހަށް މަޑު ޖައްސަވާލައްވައިފައެވެ. މިނިސްޓަރ ވިދާޅުވީ އެ ލުއި ލިބޭނީ އެންމެންނަށް ނޫންކަމަށެވެ. އެލުއި ލިބޭނީ ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ. އެކަމަށް އެދި ހުށަހަޅާއިރު ކޮވިޑް-19 އިން އެމީހުންގެ އާމްދަނީއަށް އަސަރުކޮށްފައިވާކަން އެނގެން އޮންނަން ޖެހޭނެ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުއޮފް މޯލްޑިވްސް އިން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓްރެސްޓް ޕޭމަންޓް ހަމަސް ދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމަށް ވަނީ ނިންމާފައި،" މިނިސްޓަރ ވިދާޅުވިއެވެ. ކުރިއަށްއޮތް ހަފްތާތެރޭގައި މީގެ ތަފްސީލް ބީއެމްއެލްއިން ހާމަކުރައްވަމުން ގެންދަވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ އާމީރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ތަލުގެ އަގުވެސް ހެޔޮކުރަން އެކުންފުނީން ވަނީ ނިންމަވައިފައެވެ. އޭގެ ތަފްސީލް އެކުންފުނީން ހާމަކުރަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.