ޕޮލިހުން ކަމަށް ހެދިގެން މީހުންގެ ޒާތީ މައުލޫމާތު ހޯދަން ހެލްތުވޯކަރުންނަށް ގުޅަމުންދޭ: މަބްރޫކް

ކޮރާނާ-19 އާ ގުޅިގެން މީހުންގެ ޒާތީ މައުލޫމާތު ހޯދަން ޕޮލިހުން ކަމަށް ހެދިގެން ހެލްތުވީކަރުންނަށް ބައެއް ފަރާތްތަކުން ގުޅަމުންދާ ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެފަދަ މައުލޫމާތު ހޯދައިގެން ފޭސްބުކްގައި ޝެއާކުރުމަށް އެފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ލައިކްސް ހޯދުމަށް އެފަދަ ކަންކަން ނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެގޮތަށް ހެދުމުން ކޮރޯނާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަރަށްބޮޑަށް ދަތިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ނުފެތުރުމަށް ވިދާޅުވިއެވެ. ލިބޭ މައުލޫމާތު ވެރިފައިނުކޮށް ނޫސްވެރިންވެސް ޚަބަރު ނުފެތުރުމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު އެންމެ ފުރަތަމަ ވެސް ތިޔަ ބޭފުޅުންނަށް ދެންނެވި އެއްވެސް މައުލޫމާތެއް ނުހިފަހައްޓާނެ ކަށް. އެހެންވީމާ ލިބޭ މައުލޫމާތެއް ދޫކޮށްލުމުގެ ބަދަލުގައި އަޅުގަނޑަށް ގުޅިގެން ވެރިފައިކުރަން ގޮވާލަން. އަޅުގަނޑުވެސް މަޢުލޫމާތު ދޭނީ ވެރިފައި ކޮށްފައި. ވެރިފައި ކުރުމަށް ހޭދަވާ ވަގުތެއް ފިޔަވާ އެންމެސިކުންތެއް ވެސް ލަސްމުކޮށް މަޢުލޫމާތު ދޭނަން،" އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ އެއްވެސް ޒަރޫރީ ބޭނުމެއްނެތި ހޮސްޕިޓަލްތަކަށް ނުދާން އެނގުމުން ވަރަށް ބޮޑަށް މީހުން މަދުވެފައިވާ ކަމަށެވެ. އެހެންމަވެސް އަދިވެސް ބައެއް މީހުން އެއްވެސް ޒަރޫރީ ބޭނުމެއްނެތި ހޮސްޕިޓަލްތަކަށް ޒިޔާރަތްކުރާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވިއެވެ. "ބަލި މީހުން ގާތަށް ޒިޔާރަތް ނުކުރުމަށް އެންގެމުން ވިހައިގެންތިބޭ މީހުން ގާތަށް އެބަ ޒިޔާރަތް ކުރޭ. ވެދޭނެ އެއީ ބަލި މީހުންކަމަށް ނުދެކެނީ ކަމަށް ވެދާނެ. އެކަމަކު އެގޮތަށް ނުހައްދަވާ، ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ނުދިއުމަށް އިލްތިމާސް ކުރަން،" މުރާދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.