ޑްރަގް ނެޓްވޯރކްގެ އިސްކޮށްހުރި އަރުޝަދުގެ ބަންދަށް 10 ދުވަސް ޖަހައިދީފި

ޑްރަގް ނެޓްވޯރކްގެ އިސްކޮށްހުރި ގދ. ހޯޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފައެވެ.

މިމައްސަލަ އަލުން މުރާޖާކޮށް އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައި މިވަނީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ މުރާޖާކޮށް ދެއްވުމަށް އެދި ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅުމާ ގުޅިގެންނެވެ. ކޯޓުން އިއްޔެ އަރުޝަދު ދޫކޮށްލީ ޝަރުތުތަކާއެކުގައެވެ. އޭނާ ކޯޓުން ދޫކޮށްލައިފައިވަނީ އެމައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމަށް އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށެވެ. އަރުޝަދު ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތައް ފުލުހުން ހާމައެއް ނުކުރެއެވެ. މިމައްސަލައިގައި ފުލުހުން ހައްޔަރުކުރި އިތުރު ތިން މީހެއްގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 10 ދުވަސް އިތުރުކޮށްފައެވެ. މި ތިން މީހުންނަކީވެސް ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އެރަށު އިރުމަތީގެ، އަޙްމަދު ސުނައިން އާއި މެޑްރިޓްހައުސް އަޙްމަދު ޤިޔާސް އާއި ގުލޭނޫރަންމާގޭ ޢަލީ ޒުބައިރެވެ.

އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައް ވަނީ ފްރީޒްކޮށްފައިކަމަށް، އެމައްސަލައިގައި އިއްޔެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މިމައްސަލައިގައި ކުށުގެ ވެށިން ވެސް ވަނީ ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް މިމައްސަލައި ގެނެވިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން އަރްޝަދުގެ މައްސަލަ ތަޙްޤީޤްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ޑްރަޤް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކުން، އޭނާ އަކީ އިތުރުބަޔަކާ ގުޅިގެން ފުޅާދައރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތު ކުރެވޭ މީހަކަށް ވާތީއެވެ. މިމައްސަލައިގައި ބަލައިފާސްކުރުމަށްފަހު ފުލުހުން ވަނީ ނުވަ ކިލޯއަށްވުރެގިނަ ޑައެމޯފިން(ހެރޮއިން) އާއި ހަތަރު ގްރާމަށްވުރެގިނަ ކޮކެއިން އަތުލައިގެންފައިކަމަށް ފުލުހުންގެ ބަޔާނުގައި ވެއެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.