ރިސޯޓުތަކުން 11 ހާހަށް ވުރެ ގިނަ ދިވެހިން މުސާރަ ނުލިބޭ ޗުއްޓީގައި އެބަތިބިކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިއަދު އޮންލައިންކޮށް ކުރިއަށް ގެންދަވާ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ ބަހުސް ގައި ވާހަކަ ދައްކަވަމުން ސަރުކާރުން އިޢުލާން ކުރައްވައިފައިވާ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށް ދެވެނީ ކޮން މަޤްޞަދެއްގައިތޯ ބަލަންޖެހޭ ކަމަށް މެމްބަރ މީކާއީލް ވިދާޅުވިއެވެ. ލޯނުގެ ސިފައިގައި ވިއަސް ސަބްސިޑީ އެއްގެ ސިފައިގައި ވިއަސް ސްޓިމިއުލަސް ޕެކޭޖެއް މިދެނީ މީހުންގެ ވަޒީފާ ގެއްލުނަ ނުދިނުދެއްވުމަށާއި ކުއްޔަށް އުޅެމުންދާ ތަންތަނުން ނުކުތުމަށް މަޖަބޫރުވާނެ ޙާލަތެއް މެދުވެރި ވާނެގޮތެއް ނުވުމަށްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި މިޕެކޭޖްގެ ބޭނުމަކަށް ވާންޖެހޭނީ އެމީހުންގެ އިޤްތިޞާދީ ފުދުންތެރިކަން ހީނަރު ވިޔަ ނުދިނުންކަމަށް ވެސް މެމްބަރ މީކާއީލް ވިދާޅުވިއެވެ.
ގިނައިން ލިބެމުންއަންނަ ފަރާތްތަތަކުން ނިކަމެތިންނަށް ދެރަކޮށް ކަންތައްކުރާ ފަދައިން ކޮވިޑް- 19 ގައިވެސް އެކަން އެގޮތަށް ވަމުންދާކަން ފާހަގަ ވަމުންދާކަމަށް މެމްބަރ މީކާއީލް ވިދާޅުވިއެވެ.
ސްޓިމިއުލަސް ބެކޭޖްގެ ދަށުން މާލީ އެހީތެރިކަން ދެވޭއިރު، މާލީ އެހީތެރިކަން ފޯރުކޮށް ދެވޭ މަޤްޞަދު ޙާސިލްވޭތޯ ބެލުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.
"ސަރުކާރުގެ ބޮޑު ލާރިއެއް ޚަރަދު ކުރެވޭއިރު، އެދެވެން ވާނީ ވަރަށް ހަރުކަށި އުޞޫލުތަކަކާ އެކީގައި" މެމްބަރ މީކާއީލް ވިދާޅުވިއެވެ.
މިކަހަލަ ޙާލަތަކަށް އައިސް މުވައްޒަފުންނަށް ތިން ހަތަރު މަހުގެ މުސާރަ ނުދެވޭނެ، ކޮންޓިންޖެންސީ ޕްލޭނެއް ރިސޯޓް އޯނަރުންގެ ނޯންނާނެ ކަމަށް ޤަބޫލެއެ ނުކުރައްވާކަމަށް ވެސް މެމްބަރ މީކާއީލް ވިދާޅުވިވިއެވެ.
މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާއަކީ ދުނިޔޭގައި އޮންލައިންކޮށް ބޭއްވޭ މަޖިލީހުގެ ފުރަތަމަ ޖަލްސާކަން ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. މި ދަނޑިވަޅުގައި ވެސް އޮންލައިންކޮށް މަޖިލީހުގެ ޖަލްސާ ބޭއްވުމުން ސާބިތު ކޮށްދެނީ ޑިމޮކްރަސީ އަކީ ބަންދުވާނެ އެއްޗެއް ނޫންކަން، ކަމަށް މެމްބަރ މީކާއީލް ފާހަގަ ކުރެއްވިއެވެ.