މަޅުމަތި: ކޮރޯނާވައިރަސް

މީހުން ގޭގެއަށް ވަދެ ތިބޭން އަންގަނީއެވެ.
އަތް ދޮންނާން އަންގަނީއެވެ.
އެއް ތަނަކަށް ގިނަ މީހުން ޖަމާނުވާން އަންގަނީއެވެ.
ދޮގު ޚަބަރު ނުފަތުރާން އަންގަނީއެވެ.
މީހުންގެ ތެރޭގައި ބިރުވެރިކަން ނުއުފައްދާން އަންގަނީއެވެ.
ފިހާރަތަކާއި ހޮޓާތައް ބަންދު ކުރާން އަންގަނީއެވެ.
ވައިގެ ބަނދަރުތަކަށް ގޮސް ނޫޅެން އަންގަނީއެވެ.
މިސްކިތަށް ނާރާން އަންގަނީއެވެ.
ގޭގައި ނަމާދު ކުރާން އަންގަނީއެވެ.
ފިރިން އަނބިނަށް އެހީތެރިވާން އަންގަނީއެވެ.
ދަރިންނާއެކު ގޭގައި ކުޅެ އުޅޭން އަންގަނީއެވެ.
ތެދުވެރިވާން އަންގަނީއެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކިޔަމަންވާން އަންގަނީއެވެ.
ރީތި އަޚްލާގާއި ސުލޫކު ހިފަހައްޓާން އަންގަނީއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އަމުރު ނެރެނީއެވެ.
އެ އަމުރުތަކަށް ތަބާނުވާ މީހާއާ މެދު ހަރުކަށި ފިޔަވަޅު އަޅާނޭ ކަމަށް ޕީޖީ އަންގަނީއެވެ.
މިއަދަކު ތިންބާރެއް ނެތެވެ.
އޮތީ އެންމެ ބާރެކެވެ.

ކޮރޯނާވައިރަސް ހެނީއެވެ.
މުޅި ދުނިޔެއަށް ނަޒަރު ހިންގައިލާފައި ބުންޏެވެ.
ބަލާބަލާށެވެ.
ރީތި ސިފަތަކާއި އަދަބު އަޚްލާގަކީ މިއަދު ކުއްލިއަކަށް އުފަންވީ އެއްޗެއް ހެއްޔެވެ؟
އަމުރާ ޚިލާފު ވުމާއި ދޮގުހެދުން ނުބައިވީ މިއަދު ހެއްޔެވެ؟
މިއީ ޑިމޮކްރަސީއާއި ހައްދެއް ނެތް މިނިވަންކަން ބޮލަށް ލައިގެން ދުވެނެގި މީހުންނެވެ.
ދެނަކާ ދެނެއް ނެތްކަން އެނގުނީމާ...
އަހަރެން ކަހަލަ ލޮލަށް ނުވެސް ފެންނަ އެއްޗަކާ ހެދި ޑިމޮކްރަސީއާ ޚިލާފު ވަމުން އެތިބަ ދަނީއެވެ.
މިނިވަންކަމުގެ ހައްދެއް އޮންނަ ކަމަށް ގަބޫލު ކޮށްފިއެވެ.
ހެޔޮގޮތަކާއި ނުބައި ގޮތެއް އޮންނަ ކަމަށް ގަބޫލު ކޮށްފިއެވެ.

ކުޑަކުޑަ ވައިރަހެއް އިންސާނާ ކުޑަކަކޫމައްޗަށް ތިރިކޮށްލައިފިއެވެ.

2 ޚިޔާލު

  1. " ހައްދެއް ނެތް މިނިވަންކަން ބޮލަށް ލައިގެން ދުވެނެގި މީހުން މިނިވަންކަމުގެ ހައްދެއް އޮންނަ ކަމަށް ގަބޫލުކޮށް ހެޔޮގޮތަކާއި ނުބައި ގޮތެއް އޮންނަ ކަމަށް ގަބޫލު ކޮށް ޑިމޮކްރަސީއާ ޚިލާފު ވަމުން އެތިބަ ދަނީއެވެ."

    ??????????
    Varah fakkaa liyumeh.ma heen' heen" roolhijje

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.