އިންޑިއާގެ ކޮޗިނުން އައްޑޫސިޓީއަށް އައި މީހާއާ ކޮންޓެކްޓްވެފައިވާ އެންމެން ކަރަންޓީނުކޮށް ޓެސްޓް ހައްދަވައި ދެއްވުމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ގޮވާލައްވައިފިއެވެ.
ސޯބެ މިކަމަށް ގޮވައިލެއްވީ އެމީހާ ހުން އައިސްގެންހުރެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމާ ގުޅިގެން ޑޮކްޓަރަކާއި ދެ ނަރުހަކު އެކަހެރި ކުރުމާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އެމީހާގެ ސާމްޕަލް މިހާތަނަށް ނަގާފައި ނުވާކަމަށެވެ. "އެމީހާވެސް އަދި ޑޮކްޓަރާއި ނަރުހުން ވެސް މިހާރު ތިބީގޭގައި. މަބުރޫކާއި އެޗުޕީއޭއިން ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ނުފަތުރާ. އަދި މިހާލަތަށް ދިއުމުން ޝައްކުކުރެވޭ އެންމެން ކަރަންޓީންކޮށް ޓެސްޓް ކުރައްވާ. މައްސަލައަ ގުޅިގެން އައްޑޫ ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައި،" ސޯބެ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އޭނާ އެޗުޕީއޭއަށް ގޮވާލައްވައިފައިވަނީ ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ޔަގީންކަން ހޯދައިދިނުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ލަސްނުކޮށް އަޅުއްވައި ދެއްވުމަށެވެ.
އެމީހާ ރޭ ހޮސްޕިޓަލަށްދިޔައީ ކުރިން ގުޅާފައި އެވާހަކަ އެންގުމަކާ ނުލައެވެ. އޭނާ ދިޔައިރު ޑޮކްޓަރުންނާއި ނަރުހުންތިބީ ސަލާމަތީ ގޮތުން އަޅަންޖެހޭ ގިއަރވެސް ނާޅައެވެ. އެހެންވެސް ހޮސްޕިޓަލުގެ ފަރާތުން ވަނީ އެކަން އެނގުމާއެކު ދެ ނަރުހުންނާއި ޑޮކްޓަރު އެތަނުގެ ރޫމެއްގައި އެކަހެރިކޮށްފައެވެ. އެހެންނަމަވެސް މިއަދު ހެނދުނުވަނީ އީޕީއޭގެ އިރުޝާދުގެ ދަށުން އެމީހުން ގެއަށް ދޫކޮށްލައިފައެވެ. އަދި ބަލިމީހާވެސް ވަނީ ދޫކޮށްލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ އިތުރުން އެހެން ދެމީހަކު ވެސް ވަނީ ރޭ ހޮސްޕިޓަލަށް ގޮސްފައެވެ.
ޝައްކުކުރެވޭ މީހާ ވަނީ ހިތަދޫގެ މަޝްހޫރު ފިހާރަތަކަށް ވެސް ގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭގެ ތެރޭގައި، ސަރުސަނާ، ޑެއިލީފުރެޝް، ރޯޔަލް ޕާލް ޝޮޕް، މަލްޓި ސުޕަރމާޓް، ނިއުސީޒަން ހިމެނެއެވެ. މިއީ ވަރަށްގިނަ މީހުން ގޮސް އުޅޭ ފިހާރަތަކެވެ.