އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (6)

މަސްޖިދުއް ނަަބަވީ 1916މ. ގައި

(28 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސުންނާފަތިކުރަނިވި ހަނގުރާމަތައް:

ހަނގުރާމައިގެ ސަބަބުން މިސްކިތުގައި ޖަމާޢަތުގެ ނަމާދާއި ހުކުރު ނަމާދު ކުރުން މެދުކެނޑިގެން ދިޔައިރު، މުސްލިމުންގެ އެންމެ މުޤައްދަސް ބިންތައްވެސް އެކަމުން ސަލާމަތްވެފައި ނުވެއެވެ. މިފަދަ އެންމެ ކުރީގެ ހާދިސާތަކުގެ ތެރޭގައި މަދީނާގައި ހިޖުރައިން 63 ވަނަ އަހަރު ހިނގި 'ބަޣާވާތް' ނިމުމަކަށް ގެނައުމަށް ޔަޒީދު ބިން މުޢާވިޔާ (މ. 64ހ.) ގެ ލަޝްކަރުން ބާރުގެ ބޭނުންކުރުމަށް ފަހު ހިނގި ކަންތައް ހިމެނެއެވެ. ޤާޟީ ޢިޔާޟު (މ. 544ހ.) އޭނާގެ ފޮތް 'އިކްމާލުލް މުޢުލިމް ބިފަވާއިދި މުސްލިމް' ގައި ޔަޒީދުގެ ލަޝްކަރުން މަދީނާގެ އަހުލުވެރިންނާ މެދު ކަންކުރި ގޮތް ބަޔާންކުރައްވަމުން ލިޔުއްވާފައި ވެއެވެ. "ދެން އެބައިމީހުން (ޔަޒީދުގެ ލަޝްކަރު) މަދީނާގެ އަހުލުވެރިން ބަލިކުރިއެވެ. އަދި އެމީހުން ޤަތުލުކޮށް، ތިން ދުވަސްވަންދެން އެމީހުންގެ ލޭ ހުއްދަކުރިއެވެ. އަދި އެ ރަށުގައި ތިއްބެވި އަޞްޙާބުބޭކަލުންގެ ތެރެއިން އެތައް ބޭކަލުންންނާއި، މުހާޖިިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެ ދަރިދަރިކަލުންގެ ތެރެއިން އެތައް ބަޔަކު ޤަތުލުކުރިއެވެ. އަދި އެދުވަސް ވަރު މަސްޖިދުއް ނަބަވީގައި ނަމާދުކުރުން މެދުކެނޑި، ބަންގިގޮވުންވެސް މެދުކެނޑުނެވެ."  

މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅަށް ކުރިމަތިވި އެންމެ ބޮޑު ކަމަކީ އަބޫޠާހިރު އަލްޖައްނާބީ އަލްޤަރްމަޠީ (މ. 332ހ.) އިސްކޮށް ހުރެ ހިންގި އަމަލެވެ. އޭނާ ވަނީ ހިޖުރައިން 317 ވަނަ އަހަރު ޙައްޖުގެ ތަރްވިޔާ ދުވަހު (ޙައްޖު މަހުގެ 8 ވަނަ ދުވަހު) އޭނާގެ ލަޝްކަރާއިގެން އައިސް ޙައްޖުވެރިންނަށް ހަމަލާދީ އެމީހުންގެ ޙައްޖު 'ހަލާކުކޮށްލާފައެވެ'. އަދި މަސްޖިދުލް ޙަރާމްގެ ޞަޙްނުގައި (ގެފުޅުގެ ވަށައިގެން ހުހަށް އޮންނަ ޠަވާފުކުރާ ތަނުގައި) އެތައްހާސް ބަޔަކު ޤަތުލުކޮށްފައެވެ. އަދި ޙަޖަރުލް އަސްވަދު ގެފުޅުން ނައްޓާލައިގެން އޭނާގެ 'ދައުލަތުގެ ވެރިރަށް ހަޖަރަށް (މިހާރު ސައޫދީ އަރަބިއްޔާގެ އީސްޓަން ޕްރޮވިންސުގެ އަލްއަޙްސާއަށް) ގެންގޮސްފައެވެ. 'ތާރީޚުލް އިސްލާމް' ގައި އިމާމު ޛަހަބީ ވިދާޅުވެފައި ވެއެވެ. "އެ އަހަރު އެއްވެސް މީހަކު ޢަރަފާތް ބިމުގައި މަޑުނުކުރެއެވެ. މިއާއެކު، އެއަހަރު ހައްޖުގެ އަޅުކަން ނުކުރެވުނުވެ." މިއީ މުސްލިމުންގެ ގާތުގައި ޖަމާއަތުގެ ނަމާދަށް ވުރެ މުހިއްމު ކަމެކެވެ.

ޤަރާމިޠާ (އަލްޤަރްމަޠީ އަށް ތަބާވާ މީހުން) ގެ މި ޖަރީމާއަށް ވުރެ ކުރިން މިފަދަ އެހެން ހާދިސާއެއް ވެސް ހިނގާފައި ވެއެވެ. ތާރީޚު އިލްމުވެރިޔާ ޢަބްދުލްމަލިކު އަލްޢިޞާމީ އަލްމައްކީ (މ. 1111ހ.) އޭނާގެ ފޮތް 'ސަމްޠުއް ނުޖޫމިލް ޢަވާލީ' ގައި ލިއުއްވާފައި ވެއެވެ. "ޢައްބާސީ ދައުލަތާ ދެކޮޅަށް ނުކުތް ޢަލަވީއަކު (ޢަލަވީންނަކީ ޝީޢާއިންގެ ބައެކެވެ.) ކަމުގައިވާ އިސްމާޢީލު ބިން ޔޫސުފު އަލްއުޚައިޟިރު (މ. 252ހ.) (ސައްފާކު (ލޭ އޮހޮވުން ގިނަ މީހާ) ގެ ނަމުން މަޝްހޫރުވެފައިވާ) ހިޖުރައިން 250 ވަނަ އަހަރު މައްކާއަށް ވަނުމުން، ބަޣުދާދުގައި ހުންނަވާ ޢައްބާސީ ޚަލީފާ ގެ ފަރާތްޕުޅުން އެރަށުގައި ހުންނެވި ގަވަރުނަރު ރަށް ދޫކުރައްވައި ފިއްލެވިއެވެ. ދެން، މި ބުނެވުނު އިސްމާޢީލު ގަވަރުނަރުގެ ގެ ކޮޅަށް ވަދެ ލޫޓުވައި، މީސްތަކުންގެ މުދާ ފޭރުނެވެ. ދެން، ގެފުޅަށް ގޮސް ގެފުޅުގެ އުރަކޮޅާއި، އެ ތަނުގައި ރައްކާކޮށްފައި ހުރި މުދާ ނެގިއެވެ. އަދި މައްކާ ލޫޓުވައި އެ ރަށުން ބައެއް އަންދާލިއެވެ. އަދި މައްކާގައި 50 ދުވަހު ހުރުމަށް ފަހު އެ ރަށް ދޫކޮށް ދިޔައެވެ."

މައްކާއިން ނުކުތުމަށް ފަހު އިސްމާޢީލު އައްސައްފާކު މިސްރާބު ޖެހީ މަދީނާއަށެވެ. އެ ޚަބަރު ލިބުމުން މަދީނާގެ ގަވަރުނަރު (ޢައްބާސީންގެ ފަރާތުން ހުންނެވި) ފިއްލަވައިފިއެވެ. ދެން މި އިސްމާޢީލު އެރަށުގެ މީހުންނަށް އަނިޔާކޮށް އެބައިމީހުން ގެތަކަށް ގެއްލުން ދިނެވެ. އަދި މަސްޖިދުއް ނަބަވީގައި ބައި މަސްދުވަހަށް ނަމާދު ނުކުރެވި ދިޔައެވެ. ދެން، އަނެއްކާ މައްކާއަށް އެނބުރި ގޮސް އެރަށުގެ ގިނަ ބަޔަކު ބަނޑަށް މަރުވަންދެން އެރަށް ހިސާރުކުރިއެވެ. އަދި ހައްޖުވެރިން އަރަފާތް ދުވަހު އަރަފާތް ބިމުގައި ތިއްބައި އެތަނަށް ހަމަލާދީ ހައްޖުވެރިންގެ ތެރެއިން ގާތްގަނޑަކަށް 1100 މީހުން ގަތުލުކުރިއެވެ. އެއަށް ފަހު ހައްޖުވެރިން އެތަނުން ފިލީއެވެ. އަދި އެދުވަހާއި އެރޭ އެ ބިމުގައި އިސްމާޢީލާއި އޭނާގެ ލަޝްކަރު ފިޔަވައި އެހެން ބަޔަކު ނެތެވެ."

އިސްމާޢީލު އައްސައްފާކު މަދީނާއަށް ކުރިކަމެއް ކޮށްފައި ވަނިކޮށް، ޢައްބާސީ ދައުލަތާ ދެކޮޅަށް ނުކުތް ޢަލަވީ ދެ މީހުން، އަލްޙުސައިނު ބިން ޖަޢުފަރު އައްޞާދިޤުގެ ދެ ދަރިން މުޙައްމަދު އާއި ޢަލީ، ބޮޑު ލަޝްކަރަކާއިގެން ހިޖުރައިން 271 ވަނަ އަހަރު މަދީނާއަށް ވަދެގަތެވެ. އަދި އެރަށަށް ބޮޑެތި ގެއްލުން ދިނެވެ. އިބްނު ކަޘީރު އައްދިމަޝްޤީ 'އަލްބިދާޔާ ވައްނިހާޔާ' ގައި ލިޔުއްވާފައި ވެއެވެ. "ދެން އެ ދެމީހުން އެރަށުގެ އަހުލުވެރިންގެ ތެރެއިން ގިނަ ބަޔަކު ގަތުލުކުރިއެވެ. އަދި ގިނަ މުދާތަކެއް ފޭރުނެވެ. އަދި މަސްޖިދުއް ނަބަވީގައި ނަމާދު ނުކުރެވި ހަތަރު ހުކުރު ދުވަސް ދިޔައެވެ. އެ ދުވަސްވަރު ޖަމާއަތުގެ ނަމާދަކަށްވެސް އަދި ހުކުރު ނަމާދަކަށްވެސް މީސްތަކުން މިސްކިތަށް ނުދެއެވެ. إنا لله وإنا إليه راجعون"

މީގެ ގާތްގަނޑަކަށް އެއް ގަރުނު ކުރިން، ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، މަސްޖިދުއް ނަބަވީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކެނޑިފައި ވެއެވެ. 'މުޢައްލިމޫ އަލްމަސްޖިދި އައްނަބަވީ' ގައި އައްޝައިޚް އަލްފާ ހާޝިމް އަލްފޫތީގެ ވާހަކަ ލިއުއްވަމުން އެފޮތް ލިޔުއްވި ބޭފުޅުން ލިޔުއްވާފައި ވެއެވެ. "އޭރު އޭނާ ހުންނެވީ މަސްޖިދުއް ނަބަވީގެ އިމާމަކަށެވެ. އަދި އައްޝަރީފު ޙުސައިން ބިން ޢަލީ (މ. 1931މ.) ގެ ލަޝްކަރުން މަދީނާއަށް ދޭ ޙަމަލާތައް ވަރުގަދަ ވުމުން (އޭރު މަދީނާ އޮތީ އުސްމާނީ ދައުލަތުގެ ބައެއްގެ ގޮތުގައެވެ. އަދި އައްޝަރީފު ޙުސައިން ގެންދެވީ އެ ދައުލަތާ ދެކޮޅަށް ހަނގުރާމަކުރައްވަމުންނެެވެ.) މަދީނާގައި ހުންނެވި (އުސްމާނީ ދައުލަތުގެ) ގަވަރުނަރު ފަޚްރީ ބާޝާ (މ. 1948) މަސްޖިދުއް ނަބަވީ ސިފައިންގެ ކޭމްޕަކަށް ހައްދަވައިފިއެވެ. އަދި މަސްޖިދުއްނަބަވީގެ މުންނާރުތައް އެތަނުގެ ވަށައިގެން ހިނގާ ހަރަކާތްތައް ބަލާ ޓަވަރުތަކަކަށް ހެއްދެވިއެވެ. މިކަމުގެ ސަބަބުން މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލައި، މުންނާރުތަކުން ބަންގިގޮވުން މެދުކަނޑާލަން ޖެހުނެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.