އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (3)

ޖާމިޢުލް އަޒްހަރު މިސްކިތް

ފާޅުނުކުރެވި ދިޔަ އުފާތައް:

މިސްރުގައި ހިޖުރައިން 749 ވަނަ އަހަރު ޠާޢޫނުގެ ބޮޑު ބަލިމަޑުކަމެއް ފެތުރުނެވެ. ޔޫރަޕްގައި މިވަބާއަށް ކިޔާފައިވަނީ 'ކަޅު މަރު' އެވެ. އަލްމިޤްރީޒީ (މ. 845ހ.) ވަނީ އޭނާގެ ފޮތް 'އައްސުލޫކު ލިމަޢުރިފަތި ދުވަލިލް މުލޫކް' ގައި މި ޠާޢޫނުގެ އިޖްތިމާއީ އަސަރުތައް ބަޔާންކުރައްވާފައި ވެއެވެ. އޭނާ ލިއުއްވާފައި ވެއެވެ. "މީސްތަކުންގެ މެދުން އުފާތަކާއި، ކައިވެނި ހަފުލާތައް ނެތިގެން ދިޔައެވެ. މި ބަލިމަޑުކަމުގެ ދުވަސްވަރު އެއްވެސް މީހަކު އުފާފާޅުކުރުމުގެ އެއްވެސް ކަމެއް ކުރިކަން އެނގޭކަށް ނެތެވެ. އަދި ލަވަކިޔާ އަޑެއްވެސް އިވިފައި ނުވެއެވެ. އެތައް ތަނަކުން ބަންގި ގޮވުން ހުއްޓުނެވެ. ބަންގި ގޮވާ މަޝްހޫރު ތަނަކަށް ހުރީ އެންމެ ތަނެކެވެ. ތާރީޚު އިލްމުވެރިޔާ އިބްނު ތަޣްރީބަރްދީ (މ. 872ހ.) އޭނާގެ ފޮތް 'އައްނުޖޫމުއް ޒާހިރާ' ގައި އަލްމިޤްރީޒީ ލިއުއްވި ގޮތަށް މިވާހަކަ ލިއުއްވާފައި، އެއްތަންކޮޅު އިތުރުކުރައްވާފައި ވެއެވެ. "ގިނަ މިސްކިތްތަކާއި، މިސްކިތްތަކުގައި ހުރި ކިޔަވައިދޭ ތަންތަން ބަންދުކުރެވުނެވެ."

އަނެއްކޮޅުން، ބައެއް ހާލަތްތަކުގައި ޠާޢޫނާ ހަނގުރާމަކުރުމަށް މީސްތަކުން މިސްކިތްތަކަށް އެއްވެ އަޅުކަންކުރިކަން ވެސް ތާރީޚު ފޮތްތަކުން އެނގެން އެބައޮތެވެ. ޤާޟީ އަދި ތާރީޚު ޢިލްމުވެރިޔާ ޝަމްސުއްދީން މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޤުރަޝީ އައްދިމަޝްޤީ އައްޝާފިޢީ (މ. 780ހ. ގެ ފަހުން) ލިއުއްވާފައި ޗާޕުނުވެ އޮތް 'ޝިފާއުލް ޤަލްބިލް މަޙްޒޫން ފީ ބަޔާނި މާ ޔަތަޢައްލަޤު ބިއްޠާޢޫން' ކިޔާ ފޮތެއްގައި ވާގޮތުން ހިޖުރައިން 764 ވަނަ އަހަރު ޠާޢޫނުގެ ވަބާއެއް ފެތުރުނެވެ. އަދި "އެދުވަސްވަރު މީސްތަކުން ރޭއަޅުކަންކޮށް، ދުވާލު ރޯދަހިފައި، ޞަދަޤާތްދީ ތައުބާވެ، ގިނަ ހެޔޮކަންތައް ކުރިއެވެ....... ފަހެ، އަހަރުމެން ގެތައް ދޫކޮށްލާފައި، އަހަރުމެންގެ އަންހެނުންނާއި، ކުޑަކުދީންނާއެކު މިސްކިތްތަކުގައި ތިބީމެވެ."

މިފަދަ އެއްވުންތަކަށް ފަހު، ބަލިމަޑުކަން އިތުރުވިކަން އަލްޙާފިޡު އިބްނުޙަޖަރު ފާހަގަކުރައްވާފައި ވެއެވެ. އޭނާގެ ފޮތް 'އިންބާއުލް ޣުމްރި ބިއަންބާއިލް ޢުމުރި' ގައި ލިއުއްވާފައި ވެއެވެ. ހިޖުރައިން 833 ވަނަ އަހަރު މިސްރުގައި ޠާޢޫނުގެ ވަބާ ފެތުރުނެވެ. ދެން، ގައުމުގެ އިސްވެރިންގެ ތެރެއިން ޝިހާބުއްދީން އައްޝަރީފު ކިޔާ ބޭފުޅަކު 'މުޙައްމަދު' މި ނަންކިޔާ ސާޅީސް މީހުން އެއްކުރެއްވިއެވެ. އަދި އެމީހުންނަށް ފައިސާ ބެއްސެވިއެވެ. ދެން އެމީހުން ޖާމިޢުލް އަޒްހަރު މިސްކިތުގައި ތިބެގެން އެމީހަކަށް ކިޔެވުނު ވަރަކަށް ޤުރްއާން ކިޔެވިއެވެ. ދެން ޢަޞްރު ވަގުތު ވުމުން އެންމެން ތެދުވެ އެއްބަޔަކު އަނެއްބަޔަކާ ދިމާއަށް ހަޅޭއްލަވައި ހަދައިފިއެވެ. އަދި މީސްތަކުން އެތަނަށް އެއްވިއެވެ. އެންމެ ފަހުން، އެ ސާޅީސް މީހުން އެއްފަހަރާ މިސްކިތުގެ ފުރާޅު މައްޗަށް އަރައި އެންމެން އެއްފަހަރާ ނަމާދަށް ބަންގި ގޮވައިފިއެވެ. އަދި އެއަށް ފަހު އެންމެން އެތަނުން ހިނގައްޖެއެވެ. މިކަން ކުރުމުން (މިގޮތަށް އެންމެން އެއްވެ ޤުރްއާން ކިޔެވުމުން) ޠާޢޫން ބަލިން ސަލާމަތްވާނެކަމަށް އަޖަމީންގެ ކޮންމެވެސް މީހަކު އައްޝަރީފަށް ދެންނެވީއެވެ." ދެން މިވާހަކަ ނިންމަވާލައްވަމުން އިބްނުޙަޖަރު ލިއުއްވާފައި ވެއެވެ. "އޭނާ މިގޮތަށް ކަންކުރެއްވުމުން، ޠާޢޫނު އިތުރުވުން ފިޔަވައި އެހެން ކަމެއް ނުވެއެވެ."

އަދިވެސް އިބްނުޙަޖަރު ޙިޖާޒުން ޙައްޖުވެރިން އެނބުރި އައުމަށް ފަހު ޠާޢޫން އިތުރުވުމާ ބެހޭ ގޮތުން ފާހަގަކުރައްވާފައިވާ ވަރަށް މުހިއްމު ނުގުތާއެއް ވެއެވެ. މިސްރުގައި ހިޖުރައިން 848 ވަނަ އަހަރު ފެތުރުނު ޠާޢޫނުގެ ވާހަކައެވެ. އެ ޠާޢޫނުގެ ސަބަނުން ދުވާލަކު 100 މީހުންނާ 200 މީހުންނާ ދެމެދު މަރުވަމުން ދިޔައެވެ. އޭނާ ލިއުއްވާފައި ވެއެވެ. "ދެން ޙައްޖުވެރިން އަންނަންދެން ވެސް ބަލި އިތުރަށް ފެތުރި ވަރުގަދަ ވަމުން ދިޔައެވެ. އަދި ޙައްޖުވެރި އައުމަށް ފަހު ފެތުރޭ މިންވަރު އަނެއްކާ އިތުރުވިއެވެ. އަދި އެމީހުންގެ ކުޑަކުދިންނާއި އަޅުންގެ ތެރެއިން ގިނަ ބަޔަކު މަރުވިއެވެ. ބުނެވޭ ގޮތުގައި މަރުވާ އަދަދު ދުވާލަކު އެއްހާހަށްވުރެ އިތުރުވެގެން ދިޔައެވެ." ޙައްޖުވެރިން އެނބުރި އައުމުން، އެމީހުންގެ އިސްތިޤުބާލަށް ގޮސް، އެމީހުންނާއި ގައިގޯޅިވެ އުޅުމުގެ އިތުރަށް، މީސްތަކުން ހެލިފެލިވެ އުޅުން އިތުރުވުމުގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރުވުން އެއީ އެކަށީގެންވާ ކަމެކެވެ.

އަދިވެސް އިބްނުޙަޖަރު ފާހަގަކުރައްވާފައިވާ އެހެން ކަމެއް ވެއެވެ. ބަލިނުޖެހެނީސް ޖެހުނުކަމަށް ހަދައިގެން ނަމަވެސް ގޭގައި އެކަހެރިވެގެން ހުރުމަކީ ޠާޢޫނުން ސަލާމަތްވާނެ ގޮތެއް ކަމުގައި ފިޤުހު ޢިލްމުވެރިއެއްގެ ފަރާތްޕުޅުން އެނގިފައިވާކަން 'އިންބާއުލް ޣުމްރި ބިއަންބާއިލް ޢުމުރި' ގައި އިބްނުޙަޖަރު ބަޔާންކުރައްވާފައި ވެއެވެ. އަލްޤާޟީ އިބްނުޖަރާދާ އަލްޙަލަބީ އަލްޙަނަފީ (މ. 971ހ.) ގެ ވާހަކަ ލިއުއްވަމުން އިބްނުޙަޖަރު ލިއުއްވާފައި ވެއެވެ. "ދެން މިއަހަރު ޠާޢޫނު ފެތުރުމުން ޤާޟީ މިބައްޔަށް ވަރަށް ބޮޑަށް ބިރުފުޅުގެންވަޑައިގަތެވެ. އޭނާ ކުރައްވާ ކަމަކީ މިބަލިން ސަލާމަތްވާނެ ހުރިހާ ފަރުވާއެއް ހޯއްދެވުމެވެ. އެގޮތުން ބޭހާއި، ދުޢާއާއި، ރުޤްޔާ އިތުރުކުރެއްވިއެވެ. އަދި އޭނާ މަރުވެފައިވާ މީހަކު ބައްލަވަން ޖެހިވަޑައިގެންފާނެތީ ނުވަތަ ޖަނާޒާއެއްގައި ބައިވެރިވަޑައިގަންނަވަން ޖެހިވަޑައިގެންފާނެތީ ބަލިވީކަމަށް ހައްދަވައިގެން ގެއިން ނުނިކުންނަވައެވެ. މާތް ﷲ ގެ މިންވަރުފުޅުން އޭނާއަށް ބަލިނުޖެހުނެވެ."

ގޭގައި އެކަހެރިވުމާއި، ރަށުން ބޭރަށް ނުކުމެ އެކަހިރުވުމާ ބެހޭގޮތުންވެސް ވާހަކަތައް އައިސްފައި ވެއެވެ. މީގެ ތެރެއިން އެއް ވާހަކައަކީ އިބްނުލްޙަންބަލީ އަލްޙަލަބީ (މ. 971ހ.) އޭނާގެ ފޮތް 'ދުއްރުލްޙަބަބް ފީތާރީޚި އަޢުޔާނި ޙަލަބް' ގައި އޭނާގެ ދަރިވަރު ޝާހު މުޙައްމަދު އައްދަކަނީ (މ. 952ހ.) އާ ބެހޭގޮތުން ލިއުއްވާފައިވާ މި ވާހަކައެވެ. "ޙަލަބުގައި ޠާޢޫނު ފެތުރެން ފެށުމުން އޭނާގެ ބައްޕަ އޭނާއަށް ބުންޏެވެ. އޭނާއާއެކު ތިބި އަންހެނުން ގޮވައިގެން އެރަށުގެ ކޮންމެވެސް ކަދުރު ދަޑަކަށް ދާށެވެ. މާތް ﷲގެ މިންވަރުފުޅުން އޭނާ ބަލިނުޖެހި ސަލާމަތްވިއެވެ. އެހެންނަމަވެސް، ފަހުން ފެތުރު ޠާޢޫނެއްގައި ދެބަފައިން އެކުގައި މަރުވީއެވެ." (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ވަރަށް ރަނގަޅެވެ! ކޮންމެ ދުވަހަކު އެބަ ގެނެސްދެއްވަމެވެ.
    ރަނގަޅު ގޮތަކީ ނުގުތާ ނޫނީ ނުކުތާ ތޯ؟ ލިޔުމުގައި މިއޮތީ ނުގުތާ.އަޅުގަނޑަށް ފަރިތަވެފައިވަނީ ނުކުތާ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.