ކޮވިޑް-19: ދެމީހުން ޕޮޒިޓިވްވުމަކީ ފިޔަވަޅުތައް ހަރުދަނާ ކުރަން ލިބުނު ފުރުސަތެއް: ޑީޖީ

ކަރަންޓީން ފެސިލިޓީގައި ތިބީ މީހުން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އަލުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން އިޓަލީގެ ދެމީހަކު އެބައްޔަށް ޕޮޒިޓިވްވުމަކީ އެބައްޔާ ދެކޮޅަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޑިރެކްޓަރ ޖެނެރަލް (ޑީޖީ) އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެމީހުން ކަރަންޓީން ކުރިތާ މިއަދައަށް މިއީ 14 ވަނަދުވަސް ކަމަށެވެ. ސާދަ ދުވަސް ހަމަކޮށްފައި އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓްކުރި އިރު އެމީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް އެމީހުންގެ ނަތީޖާ ލިބުނުއިރު އެމީހުން ވަނީ ރާއްޖޭގައިތިބި އިޓަލީ މީހުން ބަލާ އައި ފުލައިޓަކުން ގައުމަށް ފުރައިފައެވެ. އެ މީހުންގެ ނަތީޖާ ލިބުނުއިރު އެ މީހުންދަތުރުކުރި ބޯޓު ހުންނާނީ ވައިގެ ތެރޭގައެވެ.

"މިއަދު ފުރައިގެންދިޔަ ދެ ބިދޭސީން ޕޮޒިޓިވްވެފައިވާތީ އެކަމަށްޓަކައި ދެންކުރަންޖެހޭ ކަންތައްތައް ވެސް ރަނގަޅަށްބަލައި ހަރުދަނާ ކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާނީ،" އޭނާ ވިދާޅުވިއެވެ.

މައިމޫނާ ވިދާޅުވީ އެ ނަތީޖާ ލިބުމާއެކު އެކަން އެބޯޓަށާއި ބޯޓުދާ މަންޒިލަށް ވަގުތުން ވާނީ އަންގަވާފައި ކަމަށެވެ. "މިއަދު ފުރައިގެންދިޔަ އެންމެން ޓެސްޓް ކުރެވުނު އިރު 2 މީހަކު ޕޮސިޓިވްވެފައިވަނީ. އެކަން އެނގުމާއެކު ދެންހުރި ޕްރޮޓޮކޯލްތައް ފޮލޯ ކުރިން. އެއީ އެ ދެމީހުންނާ ކޮންޓެކްޓްވި އެންމެން ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ފުލައިޓަށް މައުލޫމާތުދީ އަޅަންޖެހުނު ފިޔަވަޅުތައް އެލުމުގެ މުއާމަލާތް ވެސް ކުރެވުނު. އަދި ފުލައިޓްދާ މަންޒިލަށް ވެސް އެމައުލޫމާތު ދެވިފައިވާނީ،" މައިމޫނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ޑީޖީ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮތް މިންވަރު ދެނެގަތުމަށްޓަކައި ދޭތެރެ ދޭތެރެއިން ޓެސްޓުތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އާންމު އުސޫލުން އެއޮންނަ ޕްރޮޓޮކޯލާ ޚިލާފަށް ވެސް ޓެސްޓްތައް ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.  "އެއީ ރާއްޖޭގައި މިކަންއޮތް މިންވަރު ދެނެގަތުމަށާއި ކިހިނެއްތޯ މި އުޅޭ ނޫޅޭގޮތް ދެނެގަތުމުގެ ގޮތުން. ރާއްޖޭގައި ދިވެހީންގެ ފަރާތުންވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހުންގެ ފަރާތުން ވެސް ޓެސްޓުތައް ކުރެވެމުންދޭ،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.