މުޅި ދުނިޔެއަށް ފެތުރެމުން ނާމާންކަމުގެ ޑަނޑޫރާ ޖަހަމުންދާ ކޮރޯނާ ވަބާގެ އަސަރު ފޯރަމުންދަނީ ހަމައެކަނި ޞީއްޙީ މައިދާނަކަށް ނޫނެވެ. އަދި ކިއެއްތޯއެވެ! މި ވަބާގެ އަސަރު ދުނިޔޭގެ އިޤްތިޞާދަށާއި، އިޖްތިމާޢަށާއި ، އިންސާނާގެ ޙަޔާތުގެ އެންމެހާ މައިދާންތަކަށް ފޯރަމުންދާ ތަން ފެނެއެވެ. މި ވަބާ ( ނުވަތަ ޖާއިހާ)ގެ އަސަރު ނޫސްވެރިކަމާ ބެހޭ ދާއިރާއަށް ވެސް ކުރަމުންދާ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. އެއީ މީސްތަކުންނަށް ބޭނުންވާ ހޭލުންތެރިކަން އުފެއްދުމާއި، ސައެންސީ އައު ހޯދުންތަކާއި ، އައު އީޖާދުތައް ފެތުރުމާއި، ކަންކަމާ ބެހޭ މަޢުލޫމާތުތައް އެންމެ ބަރާބަރުކޮށް އޮޅުންފިލާ ގޮތަށް މީސްތަކުންނަށް ފޯރުކޮށްދިނުމާ ބެހޭ ކަންކަމުގައެވެ.
އަޅުގަނޑު މި ތާނގައި މި ގެނެސްދެނީ ، ދުނިޔޭގެ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ "Nature" މަޖައްލާގެ ޢަރަބި އިޞްދާރުގެ އެޑިޓަރު ޑރ. މަޖްދީ ސަޢީދު ކޮރޯނާއާއި ޢިލްމީ ނޫސްވެރިކަމާ ބެހޭގޮތުން ދެއްވައިފައިވާ ބަސްދީގަތުމެއްގެ ތަންތަންކޮޅެވެ.
ކޮރޯނާ ވަބާ ފެށުނު އިރު އެއިން ރައްކައުތެރިވުމާއި އެއަށް ފަރުވާކުރުމާ ބެހޭ މެޑިކަލް ޞަޙީޙު މަޢުލޫމާތު އެނގިފައި ނުވާކަން ވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބާ ބެހޭގޮތުން ވިދާޅުވާނީ ކީކޭތޯ؟
ޖަވާބު: ފެންނަފެނުމުގައި އެއީ ޠަބީޢީ ކަމެކެވެ. މިއީ އައު ވަބާއެކެވެ. މި ބިމުގައި މިއަދު މި އުޅޭ ޖީލަށް މިފަދަ ޢާލަމީ ވަބާއެއް ފެނިފައެއް ނުވެއެވެ. އެއީ އަޅުގަނޑުމެން ތައްޔާރުވެގެން ތިބި ކަމެއް ވެސް ނޫނެވެ. އެހެނަސް ޞިއްޙަތާ ބެހޭ ޖާލު ޞަފްޙާތަކުން މި ބައްޔާ ބެހޭގޮތުން މަޢުލޫމާތުތައް ފަތުރަމުން އައެވެ. ޑަކްޓަރުންނާއި ސައެންސީން ހޭލުންތެރިކުރުވުމުގެ ގޮތުން ވީޑިއޯތައް ހަދަމުން އައެވެ.
ހޭލުންތެރި ކުރުމުގެ މައިދާނުގައި ޢިލްމީ ނޫސްވެރިކަން ފަހަތަށް ޖެހިފައި ވަނީ ކީއްވެގެންތޯ؟
ޖަވާބު: މި ކަމުގައި ފަހަތަށް ޖެހުމަށް ބަލާއިރު މިއީ ޢާއްމު ކަމެކެވެ. މިއީ ވަކި ސަރަޙައްދަކުން ފާހަގަކުރެވޭ ކަމެއް ނޫނެވެ. ހިތާމަޔާއެކު ދަންނަވަން ޖެހެނީ އެއީ ބައިނަލް އަޤްވާމީ ކަމެކެވެ. މިކަމުގެ ސަބަބަކީ ނޫސްވެރިކަމުގެ ޞިނާޢަތު ބަރޯސާވެފައި އޮންނަނީ ގިނަ ބަޔަކު ބޭނުންވާ ކަންކަމުގެ މަތީގައި ކަމަށް ވާތީއެވެ. ގިނަ ބަޔަކު ކިޔާ ހިތްވާ ދާއިރާތަކުގެ މައްޗަށް ކަމުގައި ވާތީއެވެ. މި ކަމުގައި ފާހަގަ ކުރެވެނީ ތިން ދާއިރާއެކެވެ. އެއި ސިޔާސީ ދާއިރާއާއި، ކުޅިވަރުގެ ދާއިރާއާއި ( ޚާއްޞަކޮށް ފުޓްބޯޅަ) ފަންނުގެ ދާއިރާއެވެ. ނޫސްވެރިކަމުގެ ނާރެސް ކަނޑައަޅަނީ މި ދާއިރާތަކުންނެވެ. ތިންވަނަ ދުނިޔޭގެ ޤައުމުތަކަށްވުރެ ހުޅަނގުގައި ޢިލްމީ ނޫސްވެރިކަން ފެތރިފައިވާލެއް ބޮޑުކަން ފާހަގަ ކުރަމެވެ. މިތަނގައި ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ޢިލްމީ ނޫސްވެރިކަން ބޮޑަށް އޮންނަނީ އިޢުލާނީ ނޫސްވެރިކަމެއްގެ ގޮތުގައެވެ. އެއްޗެއް ސާފުކޮށްދީ ސާދާކޮށް ދިނުމުގެ ބަދަލުގައެވެ. މިފަދަ އިޚްތިޞާޞީ ނޫސް ވެރިކަން ފަހަތަށް ޖެހުމުގެ ސަބަބުތަކުގެ ތެރޭގައި ތިނެވި ތަޢުލީމުގެ ހަރުފަތްތަކުގައި މި ކަމަށް އަޅައިލުން ކުޑަވުން ވެސް ވެއެވެ. މިއަދު ނޫސްވެރިކަން މި ވަނީ ތަޤްލީދީ ނޫސްވެރިކަމާ އަޅައިބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. ތަޤްލީދީ ނޫސްވެރިކަމުގައި ފެންނަ ރޭޑިއޯއާއި ޓީވީއާއި ކަރުދާހު ނޫހުގެ ބަދަލުގައި މިއަދު ފެންނަނީ އިލެކްޓްރޯނީ ނޫސްވެރިކަމާއި ތަވާޞުލުކުރުމަށާއި އިއްތިޞާލުވުމަށް މޯބައިލް ޚިދްމަތްތެރި ކުރާތަނެވެ.
ޢިލްމީ ސަޤާފަތް އަށަގެންނެވުމަށާއި އިތުބާރު ކުރެވޭ ޢިލްމީ ދޮރުތައް ޖާލުކުރުމަށާއި ސައެންސީ ތަރައްޤީއާއެކު ފައިހަމަކުރުމަށް ޓަކައި ޢިލްމީ ނޫސްވެރިކަން ހަރުދަނާ ކުރާނީ ކިހިނެއްތޯ؟
ޖަވާބު: މިކަމުގައި އޮންނާނީ ޤަބޫލުކުރުމާއި ބަލައިގަތުމެވެ. އެއީ ފެންނަ ނޫސްވެރިވެރިކަމާއި ކިޔާ ނޫސްވެރިކަން ހިންގާ ފަރާތްތަކާއި އެ ޚިދްމަތް ލިބިގަންނަ ފަރާތްތަކުން ބަލައިގަތުމާއި ޤަބޫލު ކުރުމެވެ. އޭރުން ލިބިގަންނަ ފަރާތުގެ ބޭނުންތައް ފުއްދައި ދިނުމަށް އަހައްމިއްޔަތުކަން ދެވޭނެއެވެ. މިކަމުގައި އަދަބާއި ފަންނު ވެސް ބޭނުން ކުރެވިދާނެއެވެ. ކޮރޯނާ ވަބާއަކީ މިކަމަށް ލިބިގެންވާ ރަނގަޅު ނަމޫނާއެކެވެ.
ޢިލްމީ ނޫސްވެރިކަމެއް އުފެއްދުމަށް ބޭނުންވާ ޝަރްޠުތަކަކީ ކޮބައިތޯ؟
ޖަވާބު: ނޫސްވެރިޔާގެ ކިބައިގައި ދެ ކަމެއް ހުންނަން ޖެހޭނެއެވެ. ނޫސްވެރިކަމުގެ ޢަމަލާއި ފަންނު ލިބިފައިވުމާއި، ޢިލްމީ މަޢުލޫމާތު ރަނގަޅަށް ލިބިފައި ވުމެވެ. މި ދެ ސިފަ ހުރި ނޫސްވެރިން ވަރަށް މަދުންނޫނީ ނުފެނެއެވެ. މިއަދު ތިންވަނަ ދުނިޔެއިން ބޮޑަށް ފެންނަނީ ޢިލްމީ ކަންތައްތައް ނުދަންނަ ނޫސްވެރިންނެވެ. ނުވަތަ ނޫސްވެރިކަން ނުދަންނަ ޢިލްމުވެރީންނެވެ. ތިންވަނަ ދުނިޔެއިން ބޮޑަށް ފެންނަނީ ޢިލްމީ ނޫސްވެރިކަމަކަށްވުރެ ބޮޑަށް ތަރްޖަމާތަކެކެވެ. ޢިލްމީ ނޫސްވެރިކަމެއް އޮންނާނީ ޢިލްމީ ދިރާސާއާއެކުގައެވެ. ނޫސްވެރިޔާގެ ކިބައިގައި އައު ޚަބަރުތަކުގެ ފަހަތުން ދިޔުމުގެ ޤާބިލުކަން ހުންނަން ޖެހޭނެއެވެ. އޭނާގެ ކިބައިގައި އޭނާއަށް ލިބޭ މަޢުލޫމާތުތައް ވަރަށް ސާދާކޮށް މީހުންނަށް ފޯރުކޮށްދިނުމުގެ ބަހަވީ ޤާބިލުކަން ހުންނަން ޖެހޭނެއެވެ.
ކޮރޯނާ ފަދަ ބޮޑު މަސްއަލައެއް ފާޅުވެ ފެތުރުމުން ހޭލުންތެރިކުރުވުމާއި، އެހީ ފޯރުކޮށްދިނުމުގައި މަދަނީ މުޖްތަމަޢަށް އަދާކުރަން ޖެހޭ ދައުރާމެދު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ؟
ޖަވާބު: އެއްވެސް ޝައްކެއްނެތް ގޮތުގައި ކޮރޯނާ މިއަދު މިވަނީ ޢާލަމީ މަސްއަލައަކަށް ވެފައެވެ. މިކަމާ ވިދިގެން ވަރަށް ގިނަ އިސްނެގުންތަކެއް އަންނަނީ ފެންނަމުންނެވެ. މިއިން އެނގެނީ އިންސާނީ މުޖްތަމަޢުތަކުން ހެޔޮވަންތަކަން އަދިވެސް ފިލައިގެން ނުދެއެވެ. ޒުވާނުންގެ އައު އީޖާދުތައް އަންނަނީ ފާޅުވަމުންނެވެ.މީސްމީޑިޔާގައި ޑަކްޓަރުންގެ ބިސީތަކުން މީހުންގެ ސުވާލުތަކަށް ދަނީ ޖަވާބު ދެމުންނެވެ. ފަޤީރުންނަށް އަޅައިލުމުގެ ދޮލަނގުތައް ދަނީ ބެހެއްޓެމުންނެވެ. އެހީގެ އަތްތައް ވަނީ ހުޅުވައިލައިފައެވެ. އަޅުގަނޑުމެންނާ މިއަދު ކުރިމަތިވެފައިވާ ބޮޑު މަސްއަލައާ ކުރިމަތިލުމަށް ޓަކައި މަދަނީ މުޖްތަމަޢަށް އަދާކުރަން ޖެހޭ ދައުރު ވަރަށް ބޮޑެވެ. މިއީ ދުނިޔޭގެ ގިނަ ޤައުމުތަކުގެ ސަރުކާރުތަކުގެ ކެރިފޯރުންތެރިކަމަށްވުރެ ބޮޑު ވަބާއެކެވެ. މިކަމުގެ ސަބަބުން އިންސާނިއްޔަތަށް ޖެހިފައިވާ ގިލަންތައް ލުއި ކުރެވޭނީ އެންމެން އެކަތިގަނޑަކަށްވެ އެއްބަޔަކު އަނެއް ބަޔަކަށް އެހީ ފޯރުވައިގެންނެވެ. ޞިއްހީ ދާއިރާތަކުން ދޭ އިރްޝާދުތަކަށް ތަބާވާން ޖެހޭނެއެވެ. ސާފުތާހިރުކަމަށާއި ތާޤީމު ކުރުމަށް ސަމާލުކަން ދިނުމަށާއި އެއްވުންތަކާ ދުރުހެލިވުމަށާއި ޢުމުރުން ދުވަސްވީ މީހުންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އަހައްމިއްޔަތުކަން ދީގެންނެވެ.
މި މަސްއަލަ ޚަބަރުފަތުރާ ވަސީލަތްތަކުން ހުށައަޅަމުންދާ ގޮތާމެދު ވިދާޅުވާނީ ކީކޭތޯ؟
ޖަވާބު: ހިތާމައާއެކު ދަންނަވަން ޖެހެނީ އަބަދުވެސް ޚަބަރުފަތުރާ ވަސީލަތްތަކުން މަސައްކަތް ކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށެވެ. ޖަޒްބާތުގައި ޖެއްސުމަށެވެ. ޝުޢޫރުތައް ކެއްކުވުމަށެވެ. މީސްތަކުންގެ ނަފްސިއްޔަތަށް ބަލާލުމެއް ނެތިއެވެ. ކޮރޯނާގައި ވެސް ފެންނަނީ މި ކަހަލަ ގޮތެކެވެ. ބައެއް ފަހަރަށް ބިރުވެރި ސުރްޚީތައް ފެނެއެވެ. ތިލަފަތުގެ ދެ ފަރާތަށް ބަލަން ޖެހޭނެއެވެ. ރައްކައުތެރިވުމަށް ގޮވައިލާއިރު މީސްތަކުން ނާއުއްމީދުވެސް ކުރުވައިގެން ނުވާނެއެވެ. ދޮގު ޚަބަރުތައް ފެތުރުމާ ދުރުހެލިވާން ވާނެއެވެ. ވައިގެ ޒަރީޢާއިން މި ވައިރަސް ފެތުރޭ ކަމަކަށް އަދިއެއް ނުބުނެއެވެ. މަޢުލޫމާތު ހޯދަންޖެހޭނީ އެކަމާ ބެހޭ އިޚްޞާއީންގެ ކިބައިންނެވެ.