ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ރާއްޖެ ވަޑައިގެންފި

މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްއަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވަނީ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރަނިލްގެ މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙުގެ ދައުވަތަކަށް ރާއްޖެ ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމާއެކު ވެލާނާ އިންޓަރޝަނަލް އެއާރޕޯޓުން މަރްޙަބާ ދެންނެވީ ރާއްޖޭގެ ޚަރިޖީ ވަޒީރު މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ވާހަކަތަކުގެ ތެރޭގައި ދެޤައުމުގެ ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އިތުރުން ތަރައްޤީގެ ރޮނގުން ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުން ހިމެނެއެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު އެކިދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި، މިމަހުގެ 3 އިން 4 އަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް  2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގައި ޗެއަރ ކޮށްދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެ ޤައުމުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރަނިލް ވިކްރަމަސިންހަ އާއި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އެއާރޕޯޓުން މާލެ ވަޑައިގަތުމާއެކު ދިވެހި ސަރުކާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއްވެސް ދަންނަވާފައެވެ. މި ޚާއްސަ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ.

ލަންކާގެ ބޮޑުވަޒީރު މާލެ ފައިބާ ވަޑައިގެންނެވުމުން، ރަސްމީ ފާލަމުން ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، ސްކޫލް ކުދިން ހުށަހަޅައިދިން ސަގާފީ އައިޓަމެއް އެބޭފުޅުން ބައްލަވައިލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި ލަންކާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު ހަތް ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި ލަންކާއާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ލަންކާގެ ބޮޑުވަޒީރުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން އެރުވި ގާޑް އޮފް އޮނަރއެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ލަންކާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވުންވެސް އޮތެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވުން ވެސް އޮތެވެ.

މަރުޙަބާ ވިދާޅުވުމުގެ މި ރަސްމިއްޔާތަށްފަހު، ލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަތްކޮޅުގައި ވަޑައިގެންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންނެވުމަށްފަހު ލަންކާގެ ބޮޑުވަޒީރު ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް) 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.