މުގާބިލާ - 47

(23 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އަހަރީ ޖަލްސާ ބާއްވާ ދުވަސް ގާތްވަނީއެވެ. އެ ޖަލްސާގައި ހުރިހައި ގޮތްޕެއްގެ ވެރިން ބައިވެރިވާނެއެވެ. އަދި ގޮފިތަކުން ކުރެވުނު މޮޅު ކަންތައްތަކުގެ ރިޕޯޓު ހުށަހަޅާނެއެވެ. މޮޅު ކަންތައްތައް ކުރި ޝައިޠާނުންނަށް އިނާމު ދިނުން އޮންނާނެއެވެ. އިނާމު ހަވާލުކޮށްދޭނީ ސީދާ އިބިލީހެވެ. އެ ޖަލްސާއަށް ނުގޮސް ވާނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެންވީމާ ޖަލްސާއަށް ދިއުމުގެ ކުރިން ސކުނޑި ހަމަޖައްސައިލާން އެސޮރު ބޭނުން ވެއެވެ.

މާޔޫސީއާއި އަގުވެއްޓުމާއި އިނދަޖެހުމަކީ އިބިލީހަކަށް އައު ކަމެއް ނޫނެވެ. ބައެއް ފަހަރަށް އަމިއްލަ ނަފުސާމެދު ހަމްދަރްދީ އުފެދޭގޮތްވެސް ވެއެވެ. އޭނާގެ ހިތަށް އަރައެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ އަހަރެން މަރެއްވެސް ނުވެއެވެ. އެހެންވީމާ އެންމެ ހިނދުކޮޅަކަށްވެސް އަރާމެއް ނުކުރެވެއެވެ. އޭނާގެ އަޒަލީ ދުޝްމިނުގެ މައްޗަށް (އެބަހީ އިންސާނާގެ މައްޗަށް) އޭނާގެ ހިތުގައި ވަރަށް ބޮޑު ހަސަދަވެރިކަމެއް އޮވެއެވެ. އިންސާނާ އުފަންވެ އެކި މަރުހަލާތައް ކަޑައްތު  ކުރެއެވެ. ފުރަތަމަ ޅަފުރާއެވެ. އޭގެ ފަހުން ޒުވާން އުމުރެވެ. އެއީ މަޖަލާއި އުފަލުގެ އުމުރެވެ. އެޔަށް ފަހު މުސްކުޅިވެ މަރުވެއެވެ. އެކަމަކު އޭނާގެ ކަންތައް އޮތީ އެހެންނެއް ނޫނެވެ. ފެށުނީއްސުރެ މަސައްކަތް ކުރަނީއެވެ. މަސައްކަތަކަށް ނިމުމެއް ނެތެވެ. ދިރިއުޅުމަކަށްވެސް ނިމުމެއް ނެތެވެ. ކިހައި ބޮޑު ގިލަންވެރިކަމެއް ހެއްޔެވެ؟ ރަނގަޅު އިންސާނުންނަކީ އޭނާއަށް ހުރި ވަރުގަދަ މުސީބާތެކެވެ. އަޒާބެކެވެ. އެފަދަ މީސްމީހުން މަގުފުރައްދާން އޭނާ ގަަދައަޅައި މަސައްކަތް ކުރެއެވެ. ނާކާމިޔާބީއަކީ އޭނާއަށް ބަރުދާސްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެއީ އޭނާގެ ނާރުތަކަށް ބާރު ބޮޑުވެ ރުޅި ގަދަވާ ކަމެކެވެ. އިންސާނުންގެ އަދަދަށް ބަލާނަމަ އެއީ މާ ގިނަ އަދަދެއް ނޫނެވެ. އެކަމަކު މީސްކޮޅު ކިތަންމެ މަދު ނަމަވެސް އެއިން ކޮންމެ މީހަކީ އޭނާއަށް ކުރިމަތިވާ ބޮޑު މުސީބާތެކެވެ. އިމްތިހާނެކެވެ.

އިބިލީހަށް މިފަދަ ބޮޑު މުސީބާތަކާ ލައިގަތީމާ އަބަދުވެސް ދުވެގޮސް ވަންނަނީ ޔުނިވަރުސިޓީއަށެވެ. އޭނާ ނަފްސިއްޔާތީ ބާރު ހޯދަނީ އެތަނުންނެވެ. ކުލާސްތަކަށް ވަދެ ބަލައި ކިޔަވައިދޭ ޝައިޠާނުންނާ ވާހަކަ ދައްކައި ހަދައެވެ. ރުޅިގަނޑު މައިތިރި ވަގުތެއް ނަމަ ޚުދު އަމިއްލައަށް ކިޔަވައިދީވެސް ހަދައެވެ. ހައެއްކަ ދުވަހުގެ ތެރޭގައި އޭނާގެ ހާލަތު އާދައިގެ މަހައްލަކަށް ރުޖޫއަވެދެއެވެ. އެޔާއެކު ބޮޑާކަމުގެ ޓުކުރި ފުރާލައިގެން އަނެއްކާވެސް މަގުފުރެއްދުމުގެ މައިދާނަށް ފުންމައިލައެވެ.

އެކަަމަކު މި ފަހަރު ވަރަށް ތަފާތެވެ. އޭނާގެ ހާލަތު އަވަހަކަށް ރަނގަޅުވާނޭ ކަމަކަށް ނުފެނެއެވެ. ފާޅުގައި ނުބުނި ނަމަވެސް ތިމާއަކީ އިންސާނާއަށްވުރެ ބަލިކަށި މީހެއް ކަމަށް އަބަދުވެސް ގަބޫލު ކުރެއެވެ. އެކަމަކު މިފަހަރު މިއޮތީ ދެކަމު ހާޖިތަށް އެއްފަހަރާ ދެވޭވަރަށް ބޮޑަށް ބިރުގެންފައެވެ. އިންސާނާގެ ބުއްދިއަކީ އޭނާއަށް ގަޑުބަޑު ކޮށްލެވޭ ވަރަށްވުރެ މާ ގާބިލު ބުއްދިއެއްކަން އޭނާއަށް ކަށަވަރު ވެއްޖެއެވެ. އިންސާނަކު އެވަނީ އޭނާ ބަރަހަނާކޮށް ނަށްޓުވައިފައެވެ. ބައިވެރިންގެ ކުރިމަތީގައި އިސް އުފުލައިލާން ނުކެރޭވަރު ކޮށްފައެވެ.

އޭނާ ޔުނިވަރުސިޓީގެ އެތަންމިތަނަށް ވަންނަމުން ނުކުންނަމުން ހިނގަމުން ދިޔައެވެ. ޝައިޠާނީ ތައުލީމު މިހާރު ވަރަށް ބޮޑަށް ޒަމާނީ އުސްލޫބަށް ފައްތައިލެވިފައިވާ ކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކުރިމަގުގައި އަމަލީ މައިދާނަށް ނުކުންނަ ޝައިޠާނުން ވާނީ ވަރަށް ކުޅަދާނަ ހުނަރުވެރި ބަޔަކު ކަމުގައެވެ. މިފަހަރު އިބިލީސް ވަނީ އަމިއްލައަށް ކިޔަވައި ދިނުމުގެ މައްޗަށްވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އޭނާގެ ޚާއްސަ މައުޟޫއަކީ އިންސާނާގެ ބުއްދީގެ ނުރައްކާތެރިކަމެވެ. އޭނާ ކުދި ޝައިޠާނުންތަކަށް އަންގައިދެނީ އެމީހުން އަމަލީ މައިދާނަށް ނުކުމެ ކުރިމަތިލާން ޖެހޭ މަޚްލޫޤުގެ ނުރައްކާތެރިކަމެވެ.

އެކަމަކު އަހަރީ ޖަލްސާގައި ބައިވެރިވާން ޖެހޭނޭއޭ ހިތަށް އެރީމާ އެ ގަންނަ ބިރެއް ފިލައިގެންނެއް ނުދިޔައެވެ. ބައެއް ފަހަރަށް ތުންފިއްތައިފައި ރޮވޭގޮތް ވެއެވެ. އަނެއްބައި ފަހަރު އަޑުންއަޑު ނަގައި ރޮވެނީއެވެ. ވާނޭ ގޮތް މުޅީން ޔަގީން ނުވި ނަަމަވެސް އެ ޖަލްސާއަކީ ވަރަށް ނުރައްކާތެރި ޖަލްސާއެކޭ ހިތަށް އެރީމާ ގަންނާކުރައްވާ ބިރަކުން މުޅި މީހާ ރޫޅިދަނީއެވެ.

* * *

ސުލައިމާން އިނީ ޓީވީ ބަލާށެވެ. އެ ވަގުތު ދައްކަނީ އިނގިރޭސިވިލާތުގައި ކުޅޭ ޓެސްޓް މެޗެވެ. މިއަދަކީ މެޗުގެ ހަތަރުވަނަ ދުވަހެވެ.

ފުރަތަމަ ބޯޅަޔާއެކު އޭނާގެ ބޮލުގައި ރިއްސައިލިއެވެ. އޯވަރު ނިމުނީ ބާރަ މިނިޓުންނެވެ. ދެވަނަ ބޯޅައަކީ ނޯބޯލް އެކެވެ. އެ ބޯޅަ ދިޔައީ ހަތަރަކަށެވެ. ތިންވަނަ ބޯޅައަކީވެސް ނޯބޯލް އެކެވެ. ކުޅުންތެރިޔާ މަސައްކަތް ކުރީ އެ ބޯޅަވެސް ހަތަރަކަށް ޖަހާށެވެ. އެކަމަކު ދަބަށް އަރާގޮތެއް ނުވިއެވެ. ހަތަރުވަނަ ބޯޅައާއި ފަސްވަނަ ބޯޅައާއި ހަވަނަ ބޯޅަވެސް ވައިޑެވެ. މާނައަކީ މުޅި އޯވަރު ނިމުނުއިރުވެސް ރަނގަޅު ބޯޅައެއް ނުއުކެއެވެ.

އެ އޯވަރުގައި ސާދަ ބޯޅަ އުކިއެވެ. އިނގިރޭސިން އެ އޯވަރުގައި އެގާރަ ލަނޑު ހެދިއެވެ. ވުމާއެކު ކުޅުންތެރިންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެއެވެ.

އަނެއް ކޮޅުން އުކި މީހާގެ އުކުމުގައިވެސް ދިމާވީ ހަމަ އެކަހަލަ ގޮތެކެވެ. ފުރަތަމަ ދެ އޯވަރުގައި އިނގިރޭސިން 45 ލަނޑު ހަދައިފިއެވެ. މިއީ ދުނިޔޭގެ ހުރިހައި ކުޅުންތެރިން ބިރުގަންނަ ދެ ފާސްޓްބޯލަރުންގެ އުކުމުގައި ވީ ގޮތެވެ.

ތިންވަނަ އޯވަރުގައި ނައިޓްވޮޗްމަން ނުބައި ވެއްޖެއެވެ. އެކަމަކު އެޔަކުން ކުޅަ ފައިދާއެއް ނެތެވެ. ދެން އެރި މީހާ ވަރަށް ރަނގަޅަށް ހަމަޖެހިލިއެވެ. އެއީ ކޮންމެހެން އޭނާގެ މޮޅުކަމެއް ނޫނެވެ. ޕާކިސްތާނުގެ އުކުންތެރިންގެ ދޯދިޔާ އުކުމުގެ ނަތީޖާއެވެ. އެޔަށް ފަހު ދެން ދިމާވީ މުޅީން އެހެން މައްސަލައެކެވެ. ދެ ފާސްޓްބޯލަރުންނަށް އަނިޔާ ވެގެން ދަނޑުން ބާލައިފިއެވެ. ދެން އުކީ ސްޕިން ބޯލަރުންނެވެ. ރަންރޭޓް ދަށަށް ދިޔަނަމަވެސް ބޭނުންވާ ވަރާ ގާތްކޮށް ހިފަހައްޓަމުން ދިޔައެވެ. އިނގިރޭސިން ބަލިނުވެ ސަލާމަތް ވާނީ އަދި 210 ލަނޑު ހެދީމައެވެ. ހަތް ވިކެޓް ބާކީ އެބައޮތެވެ. އެއް ދުވަސް އަދި އޮތީއެވެ.

މެންދުރު ކާގަޑިއަށް ކުޅުން މެދުކަނޑައިލީ ވަގުތު ޢަދްނާން އަތުވެއްޖެއެވެ. އޭނާ އެ އައި ގޮތަށް އައިސް ސުލައިމާންގެ ގައިގައި ބައްދައިލިއެވެ. "މިހާރު ހާދަހާ ހަރުދަނާ ވެއްޖެއޭ. ފަރްޒާނާއަކުން ނުނެއްޓުނު ދޯ؟"

"އެއީ އެވަރުގެ ކުއްޖެކޭ..."

ދެމީހުން އެކަކު އަނެކަކަށް ހާލުއަހުވާލު އޮޅުންފިލުވައި ކިޔައިދީ ހެދުމަށް ފަހު ސުލައިމާން ބުންޏެވެ. "ފެންވަރައި ތާޒާ ވެލައިގެން އާދޭ."

ޢަދްނާން ފެންވަރައިގެން އައި އިރުވެސް ސުލައިމާން އިނީ މެޗު ބަލާށެވެ. "މެޗު ކުރިއަށް ދަނީ ކިހިނެއް؟"

"އިނގިރޭސިން ކުރިއަށް ޖެހިލައިފި. މިހާރު ތިން ވިކެޓަށް 189 ލަނޑު." ސުލައިމާން ބުންޏެވެ.

"އެވަރު ކޮށްފިތަ؟" ޢަދްނާން ހައިރާން ވެފައި އަހައިލިއެވެ. "ތިޔައީ އެއް ދުވަހުން ހެދޭ ވަރެއްނު؟"

"އިނގިރޭސިން މިހާރު އެ ކުޅެނީ މަރަށް. އެމީހުންގެ ނަސީބު ރަނގަޅުކަމުން އަހަރެމެންގެ ދެ އުކުންތެރިންނަށް އަނިޔާވެސް ވެއްޖެ."

ޢަދްނާން ސޯފާގައި އިށީނދެއްޖެއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ޠާރިޤް ދެއްކި ވާހަކައެވެ. "އަހަންނަށް ހީވަނީ މިއީ ރޭވިގެން ހިނގާ ކަންތައްގަނޑެއްހެން."

"ކީކޭ؟"

ޢަދްނާން އޭނާގެ އޮފީހަށް އައިސް ތިން މީހަކު ދެއްކި ވާހަކަ ތަފުސީލުކޮށް ސުލައިމާނަށް ކިޔައިދީފިއެވެ. "އެމީހުން ބުނީ ދެން ހަރާދު ކިޔާނީ އިނގިރޭސިން މޮޅު ވާނެއޭ ކިޔައިފައޭ."

"އެކަމަކު އެއީ ކިހިނެއް ވާނޭ ކަމެއް؟"

"ދެ އުކުންތެރިންނަށް އަނިޔާ ވީއެއް ނޫން. ވިކުނީ."

"ނުވާނެ އެހެންނެއް. އަހަރެން ގަބޫލެއް ނުކުރާނަން."

"ގަބޫލު ނުކުރިޔަސް ހަގީގަތެއް ބަދަލެއް ނުވާނެ. ކުއްލިއަކަށް އެ ދެމީހުންނަށް ވާންވީ ކޮން އަނިޔާއެއް؟"

"ތިޔަހެން ބުނަން އެނގެނީ ކިހިނެއް؟"

ޢަދްނާން މެޗު ފެށުނީއްސުރެ ކުރިއަށް ދިޔަ ގޮތް ކިޔައި ދީފިއެވެ. އަދި މޮޅުވާން އިނގިރޭސިންނަށް ހަނި ފުރުސަތެއްވެސް ނެތްކަން ވަރަށް ރަނގަޅަށް ސާބިތުކޮށް ދީފިއެވެ.

އެ ވަގުތު އިނގިރޭސިންގެ ކުޅުންތެރިއަކު ނުބައި ވެއްޖެއެވެ. އޭރު ހަދައިފައި ވަނީ 198 ލަނޑެވެ.

"އަދި ސަތޭކަ ފަސްދޮޅަސް ފަސް ލަނޑު ހަދާން ޖެހޭނެ. ހަތަރު މީހުން ނުބައި ވެއްޖެ." ސުލައިމާން ބުންޏެވެ. "މެޗުން ޕާކިސްތާން ބައްޔެއް ނުވާނެ."

އެ ދުވަހުގެ ކުޅުން ނިމުނުއިރު އިނގިރޭސިންގެ ހަ މީހުން ނުބައި ވެއްޖެއެވެ. އެކަމަކު ޓީމު އޮތީ ފަނަރަ ލަނޑުން ކުރީގައެވެ.

"އަދިވެސް އަހަރެން ބުނާނީ މޮޅު ވާނީ ޕާކިސްތާނޭ." ކާން އިނދެފައި ސުލައިމާން ބުންޏެވެ.

"ތެދަކަށްވެސް ވެދާނެ. އެކަމަކު ކަލޭ ހަރާދު..."

"ހަރާދުކިޔުމުގެ ވާހަކަ ނުދައްކާ." ސުލައިމާން އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

* * *

އަނެއް ދުވަހުވެސް އިނގިރޭސިން ކުޅެމުން ދިޔައީ ހަމަ އެހެންނެވެ. މެންދުރު ކާން މެދުކަނޑައިލުމުގެ ކުރީން ހުރިހައި ކުޅުންތެރިން ނުބައި ވެގެން 494 ލަނޑު ހަދައިފިއެވެ. މެޗުން މޮޅުވާން ބޭނުން ނަމަ ޕާކިސްތާނަށް ޖެހެނީ ހަތަރު ގަޑި އިރުގެ ތެރޭގައި 136 ލަނޑު ހަދާށެވެ.

"މޮޅުވާނީ ޕާކިސްތާން. އަހަރެން..." ސުލެއިމާން ދައްކާން އުޅުނު ވާހަކަ ނުދައްކައި ހުއްޓައިލިއެވެ. މި ވަގުތު ހަރާދުކިޔުން ނުވަތަ ބާޖުމެރުން ފަދަ ލަފުޒެއް ބޭނުން ކުރުން ރަނގަޅެއް ނުވާނެއެވެ.

"ބަލަން ތިބެމާ." ޢަދްނާން ބުނެލިއެވެ. "މެޗު މިހާރު މި ދަނީ ފޯރި ގަދަވަމުން."

ޕާކިސްތާނުން ކުޅެން އެރި ދެ ކުޅުންތެރިން ކުޅެމުން ދިޔަ ގޮތުން ހީވަނީ ސައިގަޑި ޖެހުމުގެ ކުރީން މެޗު ނިމިދާނޭ ހެންނެވެ.

"ނިކަން ބަލާބަލަ. ފުރަތަމަ ހަތަރު އޯވަރުގައި އަށާވީސް ލަނޑު." ސުލައިމާން ހީނގަތެވެ.

"އަހަންނަށް ހީވަނީ ކުޅެން ވާނީ ފަރުވާތެރިވެގެންހެން."

އެ ވަގުތު ފުރަތަމަ ކުޅުންތެރިޔާ ނުބައި ވެއްޖެއެވެ. ދެވަނައަށް އެރި ކުޅުންތެރިޔާ ފުރަތަމަ ބޯޅައިން ނުބައި ވެއްޖެއެވެ. ވިދިގެން އައި އޯވަރުގައި އެންމެ ދެ ލަނޑު ހެދުމަށް ފަހު ފުރަތަމަ ކުޅެން އެރި ދެވަނަ ކުޅުންތެރިޔާ ނުބައި ވެއްޖެއެވެ. އެޔާ ވިދިގެން އައި އޯވަރުގައި ދެ ކުޅުންތެރިން ނުބައި ވެއްޖެއެވެ.

މިހާރުގެ ނަތީޖާއަކީ ހަތް އޯވަރުގައި 5 ވިކެޓަށް 32 ލަނޑެވެ. ސުލައިމާންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ހިނގައްޖެއެވެ.

އެއްކޮޅުގައި ކުޅެން އޮތީ ޕާކިސްތާނު ޓީމުގެ ވިކެޓްކީޕަރެވެ. އޭނާ ހިތްވަރާއެކު ކުޅެމުން ދިޔަ ނަމަވެސް އަނެއް ކޮޅުން ކުޅެން އަރާ ކުޅުންތެރިން ދިޔައީ ނުބައި ވަމުންނެވެ. ސަތާރަ މިނިޓު ކުޅެވުނުއިރު ޕާކިސްތާނުގެ ނުވަ ކުޅުންތެރިން ނުބައި ވެއްޖެއެވެ. އޭރު ހެދިފައި އޮތީ 52 ލަނޑެވެ. މިހާރު ބާކީ ހުރީ އެންމެ މީހެކެވެ. އެހެންވީމާ ޕާކިސްތާނު ބަލިވާނެކަން ޔަގީން ވެއްޖެއެވެ. އެކަމަކު ވިކެޓްކީޕަރާއެކު ދެން ކުޅެން އެރި ކުޅުންތެރިޔާގެ އެހީތެރިކަން ލިބުނީ ވަރަށް ރަނގަޅަށެވެ. ޕާކިސްތާން އާދަޔާ ޚިލާފަށް ރަނގަޅަށް ކުޅެން ފަށައިފިއެވެ. މިހާރު ފެންނަ ގޮތުގައި މެޗުން މޮޅު ވާނީ ޕާކިސްތާނެވެ.

ސުލައިމާނާއި ޢަދްނާނާ ދެމީހުން ޖެހި ދެބުދުހެން ބަލަހައްޓައިގެން ތިބީއެވެ. ޕާކިސްތާނުގެ ލަނޑު ދިޔައީ އިތުރު ވަމުންނެވެ. 110 ހަދައިފިއެވެ. 120 އަށް އަރައިފިއެވެ. އެންމެ ފަހުން 130 ހަމަ ކޮށްފިއެވެ. މެޗުން މޮޅުވާން ޕާކިސްތާނަށް މިހާރު ބޭނުން ވަނީ އެންމެ 6 ލަނޑެވެ. އެޔަށް ފަހު 2 ލަނޑު ހަދައިފިއެވެ. މިހާރު ބޭނުން ވަނީ 4 ލަނޑެވެ.

ވިކެޓްކީޕަރު ކުޅެމުން ދަނީ އާދަޔާ ޚިލާފަށް ފަރުވާތެރިކަމާއެކުއެވެ. އޭނާގެ މިހާރު 76 ލަނޑު ހަދައިފިއެވެ. އެކަމަކު އޭނާޔާއެކު އަނެއް ކޮޅުގައި ކުޅެން އޮތް މީހާގެ ވިންދު ހުރީ އަވަސް ވެފައެވެ. ކުޅޭ ގޮތުން ހީވަނީ ދެންމެދެންމެ ނުބައި ވެދާނޭ ހެންނެވެ. ޚުދު އޭނާވެސް ހީކޮށްގެން ހުރީ އެހެން ކަހަލައެވެ. ސަޔަށް މެދުކަނޑައިލުުމުގެ ކުރިން އުކި އެންމެ ފަހުގެ ބޯޅައިގައި އޭނާ ދަބުން މަޑުމަޑުން ޖައްސައިލުމަށް ފަހު ދުއްވައިގެންފިއެވެ. އެކަމަކު އެއީ ލަނޑެއް ހެދޭ ކަހަލަ ދަނޑިވަޅެއް ނޫނެވެ. ވިކެޓް ކީޕަރަށް އޭނާގެ ބައިވެރިޔާ ދުވެފައި އަންނަތަން ފެނެއެވެ. އަދި ބޯޅައަށް ވާގޮތްވެސް ފެނެއެވެ. އެހެންވީމާ ނާންނާށޭ އެނބުރިދާށޭ ގޮވައި ހަޅޭއް ލަވައިގެންފިއެވެ. ކުރާނޭ ކަމެއް ނެތެވެ. ބޯޅަ އެނބުރި އުކުންތެރިޔާގެ އަތަށް އަތުވެއްޖެއެވެ. ދެން ފެނުނީ އޭނާ ކަޑަބައި ދުއްވައިލީތަނެވެ. ވިކެޓްކީޕަރު މާާޔޫސީއާއެކު ކުޑަކަކޫ މައްޗަށް ތިރިވެއްޖެއެވެ. އޭނާގެ ހުރިހައި ހިތްވަރަކާއި މަސައްކަތެއް ފެނަށް ދިޔައީއެވެ. އިނގިރޭސިން މޮޅުވީއެވެ.

"ފެނިއްޖެތަ؟" ޢަދްނާން ބުންޏެވެ. "ތިޔަ ފެނުނީ ހަރާދުކިޔާ މީހުންގެ ބާރު."

"އަހަންނަކަށް ހަމަ އެއް ގޮތަކަށްވެސް ޔަގީނެއް ނޫން. މިވީ ގޮތެއްވެސް ނުވިސްނޭ."

"އަހަންނަށް އެބަ ވިސްނޭ. ހަރާދަކީ އެތައް އަރަބު ރުފިޔާއެއްގެ ވިޔަފާރިއެއް. ދެ އުކުންތެރިންނާއި ދެ ކުޅުންތެރިންނަށް ދެ ކުރޯޑު ރުފިޔާ ދީފައި ގަނެލީމާ އެ އޮތީ ނިމިފައި. ދެން އޮތީ މުޅީންވެސް ފައިދާ."

"މިއަދުން ފެށިގެން ހަރާދުކިޔުން ހުއްޓައިލީ. މުޅީން ނިމުނީ."

"އަހަރެމެންގެ ވިޔަފާރިއަށް އޭރުން ވާނީ ކިހިނެއް؟"

"އެއީ ހަރާދެއް ނޫން. އެއީ ޝައިޠާނާއާ ކުރި ހަނގުރާމައެއް." ސުލައިމާން ބުންޏެވެ. "ދެން ދުވަހަކުވެސް ހަރާދެއް ނުކިޔާނަން."

* * *

ކާވެނި ކުރެވުމާއެކު ދިރިއުޅުން މުޅީން ފުރިހަމަ ވީކަމުގެ އިހުސާސް ސުލައިމާނަށް ކުރެވިއްޖެއެވެ.

ދެމީހުންގެ ކާވެނީގެ ފުރަތަމަ ރެޔަކީ އަޖައިބެއް ކަހަލަ ރެއެކެވެ. ރޭގަނޑު ހަތަރުދަމު ދެމީހުން ތިބީ ވާހަކަދައްކާށެވެ. ރިޟްވާންގެ ވާހަކަޔާއި ޝައިޠާނާއާ އޮތް ގުޅުމުގެ ވާހަކަ ސުލައިމާން ކިޔައި ދިނީމާ ފަރްޒާނާ ހުރީ ހައިރާން ވެފައެވެ. އޭނާއަކަށް އެވާހަކަތައް ގަބޫލެއްވެސް ނުކުރެވުނެވެ.

"އަހަރެން ގަބޫލު ނުކުރީމާވެސް ހަރާދުކިޔާނީތަ؟" ފަރްޒާނާ ހީނގަތެވެ.

"ނޫނޭ. މިހާރު އެކަން ހުއްޓާލައިފިން." ސުލައިމާން ބުންޏެވެ. "އެކަމަކު އަހަރެން މި ދެއްކި ވާހަކަ ސާބިތުކޮށް ދީފާނަން."

ސުލައިމާން އޭނާގެ އަތުގައި ހުރި ލިޔުންތައް ފަރްޒާނާއަށް ދައްކައިފިއެވެ. އޭގެ ތެރޭގައި އިބިލީސް ބަލި ގަބޫލުކޮށް އިނގިލީގެ ނިޝާން ޖެހި ލިޔުންވެސް ހިމެނެއެވެ. އެ ލިޔުންތަކުން މިހާރު ދުވަނީ ކުރިއަށްވުރެވެސް ނުބައި ވަހެކެވެ.

"ގަބޫލުކޮށްފިން. ތިޔަ އެއްޗެހި ހުރި ތަނެއްގައި ބަހައްޓާ. ދުވާ ކުނި ވަހުން ނޯއް ދަމައިލާން ނުކެރޭ."

ވާހަކައިގައި ގޮސް އިރު އަރައިފިއެވެ. އެޔާއެކު ދެމީހުން ހަމަޖެހިލައިގެން ނިދީއެވެ.

ޢަދްނާން ހަފުތާއެއްހައި ދުވަހު ހުރެފައި އަނެއްކާވެސް ލަންޑަނަށް ހިނގައްޖެއެވެ. ސުލައިމާނާއި ފަރްޒާނާ ހަނީމޫންގައި ދާން ނިންމީ މަރީއަށެވެ. މަރީއަށް ފުރުމުގެ ކުރީން ދެ މީހުން ދިޔައީ ފަރްޒާނާގެ މަންމަޔާ ބައްދަލު ކުރާށެވެ.

"މަންމާ. ސުލައިމާން މަންމަޔާ ވާހަކައެއް ދައްކައިލާން ބޭނުން."

"ތެދެއްތަ ދަރިފުޅާ؟ އަވަހަށް ބުނޭ... ދަަރިފުޅު މަންމަޔާ ވާހަކަ ދައްކަން ފަރްޒާނާގެ އެހީ ބޭނުންވަނީ ކީއްވެގެން؟" ޝާހާނާ ބޭގަމް ހިނިތުންވެލިއެވެ.

"މަންމައަށް އެނގޭނެ އަޅުގަނޑުގެ މައިންބަފައިން ދުނިޔެއަކު ނެތް. ކުޑައިރުއްސުރެ އުޅެމުން އައީ އެކަނިމާއެކަނި. އާއިލާއެއް، ގެއެއް ނެތި."

"މިހާރު ތިޔަ ހުރިހައި ކަމެއް ފުރިހަމަ ވެފައި އެބަހުއްޓެއްނު؟ އިރާދަކުރެއްވިއްޔާ ﷲ ގެ ނިއުމަތް ތާއަބަދަށް ދަމަހައްޓަވާނެ."

"ﷲ އަށް ޙަަމްދާއި ޝުކުރުހުރި. އެކަމަކު އަދިވެސް އަޅުގަނޑުގެ އާއިލާ މުޅިއަކުން ފުރިހަމައެއް ނުވޭ."

"ލަހެއް ނުވެ ފުރިހަމަ ވެދާނެ." ޝާހާނާ ބޭގަމް މާނައިން ފުރިފައިވާ ގޮތަކަށް ސުލައިމާނާ ދިމާއަށް ބަލައިލައިފައި ހީނގަތެވެ.

"އަޅުގަނޑު މި ދައްކަނީ މަންމަގެ ވާހަކަ." ސުލައިމާން ކުޑަކޮށް ލަދުގެންފިއެވެ. "ކާވެންޏާއެކު މަންމައަށް ފިރިހެން ދަރިއަކު އަދި އަޅުގަނޑަށް މަޔަކު ލިބުން އެއީ އަޅުގަނޑުގެ ހިތުގައި އޮތް އެއް އެދުން."

"ތިޔައީ އޮޅުމެއް އޮތް ކަމެއް ނޫނެއްނު؟ ތިޔައީ ހަމަ މަންމަގެ ދަރިއެއް."

"އެހެން ވެއްޖެއްޔާ މަންމަ އުޅުއްވާން ވާނީ ދަރިފުޅުގެ ގޭގައި."

"ފުރަތަމަ ހައްގު އޮންނާނީ މަންމައަށް. ދަރިފުޅު އުޅެން ވާނީ މަންމަގެ ގޭގައި."

ސުލައިމާނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެހެންވީމާ އަނގައިން ނުބުނެ ހުރެއްޖެއެވެ.

"އެކަމަކު ދަރިފުޅުގެ ގަނޑުވަރާ އަޅައި ބަލާއިރު މަންމަގެ މި ޖިފުޓި އެއްވެސް އެއްޗަކަށް ނުވާނެ." ޝާހާނާ ބޭގަމް އުދާސްކަމާއެކު ބުނެލިއެވެ.

"ނޫނޭ މަންމާ..." ސުލައިމާން ބުންޏެވެ. "އަޅުގަނޑުގެ ހިތަކަށް ތިޔަ ކަހަލަ އެއްޗެއް ނާރާ. އެކަމަކު ޒުވާން ދަރިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތެއްވެސް އޮންނާނެ. މަންމަ މުޅި ދިރިއުޅުން ވޭތުކުރެއްވީ ބުރަ މަސައްކަތުގައި. ދެން އޮތީ އަރާމު ކުރެއްވުން."

"ތިޔަ ކިޔާ އެއްޗެއް މަންމައަށް އެބަ އެނގޭ. އެކަމަކު މުޅި ދިރިއުޅުން މަސައްކަތުގައި ހޭދަކުރި މީހަކަށް އަރާމަކީ މަރުވުން ކަހަލަ ކަމެއް. ދަރިފުޅު މިގޭގައި އުޅޭށޭ މަންމަ ނުބުނީ މިގެއަކީ އުނދަގޫ ތަނެއް ކަމަށް ދަރިފުޅު ހީކޮށްފާނެތީއެއް ނޫން. ދަރިފުޅުގެ އަމިއްލަ ގެއެއްވެސް ހުރުމާއެކީ އަނބިމީހާ ގޮވައިގެން ގޮސް އެގޭގައި އުޅެން ބޭނުންވާނެކަން އެނގޭތީ."

"މިގޭގައި އުޅުމަކީ އަޅުގަނޑަކަށް އުނދަގޫ ކަމެއް ނޫން. މައްސަލައެއް އޮތް ކަމެއްވެސް ނޫން. އެކަމަކު..."

"އެހެންވެއްޖެއްޔާ ދަތުރު ނިންމާފައި މިގެއަށް އާދޭ. މިގެ މިހިރީ ފަރްޒާނާގެ ނަމުގައި ރަޖިސްޓަރީކޮށްފައި. މަންމަ މަރުވާންދެން މިގޭގައި އުޅޭ. އޭގެ ފަހުން ދަރިފުޅުގެ ގެއަށް ދިޔަޔަސް އެންމެ ރަނގަޅު."

"އެންމެ ރަނގަޅު މަންމާ." ސުލައިމާން ބުނެލިއެވެ. އޭނާ އައީ މަންމަގެ ކުރިމަތީގައި މޮޅުވެގަންނާށެވެ. އެނބުރި އެ ދަނީ ދަރިއެއްގެ ގޮތުގައި ބަލިވެގެންނެވެ. އެކަމަކު އުފަލުން ހުރެއެވެ.

ހަނީމޫން ނިންމާފައި އެނބުރި އައިސް ދެމަފިރިން ދިރިއުޅޭން ފެށީ ފަރްޒާނާގެ ގޭގައެވެ. މަންމަ އެކަނި ދޫކޮށްލާފައި ގޮސް އުޅޭނީވެސް ކިހިނެއް ހެއްޔެވެ؟

* * *

ދިރިއުޅުން އުފާވެރިކަމާއެކު މަޑުމަޑުން ކުރިއަށް ދިޔައެވެ. ދެމީހުން ތިބީ ވަރަށް އުފަލުންނެވެ. ﷲ އެ ދެމީހުން ހެއްދެވީ އެކަކު އަނެކަކަށްޓަކައި ކަހަލައެވެ. ފަރްޒާނާ ގެންދިޔައީ ދަރުމަ ކާގޭގެ ކަންތައްތަކުގައިވެސް ސުލައިމާނަށް އެހީތެރި ވަމުންނެވެ. ދެމީހުންގެ މެދުގައި ވަރަށް ގިނައިން އިބިލީހުގެ ވާހަކަވެސް ދެކެވެއެވެ. އަނެއްކޮޅުން ޢަދްނާން ވަރަށް ގިނައިން ފޯނު ކުރެއެވެ. ގިނައިން ގުޅަނީ ހަރާދުކިޔުމުގެ ކަންތައްތަކާ ސުލައިމާނާ ވާހަކަ ދައްކާށެވެ. އެ ހަރާދުކިޔުމުގެ ނަތީޖާ ވަރަށް ގިނައިން ފަރްޒާނާއަށް ފެނެއެވެ. ދެމީހުން ވެގެން އިބިލީސް މޮޔަހައްދާތީ އޭނާ ހީނވެސް ހަދައެވެ.

އެ ދުވަހު ހެނދުނު އާދައިގެ މަތީން ނޫހާއި ސައިތަށި ހިފައިގެން އައިސް ބަހައްޓައިފައި ފަރްޒާނާ ސުލައިމާނަށް ގޮވައިލިއެވެ. "ދެން ތެދުވޭ. މިހާރު އެތައް ދަމަކަށް އިރު އަރައިފި."

ސުލައިމާން ލޯ ހުޅުވައިލާފައި ފަރްޒާނާޔާ ދިމާއަށް އަތްދިއްކޮށްލިއެވެ. އޭނާ ފަހަތަށް ޖެހިލިއެވެ. "ހެނދުނު މި ގަޑީގައި ސައި ނޫން އެހެން އެއްޗެއް ނުލިބޭނެ."

"ހޫނ..." ސުލައިމާން ތެދުވެ އިށީނދެއްޖެއެވެ. އަދި ސައި ކޯވަރެއް ބޮއިލުމަށް ފަހު ނޫސް ނަގައިގެން ބަލާން ފަށައިފިއެވެ. ފުރަތަމަ ސަފުހާއަށް ބަލައިލެވުމާއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ.

"ކިހިނެއްވީ؟" ފަރްޒާނާ ކައިރިއަށް ޖެހިލައި ސުލައިމާންގެ ކޮނޑުމަތީން ނޫހަށް ބަލައިލިއެވެ.

"އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި އެ ބިންތަކުގައި ގެ އަޅައި ޔަހޫދީން އާބާދު ކުރުވަނީ. މި ކަމާ ގުޅިގެން އަލިފުދާލަށް ހުށަހެޅުނު ގަރާރަކާ އިޒްރޭލުން ދެކޮޅު ހަދަމުން އެބަ ގެންދެޔޯ."

"ތިޔައީ އެވަރަށް ކަންބޮޑުވާން ޖެހޭ ކަމެއްތަ؟"

"މި ގަރާރަށްވެސް ވާނީ ކުރިން ހުށަހެޅުނު ގަރާރުތަކަށް ވީ ގޮތަށް. މުޅި ދުނިޔެ އިޒްރޭލާ ދެކޮޅު ހަދާާނެ. އެކަމަކު އެމެރިކާ ވީޓޯގެ ބާރު ބޭނުން ކޮށްގެން ގަރާރު ފޭލިކޮށްލާނެ."

"ކޮންމެ ފަހަރަކު އެހެން ވާކަށް ނުޖެހެއެއްނު؟" ފަރްޒާނާ ބުނެލިއެވެ.

"ވާނީ ހަމަ އެހެން." ސުލައިމާންގެ އަޑުގައި ހުރީ މާޔޫސީގެ އަސަރެވެ.

"ނުވާނެ ތިޔަހެންނެއް. އަހަރެން މި ބާޖުމަރަނީ. މި ފަހަރު އެމެރިކާ ތިޔަ ގަރާރު ވީޓޯއެއް ނުކުރާނެ."

ސުލައިމާން ސިހިފައި ފަރްޒާނާއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ލޮލުން ވިދުވަރެއް ފައުޅުވޭވޭ ހުއްޓެވެ. ތުންފަތް މައްޗަށް ވެރިވެފައި ވަނީ ލާނެތް ހިނިތުންވުމެކެވެ. ސުލައިމާން ބަލަހައްޓައިގެން ހުރެފައި ބާރަށް ހީނގެންފިއެވެ. ފަރްޒާނާ އެ ޖެހި މަޅި ސުލައިމާނަށް ވިސްނިއްޖެއެވެ. ފުރަތަމަ ފަހަރަށް އެމީހުންގެ ކުޅިގަނޑުގައި ފަރްޒާނާ ބައިވެރިވީއެވެ.

"ނުވާނެ ތިޔަހެންނެއް. ބަލަން ހުންނާތި. އެމެރިކާއިން މި ގަރާރު ވީޓޯ ކުރާނެ." ސުލައިމާން ގޮށްމުށުން އަނެއް އަތުގެ އަތްތިލަައިގައި ބޮނޑިއެއް އަޅަމުން ބުނެލިއެވެ.

"ބާޖުމަރާ."

"އެންމެ ރަނގަޅު. ދިހަ ހާސް ދިހަ ހާސް." ސުލައިމާން ބުންޏެވެ.

"ގަބޫލު."

ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަަލަަހައްޓައިގެން ތިބެ ހިނިތުން ވަނީއެވެ. ސުލައިމާންގެ ހިތަށް އެރިއެވެ. މި ޚިޔާލު މީގެ ކުރީން ނުކުރެވުނީ ކީއްވެގެން ބާވައެވެ. ހައިރާން ވާވަރުގެ ކަމެކެވެ. ޝައިޠާނާގެ ބަލިކަށިކަމުގެ ފައިދާ ކިތަންމެ ގޮތަކަށް ލިބިގަނެވިދާނެއެވެ. މިއީވެސް އެއް ގޮތެކެވެ. މިފަދަ އުކުޅުތަކުގެ ބޭނުން ކޮށްގެން ދުނިޔޭގެ ތާރީޚު މުޅީން އައި ދިމާއަކަށް އަނބުރައިލެވިދާނެއެވެ. އަހަރެމެންނަށް އަގުހުރި ވަގުތުތަކަކާއި ފުރުސަތުތަކެއް ނަގައިލެވިއްޖެއެވެ.

ފަރްޒާނާއަށް އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތައް އެނގުނީ ކަހަލައެވެ. އޭނާ ހިނިތުން ވެލައިފައި ބުންޏެވެ. "އޭރު ނުވިއްޔާ މިހާރު ވާނެ. ލަހުން ކުރެވުނަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް."

"ވަރަށް ރަނގަޅު ވާހަކައެއް." ސުލައިމާން ހުސް ތަށި މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ.

* * *

އޭރު ޝައިޠާނުންގެ މައި މަރުކަޒުގައި ޚާއްސަ ޖަލްސާއެއް ކުރިއަށް ދަނީއެވެ. ރިޔާސަތުގައި އިނީ އިބިލީހެވެ. މާދަމައަކީ ބައިނަލްއަގުވާމީ އަހަރީ ޖަލްސާ ހުޅުވާ ދުވަހެވެ. އަހަރީ ޖަލްސާ ފެށުމުގެ ކުރިން މައިމަރުކަޒުގައި ޖަލްސާއެއް ބޭއްވުމަކީ އާދަވެގެން އޮންނަ ކަމެކެވެ. މި ޖަލްސާގައި އޮންނަނީ މައިމަރުކަޒުގައި ހަރަކާތްތެރިވާ ޝައިޠާނުންގެ މަސައްކަތް ތަހުލީލުކޮށް ބެލުމެވެ. ސަބަބަކީ މިއީ ސީދާ އިބިލީހުގެ ވެރިކަމުގެ ދަށުން ކުރާ މަސައްކަތްތަކަކަށް ވުމެވެ.

ރިޕޯޓަށް ބަލައިލުމަށް ފަހު އިބިލީސް ނުރުހުމުގެ ރާގަކަށް ބުންޏެވެ. "މިއީ ކިހިނެއް ވީ ކަމެއް؟ ޖުމުލަކޮށް ބަލާއިރު ފައިބެ އަހަރަށްވުރެ ކަލޭމެންގެ މަސައްކަތް ސާޅީސް އިންސައްތަ ދެރަ. އަހަންނަކީ ކަލޭމެން އަދަދުތަކެއް ޖަހައިގެން އައީމާ އޭގެ ދަށުވެ އޮޅި ވައު ވަދެގެން ދާާނޭ މީހެއް ނޫންކަން ހަނދާން ކުރާތި. ހިސާބު ޖަހަން އަހަރެން ދަންނަން. ފައިބެ އަހަރާ އަޅައި ބަލާއިރު މިހައި ބޮޑު ވެއްޓުމެއް ވެއްޓުނީ ކީއްވެގެން؟"

ދާއިރާގެ ހުރިހައި ގޮތްޕެއްގެ ވެރީން އެތާނގައި ތިއްބެވެ. އެ އެންމެން ނާއިބުންނާ ދިމާއަށް ހަޅޭއް ލަވައިގަތީމާ ލިބުނު ޖަވާބު އިބިލީހަށް ހުށަހަޅައިފިއެވެ.

"މާތް މަނިކުފާނު. ތިޔަ ތަފާތެއް އައީ އެންމެ ފަހުގެ ހަަތަރު މަސް ދުވަހުގެ ތެރޭގައި." ޒަވާޖީ ހަޔާތާ ބެހޭ ބައިގެ ވެރިޔާ ބުނެލިއެވެ. "އޭގެ ކުރީގެ އަށް މަސް ދުވަހުގެ ހިސާބުތަކަށް ބައްލަވައިލައްވާ. ބާވީސް އިންސައްތައިގެ ކުރިއެރުމެއް ފެނިވަޑައިގަންނަވާނެ."

"އަޅުގަނޑުމެންގެ ހިސާބުތަކުންވެސް އެ ވިދާޅުވީ ކަހަލަ ބަދަލެއް ފެނިވަޑައިގަންނަވާނެ." ޒިނޭއާ ބެހޭ ބައިގެ ވެރިޔާ ބުންޏެވެ.

"އެއީ ކީއްވެގެން؟" އިބިލީސް މިހެން ބުނެފައި ރިޕޯޓުތައް އަނެއްކާވެސް ކިޔާން ފަށައިފިއެވެ. މާގިނަ އިރުތަކެއް ނުވެ ދެލޯ ރަތް ވެއްޖެއެވެ. ނޯށުން އަލިފާން ނުކުންނާން ފަށައިފިއެވެ. "މިއީ ކޮންފަދަ ވިޔާނުދާ ރިޕޯޓެއް؟ ވޭތުވެދިޔަ ހަތަރުމަހާ ބައިގެ ތެރޭގައި އެންމެ އަންހެނަކުވެސް މަގުފުރެއްދިފައެއް ނެތް. އެންމެ ދެމަފިރިއަކުވެސް ދުރު ކުރެވިފައެއް ނެތް. މިއީ ގަބޫލު ކުރެވޭނޭ ކަމެއް ނޫން."

ޖަލްސާގެ ބައިވެރިންގެ މައްޗަށް ބިރުވެރިކަން ފެތުރިއްޖެއެވެ. "ތިޔަ ކަހަލަ ކަމެއް ކުރާނޭ ވަގުތު އަޅުގަނޑުމެންްނަށް ނުލިބުނީ."

"އެއީ ކީއްވެގެން؟ ކަލޭމެން އެންމެން އެކީ ގޮސް ދަން ޖެހެންވީނު؟ ތިޔަ ދައްކަނީ ލަދުން ގޮސް ބޯ ފަޅައިގެންދާ ވަރުގެ ވާހަކަ." އިބިލީހުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ބޮލުގެ ހުރިހައި އިސްތަށްޓެއް ކޮޅަށް ޖެހިއްޖެއެވެ.

"އަޅުގަނޑުމެން އެންމެން ތިބީ ހަރާދުކިޔުމުގެ މައްސަލައިގެ ތެރޭގައި އަވަދިނެތި." ޒަވާޖީ ހަޔާތާ ބެހޭ ބައިގެ ވެރިޔާ ބުންޏެވެ.

އިބިލީހުގެ ކަންފަތް ކޮޅަށް ޖެހިއްޖެއެވެ. "ކޮން ހަރާދުކިޔުމެއް؟"

"އެއްކަލަ... ސުލައިމާންގެ... އޭނާއަށް އެއްވެސް ހަރާދަކުން ކާމިޔާބު ވެގެން ނުވާނެއޭ މާތް މަނިކުފާނު އޮތީ ވިދާޅުވެފައެއް ނޫންތޯ؟"

"އެއީ އެހައި ބޮޑު ކަމެއްތަ؟"

"ފުރަތަމަކޮޅު އަޅުގަނޑުމެންނަށްވެސް ހީވީ ވަރަށް ކުޑަ ކަމެއް ކަމަށް." ޒިނޭއާ ބެހޭ ބައިގެ ވެރިޔާ ބުންޏެވެ. "އެކަމަކު އެ ސުލައިމާން އަޅުގަނޑުމެންނަށް ސިކުންތަކަށްވެސް ހަމަޖެހިލައިގެން ތިބޭނޭ ފުރުސަތެއް ނުދޭ."

"ތަފުސީލުކޮށް ކިޔައިދީ." އިބިލީސް އަނގަޔާއި ނޭފަތާއި ކަންފަތުން އަލިފާން ނެރެގެންފައި ބުންޏެވެ.

ހުރިހައި ޝައިޠާނުން ބިރުން ތުރުތުރު އަޅާން ފަށައިފިއެވެ. ހަރާދު ކޮމެޓީގެ ވެރިއަކަށް ހުރި ޝައިޠާނާ ތެދުވެ ވާހަކަ ދައްކާން ފަށައިފިއެވެ. "މާތް މަނިކުފާނު. އެ ސުލައިމާާނަކީ ވަރަށް އާދަޔާ ޚިލާފު މީހެއް. އޭނާ ހަރާދުކިޔަނީވެސް އާދަޔާ ޚިލާފު ކަންތައްތަކާ. ހަރާދުކިޔުން އޮތީވެސް އެއް ރަށެއްގައެއް ނޫން. މުޅި ދުނިޔެއަށް އެކަން އޭނާ ފަތުރައިފި. އޭނާ ބުނަނީ އިނގިރޭސިވިލާތަށް ބޯކޮށް ވާރޭ ވެހޭނެއޭ. އޭނާޔާ ދެކޮޅަށް ހަރާދުކިޔާ މީހާ ބުނަނީ ވާރޭގެ އެންމެ ތިތްކެއްވެސް ނުޖަހާނެއޭ. އަޅުގަނޑުމެންނަށް އޮތީ ސުލައިމާން މޮޅުވިޔަ ނުދީ ހިފެހެއްޓުން. އެ ދުވަސްވަރަކީ ވާރޭ ވެހެން އޮތް ދުވަސްވަރެއް. ދެން ނިކަން ވިސްނާވަޑައިގެންބައްލަވާ. އަޅުގަނޑުމެން ކިހައި ބުރަކޮށް މަސައްކަތް ކުރާން ޖެހޭނެތޯ؟ އިނގިރޭސިވިލާތަށް ވާރޭ ތިތްކެއް ނުޖަހާގޮތް ހެދުމަކީ ފަސޭހަ ކަމެއް ނޫން."

"ތިޔަކަން އަހަންނަށްވެސް އެނގޭ. އެކަމަކު އޭގެ ސަބަބުން ދެން ތިބި މީހުންގެ މަސައްކަތަށް ހުރަސް އެޅޭންވީ ކީއްވެގެން؟"

"ނިކަން ވިސްނާވަޑައިގެންބައްލަވާ. މާތް މަނިކުފާނު." ކޮމެޓީގެ ވެރިޔާގެ އަޑުގައި މި ފަހަރު ކުޑަ ހަރުކަށިކަމެއް ހުއްޓެވެ. "ވިއްސާރަ ވިލާާތައް އެ ރަށުގެ މަތީން ކަހައި އެއް ފަރާތް ކުރުމަކީ ވަރަށް ބުރަކަމެއް. އެތައް ޝައިޠާނުން އެކުވެގެން ނޫނީ ކުރެވޭ ވަރުގެ ކަމެއް ނޫން. އެވަރުގެ ގިނަ އަދަދެއްގެ ޝައިޠާނުންނެއް އިނގިރޭސިވިލާާތަކު ނެތް. އެކަމަކު މަނިކުފާނު އަންގަވައިފައި އޮތީ ސުލައިމާން މޮޅުވިޔަ ނުދޭން. އެހެންވީމާ އިނގިރޭސިވިލާތުގެ ގޮފީގެ ވެރިޔާގެ އެދުމުގެ މަތީން އަޅުގަނޑަށް ޖެހުނީ ޝައިޠާނުން ފޮނުވާން. ނިކަން ވިސްނާާވަޑައިގެންބައްލަވާ. އަޅުގަނޑުމެން މިތަނުން ވިހި ހާސް ޝައިޠާނުން ފޮނުވިން. މަސައްކަތް ނިމުނުއިރު އެ އާލާތުން ތިބީ ލޮޑުވެ ތަނަށް ތިރިވެފައި. އެވަގުތުކޮޅުގެ ތެރޭގައި އަނެއްކާވެސް ސުލައިމާން އަނެއް ތަނަކަށް ވާރޭ ނުވެހޭނެއޭ ކިޔައި ހަރާދުކިޔައިފި. އޭނާގެ ދެކޮޅުވެރިޔާ ބުނަމުން ދިޔައީ ތިން ދުވަސް ވާންދެން ބޯކޮށް ވާރޭ ވެހޭނެއޭ. މޫސުން އޮތް ގޮތުން އެތަނަކަށް ވާރޭ ވެހޭކަށް ނެތް. އަޅުގަނޑުމެންނަށް ޖެހުނީ ބޯކޮށް ވާރޭ ވެހޭނޭ ގޮތް ހަދާން. މިއީ އެއް ދުވަހެއް ދެ ދުވަހެއްގެ ކަމެއް ނޫން. އަދި އެއް ތަނެއްގެ ކަމެއްވެސް ނޫން. ކޮންމެ ދުވަހަކު މި މަސައްކަތް ކުރާން ޖެހުނު. ދުނިޔޭގެ އެކި ތަންތަނަށް ދުވާން ޖެހުނު. އެހެންވީމާ އެހެން ކަމަކަށް ސަމާލުކަން ދޭނޭ ވަގުތެއް ނުލިބުނު."

އިބިލީހުގެ އަތްފައި ފިނިވެއްޖެއެވެ. ސުލައިމާންގެ ތަސައްވުރު ކުރެވުމުން އޭނާގެ ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އުފެދުނެވެ. "އެންމެ ރަނގަޅު. ބައްދަލުވުން ނިމުނީ. ރިޕޯޓުތައް މަގޭ އަތުގައި ބަހައްޓާ. ކަލޭމެން ގޮސް މާދަމާގެ އަހަރީ ޖަލްސާގެ ރިޕޯޓު ތައްޔާރު ކުރޭ."

ޝައިޠާނުންނަށް ހަމަނޭވައެއް ލެވިއްޖެއެވެ.

* * *

އިބިލީސް ރިޕޯޓުތައް ބަލަމުން ދިޔައެވެ. ގޮފިތަކުގެ ވެރިން ދެއްކީ ރަނގަޅު ވާހަކައެކެވެ. މަސައްކަތް ދަށަށް ގޮސްފައި ވަނީ އެންމެ ފަހުގެ ހަތަރު މަސް ދުވަހުއެވެ. ދަށަށް ދާން ފެށީ އޭނާ ސުލައިމާނާ ވާހަކަ ދެއްކި ދުވަހުއެވެ. އެ ދުވަހުން ފެށިގެން ސުލައިމާން ހަރާދުކިޔައިގެން މޮޅުވިޔަ ނުދީ ހިފެހެއްޓުނެވެ. އެކަމަކު އެކަން ވެގެން ދިޔައީ ވަރަށް ގެއްލުން ބޮޑު ކަމަކަށެވެ.

(ނުނިމޭ)

5 ޚިޔާލު

  1. އިބިލީސް މުޅިން ގޮތްހުސްވެ އަވަދިވެއްޖެ ދޯ؟ ފަރުޒާނާއާއި ސުލައިމާނުގެ ކައިވެނި ކުރެވުނީމައި ވަރަށް އުފާވެއްޖެ.

  2. ޝައިތާނާ އަށް ދިމާވި ބަރުދާސްތުކުރުން ތުރާ ކާރިސާއަކާއި ހުރެ ބިރާސްވެ ،އޭތި އިންދިރާސްވަނީ..ކަލޯ ސަހަރޯ ހީނުވޭތަ؟ ސުލައިމާނަށް ސެލިއުޓު ހައްގު!
    މިއީ ވާ ފައްކާ ވާހަކައެއް ކިޔާ މިނިމެނީ! ނަޢީމު ގެ ވާހަކައެއްތަ.... ބަރާބަރު ވާނެކަމުގެ ޔަގީންކަން އަބަދުވެސް އޮވޭ?

  3. ޝައިތާނާ މިހައިތަނަށް ކެޔޮޅުކަން ކުރީ ވަރަށް ފަސޭހަކޮށް..ނަނު އެއްލުމާއި ގަތުމާއި އެކުއެކީގައޭ ބުނާހާވޭ. ޢެކަމަކު މިފަހަރު މިއޮތީ ވަރެއްގެ ޝިކާރައަކާއި މުޑިއަރައި އެކަން އެކޮޅުކޮޅުން ޖެހިފައި. ކެޔޮޅު ޝައިތާނާ ނަނުގައި ޖެހި ބުޅި އަމިއްލަ ކަރުގައި ތާށިވެ ނޭވާއުފުރެނީ.

  4. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަރު ވެސް ގެއްލުނީތާ!ލާހިދަރީން ކުރިމައްޗަށް... ވޮށްއަލިވާ ހިސާބަށް ދާނެ ހިތްވަރު ހުންނާނެބާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.