އިސްލާމީ ތާރީޚުގެ ތެރެއިން..... ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުން (2)

ސްޕޭންގެ އިސްލާމީ ތަރިކައިގެ ތެރެއިން ޤުރްޠުބާ (ކޮރްޑޮބާ) ގައި ހުންނަ ބޮޑު މިސްކިތް. މިއީ ހިޖުރައިން 785 ގައި ބިނާކުރެެވުނު މިސްކިތެއް

(24 މާރިޗު 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މައްކާގައި ބޮޑު ބަލިމަޑުކަމެއް:

ބަލިމަޑުކަން ފެތުރުމުގެ ސަބަބުން މިސްކިތްތަކުގައި ނަމާދުކުރުން އެތައްފަހަރަކު މެދުކަނޑާލަން ޖެހިފައިވާކަން އިސްލާމީ ތާރީޚު ފޮތްތަކުން އެނގެއެވެ. މިކަމުން މާތްވެގެންވާ މައްކާއާއި މަސްޖިދުލް ޙަރާމުވެސް އިސްތިސްނާވެފައި ނުވެއެވެ. މިފަދަ އެއް ވާހަކައަކީ އަލްޙާފިޡު އިބްނުޙަޖަރް (މ. 852ހ.) އޭނާގެ ފޮތް 'އިންބާއުލް ޣުމްރި ބިއަންބާއިލް ޢުމުރި' ގައި ލިއުއްވާފައިވާ ވާހަކައެވެ. ހިޖުރައިން 827 ވަނަ އަހަރުގެ ހާދިސާތައް ލިއުއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ. "މިއަހަރުގެ ކުރީކޮޅު މައްކާގައި ބޮޑު ބަލިމަޑުކަމެއް ފެތުރުނެވެ. އެ ބަލީގައި ކޮންމެ ދުވަހަކު 40 މީހުން މަރުވިއެވެ. ރަބީޢުލް އައްވަލު މަހާއި ހަމައަށް މަރުވިމީހުންގެ އަދަދަކީ އެއްހާސް ހަތްސަތޭކައެވެ. ބުނެވޭ ގޮތުގައި މަޤާމުގެ އިމާމު (އިބްރާހީމުގެފާނުގެ މަޤާމުގެ ވާހަކަ. އެ ދުވަސްވަރު ޝާފިޢީ މަޒުހަބުގެ މީހުންގެ އިމާމު ހުންނަވަނީ އެ ދިމާއަށް. އިބްނުޙަޖަރަކީ ޝާފިޢީ މަޛުހަބުގެ ބޭކަލެއް) ގެ ފަހަތްޕުޅުގައި އެ ދުވަސްވަރު ދެ މީހުން ނޫނީ ނަމާދު ނުކުރެއެވެ. އެހެން އިމާމުން (އެހެން މަޒުހަބުތަކުގެ އިމާމުންގެ ވާހަކަ. އެ ދުވަސްވަރު ހަތަރު މަޒުހަބުގެ މީހުން ޙަރަމްފުޅުގައި ނަމާދުކުރީ ވަކި ޖަމާޢަތް ހަދައިގެން) އެ ބޭފުޅުންގެ ފަހަތްޕުޅުގައި ނަމާދުކުރާނެ ބަޔަކުން ނެތިގެން ނަމާދުގެ ޖަމާއަތް ނުބާއްވަވައެވެ."

މައްކާގެ ޙަރަމްފުޅުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހުނީ ބަލިމަޑުކަން ފެތުރުމުން މަރުވި މީހުން ވަޅުލުމާއި، ބަލިވީ މީހުން ބެލުމުގައި މަޝްޣޫލުވުމުގެ ސަބަބުން މީސްތަކުންނަށް އާދެވޭނެ ގޮތް ނުވެގެެން ކަމެއް، ނުވަތަ ބަލި އަރާފާނެ ކަމުގެ ބިރަށް މީހުން މިސްކިތަށް ނުގޮސްގެން ކަމެއް ދަންނަވަން ނޭނގެއެވެ. ދެތިން މަސްދުވަހުގެ ތެރޭގައި 1700 މީހުން މަރުވުމުން ދޭހަކޮށްދެނީ މީހުން މިސްކިތަށް އައުމަށް ހުރަހަކަށް ބައްޔާއި، މަރު ވީކަމެވެ. އެހެންވީމާ ބޮޑަށް ބުރަވެވެނީ ބަލި އަރާފާނެ ކަމުގެ ބިރަށް މީހުން މިސްކިތަށް ދިއުން ހުއްޓާލީކަމަށެވެ.

ދެން، އޮތީ މައްކާގެ ހާދިސާގެ އެތައް ޤަރުނެއް ކުރީގެ ވާހަކައެކެވެ. އިބްނުޢަޛާރީ އަލްމަރާކިޝީ (މ. 695ހ.) އޭނާގެ ފޮތް 'އަލްބަޔާނުލް މުޣްރިބް ފީ އަޚްބާރިލް އަންދަލުސް ވަލްމަޣްރިބް' ގައި ލިއުއްވާފައި ވެއެވެ. "ހިޖުރައިން 395 ވަނަ އަހަރު ތޫނިސް (ޓިއުނީޝިޔާ) ގައި ބޮޑު ބަލިމަޑުކަމެއް ފެތުރުނެވެ. މިކަމުގެ ސަބަބުން މީސްތަކުން ވަރަށް ދަތި ހާލުގައި އުޅެން ޖެހުނެވެ....... ތަކެތީގެ އަގު ބޮޑުވިއެވެ. ކާބޯތަކެތި ހުސްވިއެވެ. އެ ބަލީގައި މުއްސަނދިންނާއި، ފަޤީރުންގެ ތެރެއިން ގިނަ ބަޔަކު މަރުވިއެވެ. އަދި ފަރުވާ ހޯދަން، ނުވަތަ ބަލިމީހެއްގެ ހާލު ބަލަން، ނުވަތަ މަރުވި މީހަކު ވަޅުލަން ނޫނީ މީހަކު ނުކުމެނުއުޅޭ ހިސާބަށް ދިޔައެވެ. އަދި ޤައިރަވާން ސިޓީގެ މިސްކިތްތައް ނަމާދުކުރާނެ މީހަކު ނެތި ހުސްވިއެވެ."

އަދި އަންދަލުސް (މިހާރުގެ ސްޕޭންއާއި ޕޯޗުގަލް) ގައި ވެސް މިފަދަ ކަމެއް ހިނގާފައި ވެއެވެ. އިމާމު ޛަހަބީ އޭނާގެ 'ތާރީޚުލް އިސްލާމް' ގައި ހިޖުރައިން 448 ވަނަ އަހަރުގެ ހާދިސާތައް ބަޔާންކުރައްވަމުން ލިޔުއްވާފައި ވެއެވެ. "މިއަހަރު އަންދަލުސްގައި ބޮޑު ތަދުމަޑުކަމަކާއި، ބަލިމަޑުކަމެއް ފެތުރުނެވެ. އަދި އިޝްބީލިޔާ (މިހާރު ސްޕޭންގެ ސެވިޔާ) ގައި ގިނަ ބަޔަކު މަރުވިއެވެ. އަދި މިސްކިތްތަކުގައި ނަމާދުކުރާނެ މީހަކު ނެތި މިސްކިތްތައް ބަންދުކުރެވުނެވެ." އަދި އޭނާގެ ފޮތް 'ސިޔަރު އަޢުލާމިއް ނުބަލާއި' ގައި ލިޔުއްވާފައި ވެއެވެ. "އަންދަލުސްއަށް އައީ ވަރަށް ބޮޑު ތަދުމަޑުކަމެކެވެ. އަދި ޤުރްޠުބާ (މިހާރު ސްޕޭންގެ ކޮރްޑޮބާ) ގައި ފެތުރުނު ފަދައިން އެހެން ރަށެއްގައި ތަދުމަޑުކަމާއި، ބަލިމަޑުކަން ފެތުރިފައި ނުވެއެވެ. އެންމެފަހުން، ނަމާދަށް ދާނެ މީހަކު ނެތިގެން މިސްކިތްތައް ބަންދުކުރެވުނެވެ. މި އަހަރަށް ނަންދެވިފައި ވަނީ 'ބޮޑު ތަދުގެ އަހަރު' ގެ ނަމުންނެވެ.

ދެން ޖެހިގެން އައި އަހަރު (ހިޖުރައިން 449 ވަނަ އަހަރު) އަވަހަށް ފެތުރުނު، ގިނަ ބަޔަކު މަރުވި ބޮޑު ބަލިމަޑުކަމެއްގެ ބިރުވެރި ތަފްސީލުތަކެއް އިބްނުލް ޖައުޒީ ލިއުއްވާފައި ވެއެވެ. އެ ބަލިމަޑުކަން ފެތުރުނީ މިހާރު މެދުތެރޭ އޭޝިޔާއޭ މިކިޔާ ސަރަހައްދުގައެވެ. އެ ބަލިމަޑުކަމުގައި 2 މިލިއަނެއްހާ މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. އެ ބަލިމަޑުކަން ހުޅަނގަށް ފެތުރެމުން އައިސް އިރާގާ ކައިރި ހިސާބުތަކާ ހަމައަށް އައެވެ. އޭނާ ލިޔުއްވާފައި ވެއެވެ. "އަދި (ހިޖުރައިން 449 ވަނަ އަހަރުގެ) ޖުމާދަލް އާޚިރާ މަހު 'ބިލާދު މާވަރާއައްނަހްރު' (ލަފުޒީ މާނައަކީ ކޯރުގެ އަނެއް ފަރާތުގައި ވާ ރަށްތައް، މިނަން އެޒަމާނުގައި ކިޔާފަވަނީ މެދުތެރޭ އޭޝިޔާ ގައި މިހާރުގެ އުޒްބަކިސްތާނާއި، ތުރްކުމާނިސްތާނާއި، އަފްޣާނިސްތާނުގެ ތެރެއިން ދެމޭ އަމޫ ދަރްޔާ ކޯރުގެ އިރުމަތީގައި އޮތް ސަރަހައްދަށެވެ.) ގެ ވިޔަފާރިވެރިންގެ ފަރާތުން ސިޓީއެއް ލިބުނެވެ. މިރަށްތަކުގައި ހައްދު ފަހަނައަޅާފައިވާ، ގިނަ ބަޔަކު މަރުވި، ބޮޑު ބަލިމަޑުކަމެއް ފެތުރޭތީއެވެ. އެ ސަރަހައްދުގައި އެއް ދުވަހެއްގެ ތެރޭގައި 18 ހާސް ޖަނާޒާ ބާއްވާ ހިސާބަށް ކަންތައް ދިޔައެވެ. އަދި މި ސިޓީ ލިޔުމާ ހަމައަށް މަރުވި މީހުންގެ އަދަދު އެއް މިލިއަން ހަލައްކަ ފަންސާސް ހާހަށް އަރައެވެ."

މި ތާރީޚީ އިލްމުވެރިޔާ އެ ދުވަސްވަރުގެ ހާލަތު ސިފަކޮށްދެއްވާފައިވާ ގޮތުން ސިފަކުރެވެނީ މިއަދު ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފެތުރި، ދުނިޔެއަށް ކުރިމަތިވެފައިވާ ހާލެވެ. އޭނާ ލިއުއްވާފައި ވެއެވެ. "މީސްތަކުން މިރަށްތަކުގައި ހިނގާފައި ދާއިރު ފަޅުވެފައިވާ ބާޒާރުތަކާއި، ހުސްވެފައިވާ މަގުތަކާއި، ލެއްޕިފައިވާ ދޮރުތައް މެނުވީ ނުފެނެއެވެ. ..... އަދި ވިޔަފާރިއާއި ދުނިޔޭގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އަދި ރެޔާއި ދުވާލު މަރުވެފައިވާ މީހުން ހިނެވުމާއި، ކަފުންކުރުމާއި، ވަޅުލުން ނޫން ކަމެއް މީހުން ނުކުރެއެވެ. އަދި ގިނަ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެއެވެ." (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.