ކޮވިޑް-19 އަށް ޕޮޒިޓިވް ދިވެއްސަކު ރާއްޖެއިން ބޭރުގައި ވެސް މިވަގުތުނެތް ކަމަށް ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ރަޝިޔާގައި ތިބި ދިވެހިކުދިންގެ ތެރެއިން ކޮވިޑް-19 އަށް ޝައްކުކުރެވުނު ތިން ކުދިންގެ ތެރެއިން ދެކުއްޖެގެއް ސާމްޕަލް ނަގައި ޑަބަލް ނެގެޓިވް ވެސް ވެފައިވާ ކަމަށެވެ. ތިންވަނަ ކުއްޖާގެ ނަތީޖާ ވެސް ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގައި ވެސް އަދި އެއްވެސް ދިވެއްސަކަށް މިބަލި ޖެހިފައެއް ނުވެއެވެ.
މަބްރޫކް ވިދާޅުވީ މިބަލިން ސަލާމަތްވުމަށްޓަކައި ގޭގައި މަޑުކުރުން ވަރަށް މުހިންމު ކަމަށެވެ. ބައެއް މީހުން ގޭގައި މަޑުކުރަން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް މަގުމަތިން މީހުން ފެންނަންޖެހޭ ވަރަށްވުރެ ގިނަމީހުން ފެންނަމުންދާ ކަމަށް އޭނާވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކުރިއަށް ގެންދާނީ ކިހާދުރަކަށްތޯ ކިހާވަރަކަށްތޯ އެއީ ކޮންމެ ދުވަހަކުވެސް މަޝްވަރާ ކުރެވޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އަޅައިފައިވާ ފިޔަވަޅުތަކުން ވެސް އިތުރު ކަމެއް ރަނގަޅުކުރަން ވެއްޖެ ކަމަށްވާނަމަ އެކަމެއް ވެސް ރަނގަޅުކޮށް ހަރުދަނާ ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ މިހުރިހާ ކަމަކަށް ބަލާއިރު އެންމެ ރަނގަޅީ ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަށް އަޑުއަހައި އެގޮތަށް އަމަލު ކުރުން ކަމަށެވެ.