ރާއްޖޭގެ ބޮޑެތި ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާކަމަށްބުނެ ބައެއް އަމިއްލަ ފަރާތްތަކުން ހުށަހަޅައިފައިވާ މައްސަލަތައް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ތަހްޤީޤްކުރަން ފަށައިފިއެވެ. އެޗްއާރުސީއެމް އިން މިކަން ހާމަކޮށްފައިވަނީ އެކޮމިޝަނުން ކުރެއްވު ޓްވީޓެއްގައެވެ.
މުވައްފުން ވަޒީފާއިން ވަކި ކުރުމުގެ އިތުރުން މުސާރަ ނުލިބޭގޮތަށް ގޭގައި ހުރުމަށް ވެސް ބައެއް މުވައްޒަފުންނަށް އަންގަމުންދާކަމުގެ މައްސަލަތައް ވެސް ބައެއް އަމިއްލަ ފަރާތްތަކުން އެ ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. އެމައްސަލަތައްވެސް ގެންދަނީ އެޗްއާރުސީއެމް އިން ތަޙްޤީޤްކުރަމުންނެވެ.
ބައެއް އަމިއްލަ ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުން ދަނީ ކޮވިޑް 19 ގެ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެންނެވެ. އެކަމަށް ޙައްލެއް ގެނައުމުގެގޮތުން އިޤްތިޞާދަށް ކުރިމަތިވާނެ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ސަރުކާރުން އިއްޔެ ވަނީ ތަޢާރަފްކޮށްފައެވެ. 2.5 ބިލިއަން ރުފިޔާގެ އިކޮނިމިކް ރިކަވަރީ ޕެކޭޖްގެ ދަށުން ވިޔަފާރީތަކަށް ވާރކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތައް ބައެއް ބޭންކްތައް މެދުވެރިކޮށް ހޯދައި ދިނުމަށް ވަނީ ނިންމާފައެވެ. ލޯނުދޫކުރުމަށް ނިންމަވައިފައި ވަނީ ހަ ޕަސަންޓް ގެ އިންޓަރެސްޓާއެކު ތިން އަހަރުން އަނބުރާ ދައްކާގޮތަށް ހަމަމަހުގެ ގްރޭސް ޕީރިއެޑަކާއެކުގައެވެ. މި ޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމުގެ ސަބަބުން ދިވެހިންގެ ވަޒިފާ ގެއްލުމުގެ ފުރުޞަތާއި ޕްރައިވެޓް ސެކްޓަރގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުޞަތުތައް ކުޑަކުރުންކަމަށް ފިނޭންސް މިނިސްޓަރ އަމީރުވިދާޅުވިއެވެ. ލޯނު ނަގާ ވިޔަފާރިތަކުން އެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގައިފައިވާ ލޯނުތައް އަދާކުރުމަށް ހަމަސް ދުވަހުގެ ލުޔެއް ފޯރުކޯށް ދެއްވުމަށްވެސް ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ލޯންތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ރޭޓް ހަމަސް ދުވަހަށް ލަސްކޮށް ދިނުންހިމެނެއެވެ. މިކަން ކުރިއަށް ގެންދަވާނެ ގޮތް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް އޮތް ހަފަތާގެ ތެރޭގައި އިޢުލާން ކުރައްވަމުން ގެންދަވާނެކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މާލީ އެހީތެރިކަން ނުހޯދާ ވިޔަފާރިތަކުން ވަޒީފާގެ ފުރުޞަތު ގެއްލޭ ދިވެހިންނަށް ވެސް ސަރުކާރުން ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން އިކޮނިމިކް މިނިސްޓަރ ވަނީ ދެއްވައިފައެވެ.