ވަކިވަކި ފުލުހުންނާ ދޭތެރޭގައި މަޖިލީހުން ތަޙްޤީޤް ހިންގިދާނެ މޭރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ. ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދައްކަވައިފައި ވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލްގެ އިބްތިދާއީ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރ އިމްތިޔާޒު ފަހުމީ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަދުވަހު ބަޣާވާތަކުން ވަށްޓާލުމުގައި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރަމުން ދިޔައ ބައެއް ފުލުހުންގެ ވަރަށް ބޮޑު ދައުރެއް އޮތް ކަމަށެވެ. ޖެހިގެން އައި ފެބުރުއަރީ އަށްވަނަ ދުވަހު ފުލުހުންގެ ފަރާތުން އެމްޑީޕީގެ ސަޕޯޓަރުންނާއި އިސްވެރިނަށް ލިބުނު އަނިޔާއަށް އަދި ވެސް އިންސާފު ނުލިބޭކަމަށް މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ. އެ ދުވަހު އަނިޔާދިން ފުލުހުން އަދި ވެސް ފުލުހުންގެ މުޢައްސަސާގައި މަސައްކަތް ކުރަމުންދޭތޯ ބަލާ އެކަމަށް އިންސާފު ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަކި ވެސް އެއަނިޔާ ތަޖްރިބާ ކޮށްފައިވާ ބޭފުޅެއްކަމަށް މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.
މެމްބަރ އިމްތިޔާޒު ފަހުމީގެ ވާހަކަފުޅަށްފަހު މަޖިލީހުގެ ރައީސް ވިދާޅުވީ ބިލްގެ މަސައްކަތް ކޮމެޓީގެ މަރުޙަލާގައި ގެންދަވާއިރު ވަކި ވަކި ފުލުހުންނާމެދު ކުރެވޭ އެފަދަ ތުޙުމަތުތައް ކޮމެޓީން ތަޙްޤީޤްކޮށް ގޮތެއް ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ގެނެވިދާނެކަމަށެވެ. އަދި އެކަމަށް މަޖިލީހުގެ ޤަވާޢިދުން ހުރަހެއް ނެތްކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައި، 2012 ވަނަ އަހަރުގެ ފެބުރުއަރި ހަތްވަނަ ދުވަހު، ފުލުހުންގެ ނުކިޔަމަންތެރިކަން ހައްދު ފަހަނައަޅައި ދިޔަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. ފުލުހުންގެ ހިންގި ޢަމަލު ތަކަކީ މިހާތަނަށް އެއްވެސް ތަޙްޤިޤެއް ހިންގިފައިވާ ކަމެއް ނޫންކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލްގެ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރ އިމްތިޔާޒު ފަހުމީ އިތުރަށް ވިދާޅުވީ ތުޙުމަތު ކުރެވޭ ފަރާތާއި ތަޙްޤީޤް ކުރާ ފަރާތަކީ އެއް ފަރާތަކަށް ވާނަމަ އިންސާފެއް ނުލިބާނެ ކަމަށެވެ. ފުލުހުންގެ ޚިދުމަތުގެ ބިލް އިޞްލާޙުކުރެވޭއިރު އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވޭނެ ގޮތަށާއި ޕްރޮސީޖަރތައް ސާފްކޮށް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށެވެ. އަދި ރޫލް އޮފް ލޯ ނުވަތަ ޤާނޫނުގެ ވެރިކަން ހިފެހެއްޓުމަށާއި އެކައުޓަބަލް ނުވަތަ ޖަވާބުދާރީ ކުރެވޭނެ ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށެވެ. ފުލުހުން ޖަވާބުދާރީ ކުރުމުގައި މަޖިލީހުގެ ދައުރު ބޮޑުކުރުން މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ކުރިއަރައިފައިވާ އެހެން ޤައުމުތަކުގައި އޮންނަ އުޞޫލުކަން މެމްބަރ އިންތިޔާޒު ފަހުމީ ފާހާގަ ކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ބިލް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަސަން ލަތީފެވެ.