އިންޑިޔާއިން ކަޝްމީރު 'ތަޅުއަޅުވާފައި' އޮތުން ދޫކޮށްލުމަށް، ސާކްގެ ކޮވިޑް- 19 ކޮންފަރެންސުގައި ޕާކިސްތާނުން ގޮވާލައިފި

އިއްޔެގެ ވީޑިޔޯ ކޮންފަރެންސުގައި ޕާކިސްތާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޒަފަރް މިރްޒާ ބައިވެރިވެވަޑައިގަންނަވަނީ

ކޮވިޑް- 19 ވައިރަސް މައިތިރިކުރުމަށް ކުރެވިދާނެ ކަންްތައްތަކާމެދު މަޝްވަރާކުރުމަށް ސާކް ގައުމުތަކުގެ އެންމެ އިސްވެރިން ބޭއްވެވި ވީޑިޔޯ ކޮންފަރެންސްގައި ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ ނަގައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަކަށް އިއްޔެ ހަވީރު ބޭއްވި މި ކޮންފަރެންސުގައި ޕާކިސްތާނު ތަމްސީލުކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޒަފަރު މިރްޒާއެވެ. ކޮންފަރެންސުގައި ޕާކިސްތާނުގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ.

"ސިއްހީ ޚިދުމަތުގައި އެންމެން ހަމަހަމަކުރުމަކީ އާއްމު ސިއްހަތުގެ އަސާސީ އުސޫލެއް. މިކަމާގުޅިގެން ދަންނަވަން އޮތީ 'ހިފާފައިވާ' ޖައްމޫ އެންޑް ކަޝްމީރުން ކޮވިޑް- 19 (ފެނިފައިވާ ކަމުގެ) ޚަބަރު ލިބޭތީ އެކަމާ ކަންބޮޑުވާން ޖެހޭ ކަމެކޭ. އަދި ސިއްހީ މި ކުއްލި ހާލަތަށް ބަލައި، ކަޝްމީރުގައި 'ތަޅުއަޅުވާފައި' އޮތުން ވަގުތުން ދޫކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ޒަފަރު މިރްޒާ ވިދާޅުވިއެވެ.

ބޮޑުވަޒީރު މޯދީގެ ސަރުކަރުން ވަނީ، އިންޑިޔާގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް ފާއިތުވި އަހަރުގެ އޮގަސްްޓު މަހުގެ ތެރޭގައި އުވާލައި، އެ ސަރަަހައްދު ގާތްގަނޑަކަށް ހިސާރުކޮށް 'ތަޅުއަޅުވާފަ'އެވެ.

ސާކް ވީޑިޔޯ ކޮންފަރެންސުގައި ޕާކިސްތާނުން ކަޝްމީރުގެ މައްސަލަ ނެގުމުން އިންޑިޔާއިން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފައެވެ.

"ޕާކިސްތާނުން މިވަނީ އިންސާނީ އެހީތެރިކަމާ ބެހޭ މައްސަލައެއް ސިޔާސީކޮށްފައި." އިންޑިޔާ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ. "މިއީ ވަރަށް ދަންފެންވަރުގެ ހުތުރު އަމަލެއް." އޭނާ ވިދާޅުވިއެވެ.

"މުވާސަލާތީ ޚިދުމަތާއި، ދަތުރުފަތުުރު ހުޅުވާލުމުން މައުލޫމާތު ފެތުރުމަށް މަގުފަހިވާނެ. ބޭނުންވާ ބޭސްތައް ފޮނުވައިދެވޭނެ. އަދި ބަލި ކޮންޓްރޯލްކުރުމަށް މަގުފަހިވާނެ." ކަޝްމީރު ހުޅުވާލުމަށް ގޮވައިލައްވަމުން ޒަފަރް މިރްޒާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިވާހަކަތަކާ މެދު އިންޑިޔާއިން ބުނީ "އެ ވާހަަކަތައް އެ ގޮތަށް ދެއްްކުމަކީ އުސޫލުތަކުން ބޭރުން ކޮށްފައިވާ ކަމެއް" ކަމުގައެވެ.

އިންޑިޔާއާއި ޕާކިސްތާނާއި ދެ ގައުމުންވެސް މުޅި ކަޝްމީރަކީ އެ ގަމުމެއްގެ ބައެއް ކަމަށް ދައުވާކުރާއިރު، 1947 އިން ފެށިގެން ކަޝްމީރު އޮތީ ދެ ބައިވެފައެވެ. ޕާކިސްތާނުގެ ދަށުގައި އެއް ބައި އޮތް އިރު، އަނެއް ބައި ކޮންޓުރޯލުކުރަނީ އިންޑިޔާއިނެވެ. އަދި ކަޝްމީރުގެ މައްސަަލައިގައި ދެ ގައުމުން ދެ ހަނގުރާމަ ކޮށްފައިވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.