އިންޑިޔާއާއި ގުޅުން މިހާރު ރަނގަޅުކުރުމަކީ ކަޝްމީރު މީހުންނަށް ވެވޭ ޚިޔާނާތެއް: އިމްރާން ޚާން

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިއްޔެ އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ

އިންޑިޔާއާއި ޕާކިސްތާނުގެ ގުޅުން މިތަންވަޅު މުޅިން އާދައިގެ ހާލަތަށް ގެނައުމަކީ ކަޝްމީރު މީހުންނަށް ވެވޭ ޚިޔާނާތް ކަމުގައި ޕާކިސްތާނު ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އާއްމުން ސުވާލުތަކަށް ޖަވާބުދެއްވުމަށް އޮތް ސުވާލާއި ޖަވާބުގެ ޕްރޮގްރާމެއްގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ޚާން ވިދާޅުވި ގޮތުގައި އެފަދަ ފިޔަވަޅެއް ވެގެން ދާނީ "އެމީހުން (ކަޝްމީރު މީހުން) ކުރިހާ ބުރަ މަސައްކަތަކާއި، އެއްލައްކައަށްވުރެ ގިނަ ޝަހީދުންގެ ގުރުބާނީ ހަނދާންނައްތާލުން" ކަމުގައެވެ.

"އިންޑިޔާއާއި ގުޅުން ރަނގަޅުކޮށް، މަޝްވަރާކޮށްގެން ކަޝްމީރުގެ މައްސަލަ ހައްލުކުރަން އަހަރެންގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އަހަރެން ވަނީ މަސައްކަތްކޮށްފައި." އިމްރާން ޚާން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންޑިޔާއާއެކު އޮތް ގުޅުން މިހާރު އާދައިގެ ހާލަތަކަށް ގެނެސްފިނަމަ "އެކަން ވެގެންދާނީ ކަޝްމީރުގެ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތަކަށް" ކަމުގައެވެ.

"އެއްވެސް ޝައްކެން ނެތް އަހަރުމެންގެ (އިންޑިޔާއާއި ޕާކިސްތާނުގެ) ވިޔަފާރި ތަރައްގީވާނެ. އެހެންނަމަވެސް، އެމީހުން އޮހޮރިހާ ލެޔެއް ވާނީ ބޭކާރު. އެހެންކަމުން އެކަން އެގޮތަށް ނުވާނެ. އެމީހުންގެ ލޭ އަގެއްގެ ގޮތުގައި ދީފައި އަހަރުމެންގެ ވިޔަފާރި ތަރައްގީކުރުމަކީ ވާނެ ކަމެއް ނޫން." ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވިއެވެ.

އިމްރާން ޚާން ފާހަގަކުރެއްވި ގޮތުގައި އިންޑިޔާއިން ކަޝްމީރާ މެދު 5 އޮގަސްޓް 2019 ގައި އެޅި ފިޔަވަޅު އަނބުރާ ގެންގޮސްފިނަމަ ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލައި އިންޑިޔާއާއެކު މަޝްވަރާތައް ފެށިދާނެ ކަމުގައެވެ.

2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އިންޑީޔާއިން ވަނީ އެގައުމުގެ ގާނޫނު އަސާސީގެ 370 ވަނަ މައްދާ އުވާލައި އެ މާއްދާގެ ދަށުން ކަޝްމީރަށް ދީފައި އޮތް އިމްތިޔާޒުތައް ނިގުޅައިގެންފައެވެ. އަދި ކަޝްމީރަށް ކުރިން ސްޓޭޓެއްގެ ދަރަޖަ ދަށްކޮށް، ދެބައިކުރުމަށް ފަހު، ދެ ޔުނިއަން ޓެރިޓީއަށް ހަދައިފައެވެ.

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ފާއިތުވި ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސު ވޮލްކަލް ބޮޒްކީރް ވަނީ ކަޝްމީރުގެ ހައިސިއްޔަތަށް ބަދަލު ނުގެނައުމަށް ހުރިހާ ފަރާތްތަކަކަށް ގޮވައިލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރެވޭނީ އދ. ޗާޓަރާއި އެއްގޮތަށް، ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އަމަލުކޮށްގެންނެވެ. އަދި ޕާކިސްތާނާއި އިންޑިޔާއާ ދެމެދު ވެފައިވާ ސިމްލާ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކޮށްގެންނެވެ.

1947 ގައި އިންޑިޔާ ދެބައިވެ އިންޑިޔާއާއި ޕާކިސްތާނު އުފެދުނު ފަހުން ދެގައުމުން ވަނީ ކަޝްމީރުގެ މައްސަލައިގައި 3 ހަނގުރާމަކޮށްފައެވެ. ކޮންމެ ގައުމަކުންވެސް ކަޝްމީރުގެ ބައެއް ކޮންޓްރޯލުކުރާއިރު ކޮންމެ ގައުމަކުންވެސް މުޅި ކަޝްމީރަށް ދައުވާކުރެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.