އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިޚާބު ފަސްކުރުމަށް ޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފިއެވެ.
ޕްރިގްރެސިވް ކޯލިޝަނުން މިކަމަށް ގޮވާލީ މިއަދު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ.
އެދެޕާޓީން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ސިއްހީ ކުއްލި ހާލަތު އިޢުލާން ކުރެއްވީ ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ އެފަދަ މަސައްކަތްތަކަށް އެ ކޯލިޝަންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ސަރުކާރަށް ދެއްވައިފައެވެ.
އެހެން ކަމުން އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
ސަރުކާރުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާކަތު އިއުލާން ކުރެއްވި ކޮވިޑް 19 ގެ ވައިރަސް ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މިހާލާތު ރާއްޖޭގައި މިއަދު އިޢުލާން ކުރެއްވީ ޤާނޫނުނަމްބަރ 2012/7 (ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) 33 ވަނަ މާއްދާގެ ދަށުންނެވެ. މި ޙާލަތު އިޢުލާން ކުރެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ. މި ހާލަތު އިޢުލާން ކުރެއްވީ 30 ދުވަހަށް މުޅި ރާއްޖެއަށެވެ.