މުގާބިލާ - 37

(11 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އަޅުގަނޑަށް ފުދޭ. އަޅުގަނޑަކަށް ތިޔަ ބޭފުޅާގެ އެހީތެރިކަމުގެ ބޭނުމެއް ނެތް." ކަރާމަތުﷲ ހަރުކަށިކަމާއެކު ބުނެލިއެވެ. "ފިހާރަ ބަދަލު ކުރުމަކީ އަޅުގަނޑުގެ އިޚްތިޔާރު އޮތް ކަމަކަށް ވިޔަސް ނުކުރާނަން. މިހާރު މުދާ ފޮނުވާ ފިހާރައަކީ ވަރަށް ރަނގަޅު ފިހާރައެއް. ފޮނުވާ ތަކެތީގެ ފެންވަރު އެހައި ރަނގަޅު. މިހައި ތަނަކަށް އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހޭ."

"ކާގޭގެ ވާހަކަ ބައްވަވާފައި އަމިއްލަ މައްސަލަތަކާ މެދު ވިސްނަވާ. މުސްކުޅިވީ ދުވަހު..."

"މުސްކުޅި ވެއްޖެ. އެހެންވީމައެއް ނޫންތޯ އާޚިރާތާ މެދު މި ވިސްނަނީ." ކަރާމަތުﷲ ބުންޏެވެ. "އަޅުގަނޑު މިހިރީ ބަނޑުހައިހޫނުކަން ދެކިފައި. ދަތި ހާލުގައި އުޅެފައި. އެހެންވީމާ އަޅުގަނޑުގެ ހިތުގައި ސުލައިމާންގެ މައްޗަށް ވަރަށް ބޮޑު ގަދަރެއް އެބައޮތް. އޭނާ އެ ކުރައްވަނީ ވަރަށް ބޮޑު ޚިދުމަތެއް. އެ ޚިދުމަތުގައި ބައިވެރި ވެވޭ ކަމީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އަޅުގަނޑަށް ރިޒުގު ލިބޭ ވަސީލަތަކީވެސް މިއީ."

ވަރަށް ގިނަ ޝައިޠާނުން ކަރާމަތުﷲ އަތުއަޅުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އެކަން ކުރެވޭ ގޮތް ނުވީމާ އެންމެ ފަހުން ދަށުގައި މަސައްކަތް ކުރާ އާދައިގެ މުވައްޒަފުންނާ ދިމާކޮށްލައިފިއެވެ.

އެއް ޝައިޠާނަކު ހާލުގައި ޖެހިފައިވާ ފަގީރެއްގެ ސިފަ ޖެހިގެން ކާގެއަށް އަތުވެއްޖެއެވެ. އެތާނގައި މަސައްކަތް ކުރާ މީހަކާ ވާހަކަ ދައްކާން ފަށައިފިއެވެ. "މިތަނުން ކަލެއަށް ލިބެނީ ކިހައި ވަރެއް؟"

އެމީހާ ޝައިޠާނާއާ ދިމާއަށް ކަޅި އަޅައިލިއެވެ. "ކައިފިންތަ؟ ކައި ނިމިއްޖެއްޔާ ދޭ. އަހަންނަށް ލިބޭ ވަރެއް ބަލަނީ ކީއްކުރަން؟"

"ކަލެއަށް ފައިދާ ހުރި ކަމެއް އަހަންނަށްވެސް ކޮށްދެވިދާނެނު؟"

މި ފަަހަރު އޭނާގެ ނަޒަރަށް ބަދަލު އަތުވެއްޖެއެވެ. "ހަތަރު ހާސް."

"އެވަރުން ވާނީ ކޮން ކަމެއް؟" ޝައިޠާނާ ހަމްދަރްދީ ފާޅުކުރިއެވެ.

"ނުވޭ. މުދަލުގެ އަގު އެހައި ބޮޑު... އެކަމަަކު ކީއްކުރާނީ؟" އޭނާ ބުނެލިއެވެ.

"ކުރާާނޭ ވަރަށް ގިނަ ކަންތައް އެބަހުރި. ދުވާލަކު ކިތައް މީހުން ކާން މިތަނަށް އާދޭ؟"

"މި ތަނަކީ ދުވާލެއް ރޭގަނޑެއް އޮންނަ ތަނެއް ނޫން. މި ސިލްސިލާ މެދުނުކެނޑި ކުރިއަށް ދޭ."

"އެންމެ ރަނގަޅު. ފަތިހާ ހަމައަށް އަންނަ ވަރެއް ބުނެބަލަ."

އޭނާ ވިސްނާން ފަށައިފިއެވެ. "ސީދާ އަދަދެއް ބުނާކަށް ނޭނގޭ. ތިން ސަތޭކައެއްހައި ފަހަރު ކާާނާ އަރުވާން ޖެހޭ. ކަލޭ ތިޔަ ސުވާލު ކުރަނީ ކީއްކުރަން؟"

"ކާ އެއްޗެހި މީރުކަމުން އަހައިލީ."

"އެއީ މިތާނގެ ވެރިން އަންގަވައިފައި އޮންނަ ގޮތް. މީރުކޮށް ފެންވަރު ރަނގަޅުކޮށް ކެއްކުމަކީ މަޖުބޫރު ކޮށްފައި އޮންނަ ކަމެއް. ކަލޭ ތިޔަ އުޅެނީ ކީއްކުރާނަމޭ ހިތައި؟"

"ދެތިން ސުފުރާއަށް ވާވަރަށް ކާތަކެތި ބޭރު ކުރިޔަސް މީހަކަށް ނޭނގޭނެ ދޯ؟" ޝައިޠާނާ ބުންޏެވެ. "އަހަރެން ކޮންމެ ސުފުރާއަކަށް ފަސްސަތޭކަ ރުފިޔާ ދޭނަން."

އޭނާ ލާނެތް ފާޑަކަށް ހިނިތުންވެލިއެވެ. "ތިޔައީ ކުރެޭނޭ ކަމެއް ނަމަ މިހާރު އަހަރެން އޮތީހީ ކޮށްފައި. އަހަރެންގެ ޒުވާން ދަރިއަކު އެބަހުރި. އޭނާއާ ސުފުރާއެއް ހަވާލުކޮށްލައިގެން ހާހެއްހައި ރުފިޔާ ހޯދިދާނެ."

"އެހެން ނުހަދަނީ ކީއްވެގެން؟"

"ދެ މީހަކު މިތާނގައި ތިބިހައި ހިނދަކު ތިޔަ ކަމެއް ނުވާނެ." އޭނާ ބުންޏެވެ. "އެކަކީ އަހަރެންގެ ވެރިމީހާ. އޭނާ ހުންނަނީ ހިސާބުކިތާބު ބަލަބަލައި. ކާތަކެތި ނެރެނީވެސް އެނާގެ ކުރިމަތީން..."

"އޭނާ އަބަދަކު ނުހުންނާނެއެއްނު؟"

"އަބަދުވެސް ހުރޭ. ގެއަށް ދަނީ ހަފުތާއަކު އެއް ފަހަރު. ތާއަބަދު ހުންނަނީ މިތާނގައި. އޭނާ ގެއަށް ދާ ދުވަހު ޢަދްނާން ހުންނާނެ."

"އަދި އެހެން މީހެއްގެ ވާހަަކަ ބުނީމެއްނު؟"

"އާނ... އެއީ ދޮރާށިފާރަވެރިޔާ. ޢަޖީބް ޚާން. އެއީ ވަރަށް ވަފާތެރި މީހެއް. އޭނާއަށް ނޭނގި މިތަނުން ކެހެރިއެއްގެ މިންވަރުވެސް ބޭރެއް ނުކުރެވޭނެ."

ދެން ޝައިޠާނާާ ދިމާކޮށްލީ ޢަޖީބް ޚާނާއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެނގުނު ގޮތުގައި އެއީ ހައްލައިލެވޭ ވަރަށްވުރެ މާ އީމާންކަން ގަދަ މީހެކެވެ. އެހެންވީމާ ކާާގޭގެ އެތެރޭގައި ކުރެވޭނޭ ކަމެއް ނެތްކަން އެނގިއްޖެއެވެ. ކުރެވޭން އޮތް ކަމެއް ކުރާންވީ ބޭރުގައެވެ.

ދެން ޝައިޠާނާ ދިމާާކޮށްލީ ކާގެއަށް ތަކެތި ފޯރުކޮށްދޭ ފިހާރަޔަކާއެވެ. އެ ފިހާރައިން ތައްޔާރީ ހަވާދާއި ގިތެލާއި ގޮދަން ފުށް ވިއްކައެވެ. ފިހާރައިގެ ވެރިމީހާއާ ބައްދަލު ކުރީ ވިޔަފާރިވެރިއެއްގެ ސިފައިގައެވެ.

"އަހަރެން ބޭނުން ވަނީ މި ފިހާާރައިގެ ކަސްޓަމަރަކު ގަނެލާން." ޝައިޠާނާާ ބުންޏެވެ.

އެއީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. އެކަހަލަ ބޭނުން ބޭނުމުގައި ދުވާލަކު ދެތިން މީހުން އާދެއެވެ. "ކޮން ކަސްޓަމަރެއް؟"

"ދަރުމަ ކާާގެ." ޝައިޠާނާ ބުންޏެވެ.

ފިހާރައިގެ ވެރިމީހާ ސިހުނެވެ. "ކީއްކުރަން؟"

"ކަސްޓަމަރަކު ގަންނަނީ ކީއްކުރަން؟ ފައިދާއަކަށްނު؟"

"ތިޔަ ކަސްޓަމަރަކީ ވިއްކައިލެވޭނޭ ކަސްޓަމަރެއް ނޫން."

"ވިސްނައިލާ. އަހަރެން އެއް ލައްކަ ރުފިޔާ ދޭނަން." ޝައިޠާނާ އެން އުކައިލިއެވެ.

"މާފު ކުރޭ. ތިޔަ ކަމެއް ނުވާނެ."

"ދޮޅު ލައްކަ..."

ފިހާރައިގެ ވެރިމީހާ ޝައިޠާނާއާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. އެ އަގަށް އެއްބަސް ނުވިއްޔާ އަދިވެސް އަގު ކިޔާނޭކަން އޭނާޔާ ދިމާއަށް ބަލައިލީމާ އެނގުނެވެ. "މާފު ކުރޭ. ނުވިއްކާނަން."

"ދެ ލައްކަ."

"ތިޔަ ކަސްޓަރަށް މާ ބޮޑަށް ޝައުގުވެރި ވެގެން އުޅެނީ ކީއްވެގެން؟"

"ސަބަަބަކީ ކޮބައިކަން ކަލެއަށް ވުރެ ބޮޑަށް އެނގޭނީ ކާާކަށް؟ ކާގެއަށް މަހަކު ކިހައި ވަރަކަށް މުދާ ފޮނުވަން؟" ޝައިޠާނާ އަހައިލިއެވެ.

"ދިހަ ލައްކައަށްވުރެ ގިނަ ވާނެ." ފިހާާރައިގެ ވެރިމީހާ ބުންޏެވެ. އެކަމަކު އެއީ ހަގީގީ އަދަދެއް ނޫނެވެ. މަހަކު ކުރޯޑަކަށްވުރެވެސް ގިނަ ވާނެއެވެ.

"އެވަރުގެ ކަސްޓަމަރަކު ހޯދާން ނޫޅޭނީ ކާކު؟"

"ތިޔައީ ތެދެއް. އެވަރުގެ ކަސްޓަމަަރަކު ދޫކޮށްލާނީވެސް ކާކު؟ ތިޔަ ކަމެއް ނުވާނެ."

"އަހަރެން ކަލެއަށް އަދަދު ނުޖަހާ ޗެކެއް ދޭނަން."

ފިހާރައިގެ ވެރިމީހާ ވިސްނާން ފަށައިފިއެވެ. "އަހަރެން މިކިޔާ އެއްޗެއްވެސް އަދި އަހަރެން މި ކުރާ ކަމެއްވެސް ކަލެއަކަށް ނުވިސްނޭނެ. މިހައިތަނަށް ކާގެއިން އަހަރެން އެންމެ ލޯ ލާރިއެއްގެ ފައިދާއެއްވެސް ލިބިއެއް ނުގަންނަން. އެއީ ކަސްޓަމަރެއް ކަމަކަށް އަހަރެން ނުވެސް ބަލަން. އެކަމަކު ކަލޭ ތިޔަ އުޅެނީ ފައިދާ ހޯދުމަށްޓަކައި އެ ކަސްޓަމަރު ގަންނާން."

ޝައިޠާނާ ޔަގީން ކަމެއް ނެތް ގޮތަކަށް އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އަހަންނަށް ފަރިހި ކިޔައި ދެނީތަ؟"

"ފަރިއްސެއް ނޫން. މިއީ ހަގީގަތް. ކާގޭގެ މަސައްކަތަކީ ވަރަށް ބޮޑު މާތް މަސައްކަތެއް. އެހެންވީމާ އެ މަސައްކަތުގައި ބައިވެރި ވެގެން ﷲ ގެ ރުއްސެވުން ހޯދޭތޯ މަސައްކަތް ކުރަނީ. އަހަރެމެން އެންމެންނަކީވެސް ފާފަވެރިން. އަހަރެންވެސް މިއީ އިސްތިސްނާއެއް ނޫން. މިއީ އަހަރެން ދައްކާން ބޭނުން ވާހަކައެއްވެސް ނޫން. އެކަމަކު ކަލެޔާ ހެދި މަޖުބޫރުވީ. ދެން ނިކަން ބުނެބަލަ... އެކަހަލަ ކަސްޓަމަރަކު އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލެވޭނެތަ؟"

"އަހަރެންވެސް ކަންތައް ކުރާނީ ކަލޭ ތިޔަ ކަންތައް ކުރާ ގޮތަށޭ ބުނެފިއްޔާޔޯ؟"

"އަހަންނަށް ލިބޭ ކުޑަކުޑަ ސަވާބުކޮޅެއް ނުއެއް ވިއްކާނަން. މާފު ކުރޭ."

ޝައިޠާނާގެ މާޔޫސީގެ ހައްދެއް ނެތެވެ.

* * *

ސުލައިމާން މުޅި ޗާޓު ކުރަހައި ނިންމައިލިއެވެ. އަދި ތަފުސީލު ލިޔެފައި ޢަދްނާނަށް ދީފިއެވެ. "އެކަނި ހުރެގެން މި ކިޔައިލާ. ރަނގަޅަށް ސިކުނޑިއަށް ނަގާ."

ޢަދްނާނަށް އޭނާގެ ވާހަކަ ފަހުމު ނުވާނެއޭ ހިތަށް އެރީއެއް ނޫނެވެ. ވީހައިވެސް ބޮޑަކަށް ރައްކާތެރިވާން ބޭނުން ވީއެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި މާދަމަޔަކީ ވަރަށް ހޫނު ވާނޭ ދުވަހެކެވެ. ވާރޭ ވެހުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

އެރޭ ފާއިތު ވެއްޖެއެވެ. ދުވާލުގެ އެގާރަ ޖެހިއިރު ޢަދްނާނާއި ސުލައިމާނާ ދެމީހުން ބައްދަލު ވެގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި ޢަދްނާން ބުންޏެވެ. "ގަޑިއެއްހައި އިރުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭން ފަށާނެ. ގަޑިއެއްހައި އިރު ވާންދެން ވެހޭނެ."

"ނުވެހޭނެ. އަހަރެން ބާޖުމަރަން." ސުލައިމާން ބުންޏެވެ.

"ކިހައް ވަރަކަށް؟"

"ލައްކައަަކަށް."

އެއްގަޑި އިރު ފަހުން ބޯކޮށް ވާރޭ ވެހޭން ފަށައިފިއެވެ. ގަޑިއެއްހައި އިރު ވާންދެން ހުއްޓާނުލައި ވެހުނެވެ. ސުލައިމާން ޢަދްނާނާ ދިމާއަށް ބަލައިލިއެވެ. "މި އޮތީ ދަނޑިވަޅު އައިސްފައި. ވިޔަފާރި ފަށްޓާ. ދެމީހުން ހަމައަށް ހިއްސާ ވާ ގޮތަށް އަވަހަށް ފަށްޓާ."

"ކާގެއަށް ހަދާނީ ކިހިނެއް؟"

"އެތަން މިހާރު އެހެރީ އަމިއްލައަށްވެސް ހިނގާވަރު ވެފައި. އެކަމާ ނުވިސްނާ. މިއީވެސް ކުޑަ ކަމެއް ނޫން."

ދެމީހުން އައު ވިޔަފާރީގެ މަސައްކަތުގެ ތެރެއަށް ވަދެއްޖެއެވެ. ދެ ދުވަސް ފަހުން އެހެން ކަމެއްވެސް ދިމާވެއްޖެއެވެ. ސްޓޭޓްގެ ޗީފް މިނިސްޓަރު ކާގެ ބައްލަވައިލައްވާން ވަޑައިގަންނަވާނޭ ވާހަކަ އަންގައިފިއެވެ.

ސުލައިމާނާއި ޢަދްނާނާ ދެމީހުން ކާގެއަށް ހިނގައްޖެއެވެ. ކަރާމަތުﷲ އާ ވާހަކަ ދައްކައި، ޗީފް މިނިސްޓަރު ވަޑައިގަންނަވާން ވާއިރަށް ކުރަން ޖެހޭ ތައްޔާރީތައް އިންތިޒާމު ކޮށްފިއެވެ.

(ނުނިމޭ)

6 ޚިޔާލު

  1. ޝައިތާނާ ތިހާ ފަސޭހައިން ބަލި ގަބޫލެއް ނުކުރާނެ. ޢަދި ކޮންމެވެސް ދިމާލަކުން މީހަކު އަތުއަޅުވާލައިގެން ކާގެ ޚަރާބުކުރެވޭތޯ ބަލާނެ.ކުރިއަށް އޮތް ބަޔަށް އިންތިޒާރުކުރަން.

  2. ވަރަށް ހިތްހަމަޖެހޭ ވާހަކައެއް.ލިޔުންތެރިކަން ވަރަށް މުއްސަނދި.ނަޢީމުގެ ލިޔުންތަކަކީ މުޖުތަމަޢަށް
    ފައިދާހުރި ލިޔުންތަކެއްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ،
    ވ.ބޮޑަށް ޝުކުރިއްޔާ !

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.